މި މަހުގެ ތެރޭގައި ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނަކީ މިހާތަނަށް ނާކާމިޔާބު ކޮށްލެވުނު އެންމެ ނުރައްކާތެރި ހަމަލާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީފީ ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑުގެ 29 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ރޭ ސ. ގަމުގައި އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ ހަރުކަށި ފިކުރު ފެތުރުނަ ނުދޭން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ނަަމަވެސް މުޖުތަމައުގައި އެފަދަ ނުރައްކާތައް ފަތުރައި ރައްޔިތުންނާއި މުދަލަށް ގެއްލުން ދިނުމަށް ރާވާ ފަރާތްތަކުން ހަމައެކަނި އެކަމަށް ހުސްވެ، ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
"އާންމުކޮށް ހިންގާ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމާއެކު، އޭރިއާ ކޮމާންޑުތަކުގެ ސަރަހައްދުތަކުގެ ތެރޭގައި ހިނގާ މިފަދަ ވިސްނުންތަކާއި ރޭވުންތަކަށް ފާރަވެރިވެ، އެކަންކަމުގެ މައުލޫމާތު ހޯދާ ދިރާސާކޮށް އޭގެ މައްޗަށް ބިނާކޮށް ހަރަކާތްތައް ބައްޓަންކުރުމަކީ މިއަދު ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް. މިގާބިލުކަން ސިފައިންގެ އޭރިއާ ކޮމާންޑުތަކުގައި ވަރަށް ބޮޑަށް އިތުރުކޮށް ވަރުގަދަކުރަންޖެހޭ،" މާރިޔާ ވިދާޅުވިއެވެ.
މާރިޔާ އިތުރަށް ވިދާޅުވި ގޮތުގައި، ރާއްޖެފަދަ ކުޑަ އަދި ޓޫރިޒަމަށް ބަރޯސާވެފައިވާ ނާޒުކު އިގުތިސާދެއް އޮތް ގައުމެއްގައި ޓެރަރިސްޓް ހަމަލާއެއް ދިނުން ވެގެންދާނީ، އޭގެ ގެއްލުން އެތައް އަހަރަކަށް ދެމިގެންދާނެ ކަމަކަށެވެ. އަދި ޓެރަރިޒަމްގެ ވިސްނުމުގެ މީހުން އެ މީހުންގެ ޕްރޮފެގެންޑާ ފަތުރަމުންދަނީ ސައިބާ ނުވަތަ އިންފޮމޭޝަން ޑޮމޭންގައިކަމުން، ބަދަލުވަމުންދާ މާހައުލާއި އެއްގޮތަށް ސިފައިންވެސް ބަދަލުވާންޖެހޭ ކަމަށް ވިދާޅުވިއެވެ.
މި މަހުގެ 11 އިން ފެށިގެން މާލެ އާއި އައްޑޫ އަދި ކ. ގުރައިދޫގައި ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަންގައި މިހާތަނަށް 14 މީހަކު ހައްޔަރުކޮށްފައިވައިވެ އެވެ. ފުލުހުން ބުނީ އެ މީހުން އުޅުނީ ހައްދުފަހަނައެޅި ހަރުކަށި ޖަމާއަތް ކަމަށްވާ, އައިސިސްއާ ގުޅިގެން ގޮވާތަކެތި ބޭނުންކޮށް ގިނަ ބަޔަކު މަރާލުމަށެވެ.