އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 42.6 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކުރަން ވޯޓު ދެއްވާފައިނުވާ އެމްޑީޕީގެ މަޖިލިސް މެމްބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއިން ސަޕްލީމެންޓްރީ ބަޖެޓުވެސް ފާސްކުރީ، އެވަގުތު ޖަލްސާގައި ތިއްބެވި 78 މެމްބަރުންގެ ތެރެއިން 61 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. އެމްޑީޕީގެ ހަތް މެމްބަރަކް ވިޕް ލައިނާ ހިލާފަށް ބަޖެޓް ފާސްކުރަން ވޯޓު ދެއްވާފައެއް ނުވެއެވެ.

  • މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
  • ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު
  • މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
  • މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑެ)
  • އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު
  • ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު
  • ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް

އަސްލަމް "ވަން" އަށް މިރޭ ވިދާޅުވީ ބަޖެޓް ފާސްކުރަން ވޯޓު ނުދެއްވާ މެމްބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށާއި ވިފް ލައިނާ ހިލާފުވާ މެމްބަރުންނަށް ފިޔަވަޅު އަޅަންވާނެ ކަމަށް އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އަސްލަމް ވިދާޅުވީ ވިޕްލައިނާ ހިލާފުވާ މެމްބަރުންނަށް ފިޔަވަޅު އަޅަންވީ ގޮތްތައް އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށާއި ވިފްލައިނާ ހިލާފުވެއްޖެނަމަ، އެ ހިލާފުވާ މެމްބަރަކާ މެދު ފިޔަވަޅު އަޅަން އޭނާއަށް މަޖުބޫރުވާ ކަމަށާއި އެކަން ނުކޮށް ދޫކޮށް ނުލައްވާނެ ކަމަށެވެ.

"ފިޔަވަޅު އަޅާނެ، ތުނޑުން ތުނޑަށް ފިޔަވަޅު އަޅާނެ، ފިޔަވަޅު އަޅަންވާނެ ކަމަށް ވެސް އޮންނަނީ. ވިޕާ ހިލާފުވީމާ އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ. އެއީ އޮޓޮމެޓަކުން ވާނެ ކަންތައް. އަޅުގަނޑު ބޭނުންވިޔަސް އެބަޖެހޭ ފިޔަވަޅު އަޅަން، އަސާސީ ގަވާއިދުގައި އޮންނަނީ އެގޮތަށް،" އަސްލަމް ވިދާޅުވިއެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ވިޕް ލައިނާ ފުރަތަމަ ހިލާފުވުމުން ނަސޭހަތް ދޭންވާނެއެވެ. ދެ ވަނަ ފަހަރަށް ހިލާފުވުމުން ނަސޭހަތްދީ، މާފަށް އެދެން އެންގާނެއެވެ. ތިން ވަނަ ފަހަރަށް ހިލާފުވުމުން ޕާޓީން ދޭ ބައެއް އިނާޔަތްތައް ކަނޑައިލާނެއެވެ. ހަތަރު ވަނަ ފަހަރަށް ހިލާފުވުމުން، ޕާޓީގެ މަގާމެއްގައި ހުރި މީހެއް ނަމަ މަގާމުން ވަކިކޮށް، އިންތިހާބެއްގައި ކުރިމަތިލުން އެއް އަހަރު ދުވަހަށް މަނާކުރާނެއެވެ. ފަސް ވަނަ ފަހަރަށް ހިލާފުވުމުން، ޕާޓީން ވަކިކުރާނެއެވެ.

ވިޕްލައިނާ ހިލާފުވި މެމްބަރުންގެ ތެރޭގައި އެމްޑީޕީގެ މަގާމުތަކުގައި ތިއްބެވި މެމްބަރުން ވެސް ހިމެނިވަޑައިގަންނަވާކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ އޭގެ ތެރެއިން ބައެއް މެމްބަރުން މަޖިލީހުގެ ބައެއް ކޮމިޓީތަކުގެ މުގައްރިރުގެ މަގާމު ވެސް އަދާކުރައްވަމުންދާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޕާޓީން ނެރޭ ވިޕްލައިނާ ހިލާފުވާ މެމްބަރުންނަށް ޕާޓީގެ އަދި މަޖިލީހުގެ ކޮމިޓީގެ މުގައްރިރުގެ މަގާމުގައި ވެސް ހުރެވިގެން ނުވާނެ،" އަސްލަމް ވިދާޅުވިއެވެ.

އެމްޑީޕީގެ ހަތް މެމްބަރަކު ބަޖެޓް ފާސްކުރަން ވޯޓު ނުދެއްވި އިރު، އެ މެމްބަރުން ނިސްބަތްވަނީ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށެވެ. ދެ ފެކްޝަން މެދުގައި ވާދަވެރިކަން ބޮޑުވެ ބަޖެޓް ފާސްކުރަން ވޯޓަށް އެހި އިރު ޖަލްސާއަށް ހާޒިރުވެފައެއް ނުވެއެވެ.

އަސްލަމް ވިދާޅުވީ، ބަޖެޓް ފާސްކުރާ ޖަލްސާއަށް ހުރިހާ މެމްބަރުން ހާޒިރުވާން އަންގާފައިވާނެ ކަމަށާއި އެ މެމްބަރުން ޖަލްސާއަށް ހާޒިރުނުވި ސަބަބު ބަލާނެ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

ޖީއެސްޓީ ހަ ޕަަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރަން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރި ޓެކްސް ބިލްގެ ވިޕް ލައިނާ ހިލާފަށް ވޯޓު ދެއްވި މެމްބަރުންނަށް ފިޔަވަޅު އަޅަން ވެސް ވަނީ ނިންމައިފިއެވެ. އެ މެމްބަރުންގެ ތެރޭގައި މިއަދުވެސް ވިޕްލައިނާ ހިލާފުވި ބައެއް މެމްބަރުން ހިމެނިވަޑައިގަންނަވައެވެ.