ގަތަރު ވޯލްޑްކަޕް 2022 އަށް ހާއްސަކޮށް، ވަން މީޑިއާ ގުރޫޕުން ނެރުނު މުބާރާތުގެ މެޗު ޝެޑިއުލް (ސްކޯޗާޓް) މަދަނީ ޖަމިއްޔާތަކަށް ހިލޭ ދޫކުރަން ފަށައިފި އެވެ.

"ވަން" ގެ ސޭލްސް އެންޑް މާކެޓިން އިން ބުނީ، މި ޗާޓު ހިލޭ ދޫކުރަން ނިންމާފައި ވަނީ ރަށްރަށުގައި އާންމުކޮށް ހުޅުވާލައިގެން، ރައްޔިތުންނަށް ވޯލްޑް ކަޕް ބެލޭނެ އިންތިޒާމު ހަމަޖައްސައި އެކަން ކުރިޔަށް ގެންދާ މަދަނީ ޖަމިއްޔާތަކަށް ކަމަށެވެ. އެއީ ކެފޭ ރެސްޓޯރެންޓް ތަކާއި އާންމު ތަންތަނުގައި ބޮޑު ސްކްރީން ބަހައްޓައިގެން ވޯލްޑް ކަޕްގެ މެޗުތައް ބެލޭނެ އިންތިޒާމު ހަމަޖައްސައިގެން ކުރިޔަށް ގެންދާ ޖަމިއްޔާތައް ކަމަށް ވެސް ބުންޏެވެ.

މިކަން މިގޮތަށް ކުރާން ނިންމީ، ރަށްރަށުގައި ރައްޔިތުންގެ ބައިވެރިވެގެން ކުރިޔަށް ގެންދާ ވޯލްޑް ކަޕް ފޯރީގެ އުފަލުގައި "ވަން" ގެ ޓީމުންވެސް ބައިވެރިވުމުގެ މަގުސަދުގައި ކަމަށް "ވަން" ގެމެނޭޖިން އެޑިޓަރު އަލީ ރިފްޝާން ވިދާޅުވި އެވެ.

ވަން ވޯލްޑްކަޕް ގައިޑްގެ ކޮންޓެންޓް އެޑިޓަރު، އަދި ބޭރު ދުނިޔޭގެ ކުޅިވަރު އެނަލިސްޓް، އިމާދު ލަތީދު ވިދާޅުވީ "ވަން ވޯލްޑް ކަޕް ގައިޑް 2022" އާއި ސްކޯ ޗާޓަކީ މި ފަހަރުގެ ވޯލްޑް ކަޕަށް ހާއްސަކޮށް ނެރުނު އެންމެ ފުރިހަމަ އަދި އެންމެ ތަފްސީލު ގައިޑް އަދި ސްކޯ ޗާޓު ކަމަށާއި އެހެން ކަމުން މި ޗާޓު، ރަށްރަށުގައި ވޯލްޑްކަޕް ފޯރި ނަގާ މާލަން ތަކަށް ހިލޭ ލިބުމަކީ މުޅި ރާއްޖެއަށް މި އަންނަ ފުޓުބޯޅަ އީދަށްވެސް ލިބޭ އިތުރު ފުރިހަމަކަމެއް ކަމަށެވެ.

"ވަން"ގެ މާކެޓިން ޓީމުން ބުނީ، މި ސްކޯ ޗާޓު ބޭނުންވާ ފަރާތްތަކުން އެކަމަށް ހެދި ހުށަހަޅާން ޖެހޭނެ ކަމަށެވެ. އެ ގޮތުން މަދަނީ ޖަމިއްޔާތަކުން އެކަމަށް އެދޭނީ ޖަމިއްޔާގެ ރަސްމީ ލެޓާހެޑުގައި ސިޓީއަކުން ކަމަށެވެ. އެ ސިޓީއާއެކު ޖަމިއްޔާގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅާން ވާނެ ކަމަށްވެސް ބުންޏެވެ. ސްކޯ ޗާޓަށް އެދި ހުށަހަޅާއިރު، އެ ޖަމިއްޔާއިން ވޯލްޑްކަޕް ބެލޭނެ އިންތިޒާމު ހަމަޖައްސާފައިވާ ތަން އެނގޭން އޮންނަން ވާނެ ކަމަށްވެސް ބުންޏެވެ.

ސްކޯ ޗާޓު ބޭނުންވާ މަދަނީ ޖަމިއްޔާތަކުން އެކަމަށް އެދޭނީ ވައިބަރު ނުވަތަ ވަޓްސްއެޕް މެދުވެރިކޮށެވެ. ފޮނުވާނީ 7744464 އަށެވެ. ސްކޯ ޗާޓު ދޫކުރާނީ ވަންގެ ހެޑް އޮފީހުންނެވެ.

"ބޭނުން މިވަނީ ވޯލްޑް ކަޕް ބެލޭނެ އިންތިޒާމު ކޮށްގެން ޖަގަހަތައް ގޮތަށް ކުރިޔަށް ގެންދާ މަދަނީ ޖަމިއްޔާތަކުން އެކުރާ މަސައްކަތުގައި "ވަން" އިން ބައިވެރިވުން. އެހެންވެ އަޅުގަނޑުމެން ޕްރިންޓް ކޮށްފައިވާ ސްކޯ ޗާޓު ހުސްވަންދެން މި ފަދަ ކޮންމެ ޖަމިއްޔާއަކަށް އެއް ޗާޓު ހިލޭ ލިބޭނެ. މި ޗާޓު ހުންނާން ވާނީ ވޯލްޑްކަޕް ބަލާން ތައްޔާރުކޮށްފަ ހުންނަ ސަރަހައްދުގަ އެންމެނަށްވެސް ޗާޓު ފެންނަ ގޮތަށް ހަރުކޮށްފަ." ވަންގެ މާކެޓިން ޓީމުން ބުންޏެވެ.

މި ފަހަރުގެ ވޯލްޑް ކަޕާ ދިމާކޮށް ވަން އިން ނެރުނު ވޯލްޑްކަޕް ގައިޑަކީ މި ވޯލްޑް ކަޕާ ގުޅޭ މައުލޫމާތު ހިމަނައިގެން ރާއްޖެއިން ނެރުނު އެންމެ ތަފްސީލު ގައިޑެވެ. އެންމެ ސޮފުހާ ގިނަ ގައިޑެވެ. އެ ގޮތުން ވަންގެ ވޯލްޑް ކަޕް ގައިޑުގައި 192 ސޮފުހާ ހިމެނެ އެވެ. މި ގައިޑް ވެގެން ގޮސްފައިވަނީ މި ފަހަރު އެންމެ ގިނަ ބަޔަކަށް ކަމުދިޔަ ގައިޑަށްވެސް މެއެވެ. ވޯލްޑް ކަޕް ގައިޑް ވަން އިން ވިއްކަމުން އަންނަ އިރު، ފޮތެއްގެ އަގަކީ 100 ރުފިޔާ އެވެ. ގަންނަ ކޮންމެ ފޮތަކާ އެކު ސްކޯ ޗާޓެއް ހިލޭ ލިބޭނެ އެވެ.