ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އަށް ހަމަލާދޭން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.

މެމްބަރު ނަޝީދަށް ހަމަލާ ދޭން އުޅުނީ މިދިޔަ އަންގާރަ ދުވަހު އޭނާ ގެއިން ނުކުމެގެން ސައިކަލަށް އަރަން އުޅެނިކޮށް އާޓިފިސަލް ބީޗު ކައިރިން ބޮޑުތަކުރުފާނު މަގުންނެވެ.

އެ މައްސަލައިގައި މިދިޔަ ހުކުރު ވަނީ 18 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ 30 ދުވަސް ޖަހައިފައެވެ.

ކުރިމިނަލް ކޯޓުން އޭނާ ބަންދުގައި ބަހައްޓަން ކުރި އަމުރުގައިވާ ގޮތުގައި އޭނާއަކީ މާރާމާރީ އާއި ތޫނު ހަތިޔާރު ގެންގުޅުމުގެ ކުށުގެ ރެކޯޑު އޮތް މީހެކެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށް ހެކި އެބަހުރި ކަމަށެވެ.