ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގައި ކަށީގެ ހުޅުތަކުގެ އޮޕަރޭޝަން ކުރުމަށް ހާއްސަ ކޭމްޕެއް ފަށައިފިއެވެ.
ކޭއާރްއެޗްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކޭމްޕު ކުރިއަށްދާނީ މިއަދުން ފެށިގެން ދެ ދުވަހުގެ ނިޔަލަށް ކަމަށެވެ. މިފަހަރުގެ ކޭމްޕުގައި ޖުމްލަ ތިން ދުވަހުގެ ތެރޭގައި ނުވަ އޮޕަރޭޝަން ކުރުމަށް ރޭވިފައިވާ ކަމަށް ކޭއާރްއެޗުން ބުންޏެވެ.
އައިޖީއެމްއެޗާ ގުޅިގެން ކުރިއަށްގެންދާ އެ ކޭމްޕުގައި އާތުރޮސްކޯޕިކް ސާޖަރީ (ކެމެރާއިން ބަލައިގެން ކުރާ ހުޅުތަކުގެ އޮޕަރޭޝަން) ވެސް ކުރާނެއެވެ. އޮޕަރޭޝަން ކުރުމުގައި އިސްކޮށް ހަރަކާތްތެރި ވާނީ ނޭޝަނަލް ހެލެތް ކެއާ އެކަޑަމީގެ ވައިސް ޑީން ހުސެއިން ޝަކީލް ކަމަށް ކޭއާރްއެޗުން ބުންޏެވެ.
މީގެ އިތުރުން އައިޖީއެމްއެޗްގެ ކަށީގެ ޑޮކްޓަރުންނާއި އެ ހޮސްޕިޓަލުގެ ހޭނައްތާ ޑޮކްޓަރުންގެ އިތުރުން ކޭއާރްއެޗްގެ ޑޮކްޓަރުން ވެސް އޮޕަރޭޝަންތަކުގައި ބައިވެރިވާނެ ކަމަށް ކޭއާރްއެޗުން ބުންޏެވެ.
އާތުރޮސްކޯޕިކް ސާޖަރީ ކޭޕްމު ކާމިޔާބުކޮށް ކުރިއަށް ގެންދިޔުމަށް ބޭނުންވާ އާލާތްތައް ހަމަކޮށް، އޮޕަރޭޝަން ކުރެވޭނެ ފަރާތްތައް އެކަމަށް ތައްޔާރުކުރުމުގެ މަސައްކަތް ކޭއާރްއެޗް ކަށީގެ ޑިޕާޓުމެންޓުން ކުރަމުންދާ ކަމަށް ކޭއާރްއެޗުން ބުންޏެވެ.
ކޭމްޕުގައި ކަކުލުހުޅުގެ އޮޕަރޭޝަންތަކެއް ކުރުމަށް ހަމަޖެހިފައިވާ އިރު، އޮޕަރޭޝަނަށްފަހު ހޭދަވާ މުއްދަތަކީ ވަރަށް މުހިންމު ދުވަސްތަކެއް ކަމަށާއި އެހެންކަމުން ފުރަތަމަ ތިން މަހާއި ބައި، ހޮސްޕިޓަލުގެ ފިޒިއޮތެރަޕީ ޑިޕާޓްމެންޓުން ފަރުވާ ހޯދަންވާނެ ކަމަށް ކޭއާރްއެޗުން ބުންޏެވެ.
ކޭއާރްއެޗުން ބުނީ ހުޅުތަކުގެ އޮޕަރޭޝަންތައް ކުރުމަށް ބޭނުންވާ އެތައް ބަޔަކު އެ ސަރަހައްދުގައި އެބަތިބި ކަމަށާއި އެހެންވެ އަވަސް މުސްތަގުބަލެއްގައި އެފަދަ އިތުރު ކޭމްޕެއް ބޭއްވުމަކީ ހޮސްޕިޓަލުގެ އަމާޒެއް ކަމަށެވެ.
މިދިޔަ ހަތަރު އަހަރު ތެރޭގައި ކޭއާރްއެޗުން ވަނީ ޑޮކްޓަރުންނާއި ނަރުހުންގެ އަދަދު ބޮޑުތަނުން އިތުރުކޮށް އެމްއާރުއައި އަދި ތެރަޕިއުޓިކް ހިދުމަތްތައް ދޭން ފަށައިފައެވެ. އަދި ކަށީގެ އޮޕަރޭޝަންތައް ކުރުމަށް ބޭނުންވާ މެޝިނަރީ އާއި އާލާތްތައް އިތުރުކޮށް ކަށީގެ އަދި ޓްރޯމާ އޮޕަރޭޝަންތައް ވެސް އެ ހޮސްޕިޓަލުން ވަނީ ކޮށްފައެވެ.