ދެހާސް ފަނަރަ ވަނަ އަހަރުގެ މާޗު މަހުގެ 21 ވަނަ ދުވަހުގެ ރޭ ހިންގި މާރާމާރީއެއްގައި ލ. މުންޑޫ، ނޫވިލު، އަލީ ޒިޔަދަމް މަރާލި މައްސަލައިގައި އަންނަ ޑިސެމްބަރު މަހު ހުކުމް ކުރައްވާނެކަމަށް އެ މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

ޒިޔަދަމުގެ މަރާ ގުޅިގެން ދައުވާކުރަނީ ލ. މުންޑޫ، ބީޗުވިލާ، އަލީ ޝިފާމް (29އ) އާއި އެ ރަށު ހީނާވިލާ، މުހައްމަދު ޝަނޫން (24އ) އަށެވެ. ޝަނޫނާއި ޝިފާމަށް ވެސް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.

ޒިޔަދަމްގެ ބޮލަށާއި ބުރިކަށީގެ އިތުރުން ފައިގެ ފަލަމަސްގަނޑަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ އިރު، އޭނާ މުންޑޫ ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް އޭރު ފުލުހުން ވަނީ ބުނެފައެވެ. ޒިޔަދަމަށް ހަމަލާދިނީ ދައުވާ ލިބޭ ދެ މީހުންނާއި ޒިޔަދަމް ކެއްކި ބަނގުރާތަކެއް ބެހުމުގެ ތެރެއިން ޖެހުނު މައްސަލައަކާ ގުޅިގެން ކަމަށާއި މަރުވި ޒިޔަދަމް އަކީ ވައްކަމާއި މަސްތުވާތަކެތީގެ ކުށުގެ ރެކޯޑުވެސް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޒިޔަދަމްގެ މަރުގެ މައްސަލައަކީ ނުނިމި ދިގުލައިގެން ގޮސްފައިވާ މައްސަލައެކެވެ. އެ މައްސަލައިގެ ގާޒީން އެކި ފަހަރު ބަދަލުވެފައިވެސް ވެއެވެ. ޒިޔަދަމްގެ މަރުގެ މައްސަލައިގައި މިއަހަރުގެ ތެރޭގައި ވަނީ ހުލާސާ ބަޔާން އިއްވައިފައެވެ.

ގާނޫނު ބުނާ ގޮތުގައި ހުސާލާ ބަޔާން އިއްވާތާ 30 ދުވަހުގެ ތެރޭގައި މައްސަލައިގެ ހުކުމް ކުރަން ޖެހެއެވެ. ނަމަވެސް އޭގެ ކުރިން ކަމެއް ސާފުކުރަން އޮތް ނަމަ އަޑުއެހުން ބޭއްވުމުގެ އިހްތިޔާރު ގާޒީއަށް އޮވެއެވެ.

މިއަދުގެ އަޑުއެހުމަކީ ހުކުމުގެ ކުރިން ގާޒީ ސާފު ކުރައްވަން ބޭނުންވާ ކަންކަން ސާފު ކުރެއްވުމަށް ބޭއްވެވި އަޑުއެހުމެކެވެ.

މިއަދުގެ އަޑުއެހުމުގައި ގާޒީ ވިދާޅުވީ، ސިއްރު ހެކިވެރިޔާ ތިނެއްގެ ބަޔާންތަކަށް ބަލާއިރު އަލީ ޝިފާމްގެ އަތުގައި ވަޅިއެއް އޮތް ކަމަށާއި، އޭނާ ހަމަލާ ދިން ކަމަށް ބުނެފައިވާ ކަމަށެވެ. އެ ނޫން ހެކިވެރިޔަކު އެހެން ބުނެފައި ނުވާ ކަމަށާއި އެހެންކަމުން މި މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކުގެ ތެރެއިން އެ ވާހަކައަށް ބާރުލިބޭ ކަންކަން ސާފުކޮށްދޭން ގާޒީ ވަނީ ދައުލަތުގެ ކިބައިން އެދިވަޑައިގެންއެވެ.

މީގެ އިތުރުންވެސް ބައެއް ކަންކަން ސާފުކުރަން ދައުލަތުގެ ކިބައިން ގާޒީ އެދިވަޑައިގެންނެވިއެވެ. އެގޮތުން ޒިޔަދަމްއަށް ހަމަލާ ދިން ކަމަށް ބުނާ ވަޅި ތަހުގީގުގެ ތެރެއިން ރިކަވާ ކުރެވުނުތޯ އާއި އެ ވަޅިއާއި ޝިފާމްއާ ގުޅުވާލެވޭ އެއްވެސް ހެއްކެއް ހުރިތޯ ގާޒީ ސުވާލުކުރެއްވިއެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ، ސާފުކުރަން ހުރި ކަންކަމަށް އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ކުރިން ލިޔުމުން ޖަވާބުދާރީވުމަށް އަންގަވާ ކަމަށެވެ. އަދި އަންނަ މަހުގެ 18 ވަނަ ދުވަހު މި މައްސަލައިގައި ހުކުމް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.