އަބުރާ ބެހުނު ކަމަށް ބުނެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ)އާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ރައީސް ނަޝީދުގެ ފަރާތްޕުޅުން އެ މައްސަލަ ސިވިލް ކޯޓަށް ވެއްދީ އެ މަނިކުފާނުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރުގެ ލޯ ފާމް, ލިޓިގަންޓްސް އިންނެވެ.

ލިޓިގަންޓްސް އިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ރައީސް ނަޝީދު ގަތުލު އާންމެއް ހިންގަން އުޅުނު ކަމަށް ބުނެ އެ މަނިކުފާނުގެ އަބުރަށް ގެއްލުން ލިބޭ ގޮތަށް ޝަރީފު ޓުވީޓެއް ކުރައްވާފައިވާތީ, ޝަރީފުގެ ކިބައިން އަބުރާބެހުމުގެ އަމަލެއް ހިންގާފައިވާ ކަމަށް ކަނޑައަޅައި ދިނުމަށާއި އަބުރާ ބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު އެ ފަރާތުގެ ކިބައިން ނަގައިދިނުމަށް އެދިއެވެ.

އެގޮތުން ރައީސް ނަޝީދުގެ ކިބައިން ކޯޓުގައި އެދިފައިވަނީ އެ މަނިކުފާނަށް ނިސްބަތްކޮށް ޝަރީފު ކުރި ޓުވީޓުގައި ލިޔެފައިވާ ދޮގުތަކުގެ ސަބަބުން އެ މަނިކުފާނަށް ލިބިވަޑައިގެންނެވި މައުނަވީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 10 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ.

ޝަރީފު ކުރެއްވި ޓުވީޓުގައި ބުނެފައިވަނީ ރައީސް މައުމޫންގެ ވެރިކަން ވައްޓާލުމަށް 50 މީހަކު މަރާލައި އެ މީހުންގެ މަރުތައް ރައީސް މައުމޫނުގެ އިސްތަށިފުޅުގައި އަޅުވަން ރައީސް ނަޝީދު ރޭއްވެވި ކަމަށެވެ. އަދި އެ އަނިޔާވެރި އަމަލު ހުއްޓުވަން އެމްޑީޕީގެ އޭރުގެ ޕާލިމަންޓްރީ ގުރޫޕުން ގަރާރެއް ފާސްކުރި ކަމަށްވެސް ބުނެފައިވެއެވެ.

ޝަރީފު ބުނެފައިވާ ގޮތުން, ރައީސް ނަޝީދު ގަތުލުއާންމެއް ހިންގަން އުޅުނީ ކުލީ ސިފައިން ރާއްޖެ ގެނެސްގެންނެވެ. އަދި ރާވާފައި އޮތީ އެ ކުލީ ސިފައިން ނޫސްވެރިންގެ ގޮތުގައި ރާއްޖެ ގެނެސް, އެމްޑީޕީގެ ބޮޑު މުޒާހަރާއެއްގެ ތެރެއިން 50 މީހުން މަރާލަން ކަމަށް އޭނާ ބުނެފައިވެއެވެ.

މި ހުރިހާ ވާހަކައެއް ރައީސް ނަޝީދު ވަނީ ދޮގުކުރައްވައިފައެވެ.