ޚަބަރު

ޅ. އަތޮޅުގެ އާރްޓީއެލް ފެރީން ހިލޭ ދަތުރުކުރެވޭ މުއްދަތު އިތުރުކޮށްފި

މުހައްމަދު ޖަމްޝަތް ވަހީދު

ޅ. އަތޮޅުގައި އެމްޓީސީސީން އަލަށް ފެށި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ހައި ސްޕީޑް ފެރީން ހިލޭ ދަތުރުކުރެވޭ މުއްދަތު އިތުރުކޮށްފިއެވެ.

މުޅި ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅައިލުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން ތައާރަފުކޮށްފައިވާ އާރުޓީއެލް ހައި ސްޕީޑް ފެރީގެ ހިދުމަތް ޅ. އަތޮޅުގައި މިދިޔަ ހަފުތާގެ ހޯމަ ދުވަހު ވަނީ ފަށައިފައެވެ.

ޕްލޭނިން މިނިސްޓްރީން ކުރިން ނިންމާފައިވާ ގޮތުން އެ އަތޮޅުގެ ރައްޔިތުން އާރްޓީއެލްގެ ދަތުރުތަކަށް އަހުލުވެރިކުރުމުގެ ގޮތުން ހިލޭ ދަތުރުކޮށްދޭނީ މިއަދުގެ ނިޔަލަށެވެ. އެ ނިންމުން ބަދަލުކޮށް ރައްޔިތުން އަހުލުވެރިކުރުމަށް ހިލޭ ދަތުރުކޮށްދޭ މުއްދަތު އިތުރުކޮށްފައިވާ ކަމަށް މިނިސްޓްރީން ވަނީ އިއްޔެ ބުނެފައެވެ. ނަމަވެސް އެއީ ކިހާ ދުވަހަކަށް ކަމެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

ޅ. އަތޮޅަކީ އާރުޓީއެލް ސްޕީޑް ފެރީ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ހިދުމަތް ދޭން ފެށި ފުރަތަމަ އަތޮޅެވެ. އެމްޓީސީސީން މައުލޫމާތު ދޭގޮތުގައި ޅ. އަތޮޅުގައި ދަތުރުކުރަން ހަމަޖެހިފައިވަނީ ތިން ރޫޓަކުންނެވެ. އޭގެ ތެރެއިން އެއް ރޫޓު ހާއްސަކޮށްފައިވަނީ މަޑިވަރު އެއާޕޯޓުން ކުރާ ދަތަރުތަކަށް ކަމަށް އެކުންފުނިން ބުންޏެވެ. އަދި މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ދެން އެންމެ އަވަހަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ދެކުނުގެ އަތޮޅުތަކުގައި ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

ޖުމުލަ ހަ ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޒޯން އެކެއްގައި ހިމެނޭ ހއ، ހދ، އަދި ށ އަތޮޅުގައި މިހާރު އަންނަނީ މި ހިދުމަތް ދެމުންނެވެ. ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ދަށުން ޒޯން 2 (ނ، ރ، ބ އަދި ޅ) އާއި ޒޯން 3 (ކ، އއ، އދ އަދި ވ) އާއި ޒޯން 4 ( މ، ފ، ދ، ތ އަދި ލ) އާއި ޒޯން 5 (ގއ އަދި ގދ) ޒޯން 6 (ސ އަދި ޏ) ގައި ހިމެނޭ ރަށްތަކަށް ސްޕީޑް ފެރީގެ ހިދުމަތް ފޯރުކޮށްދިނުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.