އައްޑޫ ބަހުރުވައިން ހުތުބާ ކިޔައިގެން ސަސްޕެންޑް ކުރި ޚަތީބުގެ ސަސްޕެންޝަން އުވާލައިފިއެވެ.

އެ މައްސަލައިގައި ސަސްޕެންޑް ކޮށްފައިވަނީ ސ. މީދުއަށް ނިސްބަތްވާ މުހައްމަދު ރަޝީދުއެވެ. އޭނާ ސަސްޕެންޑުކޮށްފައިވަނީ 10 ޖުލައި 2018 ގައި ގެޒެޓްކޮށްފައިވާ "ރާއްޖޭގައި އިމާމުވެ ހުކުރު ނަމާދާއި، އީދު ނަމާދާއި، ކޭތަ ނަމާދު ކުރުމުގެ ހުއްދަ ދިނުމުގެ އުސޫލު" އާ ހިލާފަށް އައްޑޫ ސިޓީ މީދޫގައި ހުކުރު ހުތުބާ ކީ މައްސަލައެއްގައި މިދިޔަ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހުއެވެ.

އިސްލާމިކް މިނިސްޓްރީން އޭރު ބުނެފައިވަނީ އޭނާ ސަސްޕެންޑް ކޮށްފައިވަނީ އައްޑޫ ބަހުރުވައިން ހުތުބާ ކިޔުމުގެ އިތުރުން ހުތުބާއަށް އުނި އުތުރުމުގެ ގަނައުމުގެ ސަބަބުން ކަމަށެވެ.

އެ މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް މިރޭ ވިދާޅުވީ ސަސްޕެންޑް ކުރި ޚަތީބުގެ ސަސްޕެންޝަން މިހާރު އުވާލައިފައިވާ ކަމަށެވެ. އޭނާގެ ސަސްޕެންޝަން އުވާލާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ކަމަށެވެ.

ސަސްޕެންޝަން އުވާލުމުން މުހައްމަދު ރަޝީދު ވަނީ މިއަދު މީދޫގެ މަސްޖިދު އިބްރާހިމް މަޖުދުއްދީނުގައި އިމާމުވެ ހުކުރު ނަމާދު ކޮށްފައެވެ.