ކުރީގެ އަނބިމީހާ އުޅޭ ގެއަށް ވަދެ އޭނާގެ ބޮލުގައި ޖަހައި މާރާމާރީ ހިންގި ފުލުހަކު ދެ މަހާއި ތިން ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފައިވަނީ، ދ. ބަނޑިދޫ، ގެލެކްސީ، އަހުމަދު އިރުޝާދުގެ މައްޗަށެވެ.
އިރުޝާދުގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލިއެވެ. އެއީ ހުއްދަ ހޯދައިގެން ވަންނަން ޖެހޭ ތަނަކަށް ހުއްދަ ނެތި ވަނުމާއި އަނިޔާކުރުމާއި މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާއެވެ. އެ ހުރިހާ ދައުވާއެއްވެސް އޭނާގެ މައްޗަށް ވަނީ ސާބިތުވެފައެވެ.
ދައުލަތުން އިރުޝާދުގެ މައްޗަށް "އަނިޔާއެއް ދިނުމުގެ" ކުށުގެ ދައުވާކޮށްފައިވަނީ، 9 ޖޫން 2018 ވަނަ ދުވަހުގެ 17:30 އެހާކަންހާއިރު، މ. ހަވީރީނާޒްގޭގެ ދެވަނަ ފަންގިފިލާއަށް ގޮސް، އެ އެޕާޓްމަންޓަށް ވަދެ، ދަފްތަރު ނަންބަރު ރސ 10291، މާލެ، ޝައުފާ އަހުމަދުދީދީގެ ބޮލުގައި ޖަހައި ޝައުފާއަށް އަނިޔާކޮށްފައިވާތީއެވެ.
އެ މައްސަލައިގެ އިބްތިދާއީ މަރުހަލާގައި އިރުޝާދު ވަނީ ދައުވާތަކަށް އިންކާރުކޮށް ދިފާއުވުމަށް ހެކި ހުށަހަޅައިފައެވެ. ދައުލަތުންވެސް ވަނީ ދައުވާ ސާބިތުކުރަން ހެކިތަކެއް ހުށަހަޅައިފައެވެ. އޭގެ ތެރޭގައި މާރާމާރީގެ މަންޒަރު ފެނުނު މީހުންނާއި ޝައުފާގެ ހެކި ބަހާއި ޝައުފާއަށް އަނިޔާވި ކަމުގެ މެޑިކަލް ރިޕޯޓުތަކާއި ކްރައިމް ސީނަށް ދިޔަ ފުލުހުން ހިމެނެއެވެ.
ހެކިބަސް ދެމުން އަނިޔާ ލިބުނު ޝައުފާ ބުނެފައިވަނީ، އޭނާ ދިރިއުޅޭ އެޕާޓްމަންޓަކީ އިރުޝާދަށް ނުވަދެވޭނެ ގޮތަށް ކޯޓު އަމުރެއް ނަގާފައިވާ ތަނެއް ކަމަށާއި އޭރު އެގޭގައި ދިރިއުޅެނީ އޭނާއާއި އޭނާގެ ދެ ދަރީންނާއި ސާނިޔާއާއި އޭނާގެ ތިން ދަރީންނާއި ސާނިޔާގެ ފިރިމީހާ އުނައިސް ޒަކީ ކަމަށެވެ.
ހާދިސާ ހިނގީ ރޯދަ މަހެއްގެ ހަވީރުގެ ވަގުތެއްގައި ކަމަށާއި އިރުޝާދު އޭނާއަށް ފޯނުން ގުޅައި ކަރަށް ވަޅި ޖަހައި މަރާލާނެ ކަމަށް ބުނުމަށް ފަހު އެ ގެއަށް އައިސް ހަޑިހުތުރު އެއްޗެހި ގޮވައި ޒުވާބުކޮށް، ދޮރުގައި ފައިންތަޅައި ދޮރުގެ ތަޅު ހަލާކުކޮށްލައި ދޮރު ދެފަޅިކޮށްލައި ގޭތެރެއަށް ވަދެ އޭނާގެ ބޮލުގައި ދެ ފަހަރެއްގެ މަތިން ޖަހައި އޭނާގެ ވައަތުގައި ޖަހައި، ކަރުގައި ހިފައި ކަރުގައި އޮތް ފަށް ކަނޑާލިތަނުން އެގޭގައި އުޅުނު އުނައިސް އައިސް ޖަހައިގެން ނުވާނެއޭ ބުނެ އެކަން ހުއްޓުވަން އުޅުމުން އިރުޝާދު އުނައިސްއާ ދިމާއަށް އެއްޗެހި ކިޔައި މާރާމާރީއެއް ހިންގައި ދެ މީހުން ދެމީހުންނަށް މަރުގެ އިންޒާރު ދިން ކަމަށާއި އެކަން ނިމިގެން ދިޔައީ އޭނާ ފުލުހަށް ގުޅައި ފުލުހުން އައުމުން ކަމަށެވެ.
އިރުޝާދުގެ ދިފާއުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ އޭނާ ޝައުފާ އުޅޭ ގެއަށް ދިޔައީ ޝައުފާ ގުޅައިފައި އަންނަން ބުމުން ކަމަށެވެ. އެގެއަކީ އިރުޝާދު ކުލި ދައްކާ ތަނެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.
އިރުޝާދު ފާހަގަކޮށްފައިވާ ގޮތުގައި އޭނާއަކީ ފުލުހުންގެ ހިދުމަތުގައި 17 އަހަރާއި 8 މަސް ދުވަހު މަސައްކަތް ކޮށްފައިވާ މީހެކެވެ. އަދި ޖަލު ހުކުމެއް އައިސްފި ނަމަ ވަޒީފާ ގެއްލި ނަގާފައިވާ ލޯނުތައް ނުދެއްކި ދަރީން ބިކަވާނެ ކަމަށް ބުނެފައިވެއެވެ.
މުދަލަށް ގެއްލުން ދިނުމުގެ ދައުވާ އިރުޝާދުގެ މައްޗަށް އުފުލީ، މ.ހަވީރީނާޒްގެ ދެވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓްގެ ދޮރު ހަލާކުކޮށްލުމުންނެވެ. ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އުފުލީ، އެ އެޕާޓްމަންޓަށް ހުއްދަ ނެތި ވަނުމުންނެވެ.
ދައުލަތާއި ދިފާއުން ހުށަހެޅި ހެކިތަކަށް ރިއާޔަތްކޮށް މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް އިއްޔެ ކުރެއްވި ހުކުމުގައި ވަނީ އަނިޔާއެއް ދިނުމުގެ ކުށުންނާއި މުއްދަލަށް ގެއްލުން ދިނުމުގެ ކުށާއި ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުން އިރުޝާދު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅުއްވައިފައެވެ. އަނިޔާއެއް ދިނުމުގެ ކުށުގެ އަަދަބެއްގެ ގޮތުގައި ދެ މަހާއި ތިން ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރެއްވިއިރު، އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުން ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އަދި މުދަލަށް ގެއްލުން ދިން މައްސަލައިގައި އިރުޝާދަށް ނުވަ ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު