ޓެކްނޮލޮޖީ

ސުނެޕްޗެޓަށް ބޮޑު ބަދަލެއް، މިހާރު ކޮމްޕިއުޓަރުންވެސް ސުނެޕް ކުރެވޭނެ

އާދަމް ނަސީރު

ދިވެހި ޒުވާނުން މިހާރު އެންމެ ގިނައިން ބޭނުން ކުރާ އެއް އެޕްލިކޭޝަނަކީ ސުނެޕްޗެޓެވެ. ގުޅޭނެ ފޯނު ނަމްބަރެއް ދޭން ކުރިން ބުނި ނަމަވެސް މި ފަހަކަށް އައިސް ގިނަ ރައްޓެހިން އަހަނީ ސުނެޕްޗެޓް އައިޑީ ދިނުމަށެވެ. އެހެންކަމުން މިހާރުގެ ޒުވާނުންގެ މެދުގައި އެންމެ މަޝަހޫރު އެންމެ މަގުބޫލު ސޯޝަލް މީޑިއާ އެޕްލިކޭޝަނަކީ ސުނެޕްޗެޓް ކަމަށް ވުން ވަރަށްވެސް ގާތެވެ. ގިނަ ޒުވާނުންނަށް ސުނެޕްޗެޓް ކަމުދިޔަ ސަބަބު ތަކެއް ވެސް އެބަހުއްޓެވެ.

ސުނެޕްޗެޓަކީ ވައިބަރ އަދި ވަޓްސްއެޕް ފަދަ އެޕްލިކޭޝަން ތަކާ ވަރަށް ތަފާތު ސޯޝަލްމީޑިއާ އެޕްލިކޭޝަނެކެވެ. ގިނަ ޒުވާނުންނަށް ސުނެޕްޗެޓް ކަމުދާ އެންމެ މުހިއްމު އެއް ސަބަބަކީ އެއިން ފޮނުވާ ފޮޓޯ ވީޑިއޯ އަދި ލިއުންތައް ކިޔައި ނިމުމުން ގެއްލޭތީއެވެ. ނުވަތަ ފުހެވޭތީއެވެ. 24 ގަޑި އިރު ފަހުން ފުހެވޭ ގޮތަށްވެސް ބަދަލު ކުރެވޭނެއެވެ. ވީޑިއޯތައް ވެސް އަދި ފޮޓޯވެސް ބެލުމުން އެ ޑިލީޓްވެގެން ދާތީ ގިނަ ޒުވާނުން ދެކެނީ ސަޅި އެޕްލިކޭޝަނެއްގެ ގޮތުގައެވެ.

އެހެން ނަމަވެސް ސުނެޕްޗެޓް މަގުބޫލުވެގެން ދިޔަ އެންމެ މުހިއްމު އެއް ސަބަބަކީ ސުނެޕްކުރާ މީހުން ތިބި ހިސާބާއި ދާ ދިމާތައް ވަގުތުން ބެލޭނެ ގޮތަށް ސުނެޕްޗެޓްގެ މެޕް ނުވަތަ ލޮކޭޝަން ސުނެޕްޗެޓްގައި ހިމެނިފައިވުމެވެ. ރައްޓެހިންނާއި ތިމާގެ މީހުން ގޮސް އުޅޭ، ވަދެ އުޅޭ ހުރިހާ ތަނެއް ވަގުތުން ފެންނަ ލޮކޭޝަންގެ ބޭނުން ސުނެޕްޗެޓް ބޭނުން ކުރާ ވަަރަށް ގިނަ މީހުން ހިފައެވެ. އެހެން ކަމުން ސުނެޕްކޮށް ހަދާ މީހާ އުޅޭ ނޫޅޭގޮތް ދެނެގަންނަން ވަރަށް ފަސޭހައެވެ.

އެހެން ހުރިހާ ސޯޝަލް މީޑިއާ އެޕްތަކަށްވުރެ ކުރިން ސުނެޕްޗެޓްގެ ރައްކާތެރިކަން ބޮޑު ކަމަށް ގިނަބަޔަކު ނިންމިއެވެ. ސަބަބަކީ ފޮނުވާ ފޮޓޯއެއް އަދި ވީޑިއޯއެއް ފޯނަށް ސޭވް ކޮށް ރައްކާކުރި ކަންވެސް އެ ފޮނުވި މީހާއަށް އެނގޭ ގޮތް ހަދާފައިވުމެވެ. ސްކުރީން ފޮޓޯ ނެގި ނަމަވެސް އެ ކަންވެސް އަންގައިދޭ ގޮތް ސުނެޕްޗެޓް ފެށުނުއިރުވެސް ވަނީ ހަދާފައެވެ. އެހެން ކަމުން ސްނެޕްޗެޓްގެ މަގުބޫލުކަން ބޮޑުވެގެން ދިއުމުގައި ރައްކާތެރިކަން ހުރި މިންވަރު ބޮޑު ދައުރެއް އަދާ ކުރިއެވެ.

ނަމަވެސް ގިނަ ބަޔަކު ޝަކުވާ ކުރަމުންދާ ކަމެއްވެސް އެބައޮތެވެ. ކޮންމިއުޓަރު ކައިރީގައި އިނދެގެން ސުނެޕްޗެޓް ބޭނުން ނުކުރެވުމެވެ. ޓެލެގްރާމް އަދި ވަޓްސްއެޕް ފަދަ މެސެޖްކުރެވޭ އެޕްލިކޭޝަން ތަކަކީ ކޮމްމިއުޓަރު ކައިރީގައި އިންނައިރުވެސް ފޯނާ ނުކުޅެ ސީދާ ކޮންޕިއުޓަރުން ބޭނުން ކުރެވޭ އެޕްލިކޭޝަން ތަކެވެ. އެޕްލިކޭޝަން ކޮމްޕިއުޓަރަށް އިންސްޓޯލް ކުރާކަށްވެސް ނުޖެހެއެވެ. ވެބްސައިޓުން ލޮގިން ވެގެން މި އެޕްލިކޭސަންތައް ބޭނުން ކުރެވޭއިރު ސުނެޕްޗެޓަށް މިކަން އޮތީ ކުރިން ނުކުރެވިއެވެ.

އެހެންނަމަވެސް މިހާރު މި އޮތީ އެދުވަސް އައިސްފައެވެ. ލެޕްޓޮޕް ހިފައިގެން އިނދެ އިރުއިރުކޮޅާ ސުނެޕް ބަލަން ފޯނު ހުޅުވާކަށް ދެން ނުޖެހޭނެއެވެ. ސުނެޕްޗެޓްގެ ވެބް web.snapchat.com ބޭނުންކޮށްލުމުން ފޯނު ބަލަން ނުޖެހި ދެން ސުނެޕް ކުރެވޭނެއެވެ. އޮފީސް މަސައްކަތް ކުރަމުންވެސް މިހާރު ސުނެޕްޗެޓުން އަންނަ މެސެޖްތައް ބަލައިލުމަކީ ވަރަށް ފަސޭހަކަމެކެވެ.

ސުނެޕްޗެޓް ބޭނުން ކުރާ މީހުން ދެކޭ ގޮތުގައި އެޕްލިކޭޝަން މެދުވެރިކޮށް ފޮނުވާ ވީޑިއޯ އާއި ފޮޓޯ އަކީ ރައްކާތެރި އެއްޗެކެވެ. އެ ފޮޓޯއާއި ވީޑިއޯ ސޭވެއް ނުކުރެވޭނެއެވެ. ނުވަތަ ސުކުރީން ޝޮޓެއް ނެގިޔަސް އެނގޭނެއެވެ. އެހެންކަމުން ވީޑިއޯ ކޯލްތައްވެސް ސުނެޕްޗެޓް ބޭނުން ކޮށްގެން ޖެހުނުހާ މީހަކަށް ދަނީ ކުރަމުންނެވެ. ޖެއްސުން ކުރުމަށާއި ގޮތްނޭނގޭ މީހުންނަށްވެސް ވީޑިއޯ ކޯލް ކޮށް ބަދުއަހުލާގީ މަންޒަރު ފޮނުވާފަހަރުވެސް މަދެއްނޫނެވެ. ސުނެޕްޗެޓްވެސް އަދި އެހެން އެޕްލިކޭޝަންތަކުން ވީޑިއޯ ކޯލް ކުރިއަސް މާބޮޑު ރައްކާތެރިކަމެއް ނުލިބެއެވެ.

އެ ވީޑިއޯ ރެކޯޑް ކުރެވޭނެ ގޮތްތައް ވަރަށްވެސް ގިނައެވެ. ސްކުރީން ރެކޯޑް ކުރެވޭ އެޕްލިކޭޝަންތައްވެސް ހުރީ މަދެއްކޮށެއް ނޫނެވެ. އަދި އެފަދަ އެޕްލިކޭޝަންތައް ފޯނަށް އަޅައިގެން އެކަން ކުރާ މީހުންވެސް ވަރަށް ގިނައެވެ. ސްނެޕްޗެޓް ބޭނުންކުރާއިރު މިކަންކަމަށް ސަމާލުވުން މުހިންމެވެ.