ޚަބަރު

ޓެކްސް ބޮޑުކުރުމުން އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ފަތުރުވެރިކަމަށް 50 މިިލިއަން ޑޮލަރުގެ ގެއްލުންވާނެ: މަޓާޓޯ

މުހައްމަދު ޖަމްޝަތް ވަހީދު

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ނިންމާފައިވާ ނިންމުމާ ގުޅިގެން އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެކަނިވެސް ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ޖުމްލަ 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ)ގެ ގެއްލުމާ ކުރިމަތިލާން ޖެހޭނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބުނެފިއެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި އިސްލާހާއެކު އަންނަ ޖަނަވަރީ މަހުން ފެށިގެން ޓޫރިޒަމްގެ ހިދުމަތް ދޭ ތަންތަނުން ނަގާ ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް އަދި ޖީއެސްޓީ 6 ޕަސަންޓުން 8 ޕަސަންޓަށް ބޮޑުވާނެއެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ މިހާރު ތަސްދީގުކުރައްވާފައިވާ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރާ ބިލަށް ކަންބޮޑުވަމުން ފާޅުކުރަމުން މަޓާޓޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ބިލަކީ ރާއްޖޭގެ އިގުތިސާދު މިސްމެނޭޖު ކުރުމުގެ ނަމޫނާއެއް ކަމަށެވެ. އަދި އަންނަ އަހަރުން ފެށިގެން ޖީއެސްޓީ އާއި ޓީޖީއެސްޓީ ނަގާ މިންވަރު ބޮޑުކުރުމުން، ރާއްޖޭގެ އެންމެ އުފެއްދުންތެރި ސިނާއަތްކަމުގައިވާ، ރާއްޖޭގެ ޖުމްލަ އާމްދަނީގެ 74 ޕަސެންޓު ހިއްސާކުރާ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކުރާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

މަޓާޓޯއިން ބުނީ ޓެކްސް ބޮޑުކުރުމުގެ ސަބަބުން މިހާރު ހަދާފައިވާ ބުކިންތަކަށާއި ޓުއާ އޮޕަރޭޓަރުންނާއި ހިދުމަތްދޭ ތަންތަނަށް ކުރާ އަސަރު ދެނެގަތުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އެ މަސައްކަތުން އެނގުނު ގޮތުގައި އަވަސް އަރުވާލައިގެން ޓެކުސް ބޮޑުކުރުމުން ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތަކުގެ ބޮޑު އަސަރެއް ކުރާނީ ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

"އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް 50 މިލިއަން ޑޮލަރުގެ ގެއްލުމެއްވާނެ. އޭގެ ތެރޭގައި ރިސޯޓުތަކާއި ސަފާރީ ޔޮޓުފަހަރާއި ހޮޓަލާއި ގެސްޓުހައުސްތައް ހިމެނޭ. އަދި ޓެކްސް ބޮޑުކުރުމުން ފަތުރުވެރިކަމުގެ ސިނާއަތުގެ މަސައްކަތްތެރިންނަށްވެސް ނޭދެވޭ އަސަރުކުރާނެ. އެގޮތުން އެވެރެޖުކޮށް ކޮންމެ މުވައްޒަފަކަށް ލިބޭ ސާވިސް ޗާޖުން 2،000 ރުފިޔާ އުނިވާނެ ކަމަށް ބެލެވޭ. އެއީ ސާވިސް ޗާޖުގެ ގޮތުގައި ބަހަނީ އަގުން ޓީޖީއެސްޓީ ކެނޑުމަށްފަހު،" މަޓާޓޯއިން ބުންޏެވެ.

އެދެވޭ ވަގުތެއް ނުދީ ކުއްލިއަކަށް ޓެކްސް ބޮޑުކުރުމުން ރާއްޖެއިން ބޭރުގެ ޓްރެވެލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންނަށްވެސް އެކަމުގެ ގެއްލުމާ ކުރިމަތިވާނެ ކަމަށެވެވެ. އެގޮތުން ވިލާތުގެ އިއްތިހާދުގެ ގާނޫނުތަކުގައި އެ ސަރަހައްދުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން ކުރިން ވިއްކާފައި ހުރި ޓްރެވަލް ޕެކޭޖުތަކުގެ އަގުތައް ފަހުން ބަދަލުކުރުމަކީ މަނާ ކަމެއް ކަމަށްވެސް މަޓާޓޯއިން ބުންޏެވެ.

ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް ދިވެހި ސަރުކާރުން މިހާރު އަޅަމުންދާ ފިޔަވަޅުތައް މަޑުޖައްސައިދޭތޯ ބޭރުގެ ބައެއް އެޖެންޓުންނާއި އޮޕަރޭޓަރުން މަސައްކަތް ކުރަމުން އަންނަކަން އެނގިފައިވާ ކަމަށްވެސް މަޓާޓޯއިން ބުންޏެވެ.

އެބަޔާނުގައި މަޓާޓޯއިން ވަނީ ޓެކްސް ބޮޑުކުރުމާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިތުރުފުޅު ހެއްދެވި ކަމަށް ތުހުމަތުކޮށްފައެވެ. އެގޮތުން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަކީ އައިއެމްއެފާއި ވޯލްޑް ބޭންކުގެ އިރުޝާދަށް ފެށި ކަމެއް ކަމަށް އަމީރު ވިދާޅުވި ނަމަވެސް އެ އިދާރާތަކާއެކު އެ ޖަމްއިއްޔާއިން ދެއްކި ވާހަކަތަކުން އެއީ ހަގީގަތާ ހިލާފު ވާހަކައެއްކަން އެނގިފައިވާ ކަމަށެވެ. އަދި އެއީ ޓެކްސް ބޮޑުކުރުމުގެ ބިލު ފާސްކުރުވަން މަޖިލީހަށް އަމީރު ދެއްވި ދޮގު މައުލޫމާތެއް ކަމަށާއި އަމީރަކީ މިނިސްޓަރުކަމުގެ މަގާމު ފަދަ ޒިންމާތައް ބޮޑު މަގާމެއް އަދާކުރެއްވުމުގެ ގާބިލުކަން ނެތް ބޭފުޅެއް ކަމަށް ބުނެ އަމީރު މަގާމުން އިސްތިއުފާ ދެއްވުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލައިފައެވެ.

މަޓާޓޯ އިން ވަނީ ރާއްޖޭގެ އިގުތިސާދު ހިމާޔަތްކުރުމަށް އަވަސް ފިޔަވަޅުތައް އަޅައި ހަދާފައިވާ ގޯސްތައް ރަނގަޅުކުރުމަށް ސަރުކާރަށް ގޮވާލައިފައެވެ. އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިސް ގުޅިގެން ޓެކްސް ބޮޑުކުރާ ބިލަށް އަމަލުކުރުން ފަސްކުރުމަށާއި ޓެކުސް ބޮޑުކުރުމުން ލިބޭނެ ކަމަށް ބުނާ ފައިދާ އާއި ގެއްލުން ވަޒަންކުރުމަށް ދާއިރާގެ ހުރިހާ ބައިވެރިން ޝާމިލުވާ ގޮތަށް އާންމު މަޝްވަރާތަކެއް ބާއްވަންވެސް މަޓާޓޯއިން އެދިފައިވެއެވެ.

މުޅި ގައުމުގެ އިގުތިސޯދަށް ނުރައްކާވާ ކަމެއް ކުރުމުގެ ކުރިން ހަރަދު ކުޑަކުރަން ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ތަފުސީލު ހާމަކުރަން ޖެހޭކަން ފާހަގަކޮށް މަޓާޓޯއިން ބުނީ އެކަމުގެ ތަފުސީލެއް އަދިވެސް ފިނޭންސް މިނިސްޓަރީން ހާމަ ނުކުރާ ކަމަށެވެ.