އެމްޑީޕީ އޮއްވައި އެ ޕާޓީގެ ތެރެއިން ވަކި ނެޓްވޯކެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަސައްކަތް ކުރެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރުފަހު ކުރިއަށް ގެންދިޔަ "އާސްކް ސްޕީކާ" ޕްރޮގްރާމްގެ ހަ ވަނަ އެޕިސޯޑުގައި، ތަބަކަށްލާފައި ރައީސް ސޯލިހަށް ރިޔާސީ ޓިކެޓްދެއްވައި ވެރިކަމަށް ގެނައުމާދޭތެރޭ ދެކެވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ، އާންމުންގެ ތެރެއިން މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަޖިލިސް ރައީސް މިއަދު ވިދާޅުވީ، ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު 2019 ވަނަ އަހަރާ ހަމައަށް މަސައްކަތް ކުރެއްވީ އެމަނިކުފާނާ ވަރަށް ގުޅިގެން ކަމަށެވެ.

އެހެން ނަމަވެސް އޭގެ ފަހުން މަސައްކަތް ކުރެއްވީ ވެރިކަމުގެ ބާރު ޖަމާ ކުރެއްވުމަށް ކަމަށްވެސް ވިދާޅުވިއެވެ. އޭގެ އިތުރުން އެމްޑީޕީން ތެރެއިން އިތުރު ނެތްޓްވޯކެއް އުފެއްދުމަށް ރައީސް ސޯލިހު މަސައްކަތް ކުރެއްވި ކަމަށްވެސް ރައީސް ނަޝީދު ތުހުމަތު ކުރެއްވިއެވެ.

"2019 އަށްފަހު ދެން މަސައްކަތް ކުރެއްވީ ބޮޑަށް ބާރު ޖަމާ ކުރުމަށް، ޕަވާ ކޮންސެލިޑޭޓް ކުރުމަށް ބާރު ޖަމާކުރަން. އަޅުގަނޑު ދުއްތަނުގައި އެއީ މިއަހަރުގެ މެދެއްހާތަނަށް، އެހެން ނަމަވެސް އެހެން ނެޓްވާކެއް އެމްޑީޕީ އޮއްވައި އުފެއްދުން އެއީ ފަސޭހަ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކޭގޮތުގައި ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައެއްނުގަތް. އެއީ 2022 ވަނަ އަހަރުގެ މެދަކާ ހަމައަށްދިޔަތަނުގައި އެކަން މާބޮޑަށް ސާފުވެއްޖެ،" އެއަށްފަހުގައި ރައީސް ސޯލިހު ހުންނެވީ އެނބުރެވޭނެ ދިމާލެއްނެތިފައި ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ސަރުކާރުގެ ވައުދުތައް ފުއްދަމުންދިއުމާ ބެހޭގޮތުން ކުރެއްވި ސުވާލަކާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، "އަޅުގަނޑަކަށް ނުފެނޭ ވައުދުތައް ފުދިފައިވާ ކަމަކަށް، ވައުދުތަކަކީ މި ދެންނެވިހެން އެއެއް މިޔެއް ބަލައި ނުލާ ކުޑަ ރަށެއް ބޮޑު ރަށެއް ބަލައި ނުލާ ކަންކަން ކުރައްވަމުން ދިއުމެއް ނޫން،" ކަމަށްވެސް ވިދާޅުވިއެވެ.