"ވަން އޮންލައިން" ގެ ސީނީއާ ކުޅިވަރު ނޫސްވެރިޔާ މުހައްމަދު ޝަމްއޫނަށް ލ. އަތޮޅު ކައުންސިލްގެ ފަރާތުން ހާއްސަ އެވޯޑެއް ދީފިއެވެ.
ޝަމްއޫނަަށް ލިބިފައިވަނީ ލ. އަތޮޅު ކައުންސިލްގެ ފަރާތުން ދޭ ލާމަސީލު ލާމު ހައްދުންމަތި އެވޯޑުގެ ހިތްވަރު ދިނުމުގެ އިނާމެވެ.
އެ އެވޯޑް އޭނާއަށް ލިބުނީ މުޖުތަމައަށް ހިދުމަތް ކުރުމުގެ ދާއިރާއިންނާއި ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިންނެވެ.
ޝަމްއޫން ނޫސްވެރިކަމުގެ ދާއިރާއަށް ނުކުމެފައިވަނީ 2011 ވަނަ އަހަރުއެވެ. އޭނާ ވަނީ 2011 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރުގެ ނިޔަލަށް "ލާމުއެޓޯލް" ނޫހުގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. 2014 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރަށް ޝަމްއޫން މަސައްކަތް ކުރީ "ދުވަސް" ނޫހުގައި ކުޅިވަރު ނޫސްވެރިއެއްގެ ގޮތުގައެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރަށް ޝަމްއޫން ވަނީ "ވަގުތު" ނޫހުގައި ވެސް ކުޅިވަޅު ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.
އެއަށްފަހު "ސަން އޮންލައިން" ނޫހުގައި ޝަމްއޫން ވަނީ ހަތަރު މަހަށް ކުޅިވަޅު ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. ޝަމްއޫން "ވަން އޮންލައިން" ގައި މަސައްކަތް ކުރަން ފެށީ 2019 ވަނަ އަހަރުއެވެ. "ވަން" ގައި ކުޅިވަޅު ނޫސްވެރިއެއްގެ ގޮތުގައި ޝަމްއޫން މިހާރު ވެސް މަސައްކަތް ކުރަމުންދާ އިރު، އޭނާ އަކީ "ވަން" ކިޔުންތެރިންގެ އިތުބާރު ހޯދާފައިވާ ނޫސްވެރިއެކެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ކުޅިވަރު އެވޯޑަށް ޝަމްއޫން ވަނީ ދެ ފަހަރު ނޮމިނޭޓްވެފައެވެ.