ޚަބަރު

ކޮކާކޯލާގެ ވޯލްޑްކަޕް ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

ރިފާ ހަލީލު

ފީފާ ވޯލްޑް ކަޕް ގަތަރު 2022 އަށް ތައްޔާރުވުމުގެ ގޮތުން ކޮކާ-ކޯލާ އިން ކުރިއަށް ގެންދިޔަ ޕްރޮމޯޝަން ނިންމާލައި ނަސީބުވެރިން ހޮވައިފިއެވެ.

ކޮކާކޯލާއިން މި ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށެވެ.

"އަންކެޕް، ބިލީވް، ފްލައި"ގެ ނަން ދީފައިވާ މި ޕްރޮމޯޝަންގެ ނަސީބުވެރިން ހާމަކޮށްފައި ވަނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރު ޓީވީއެމް މެދުވެރިކޮށް ވަގުތުން ގެނެސްދިން ގުރުއަތެއްގައެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިންނާ އިނާމު ހަވާލުކޮށްފައިވާ އިރު، އަށް ފަރާތަކަށް ވަނީ އިތުރު މީހަކާ އެކު ހުރިހާ ހަރަދެއް ލިބޭ ގޮތަށް ފީފާ ވޯލްޑް ކަޕް ގަތަރު 2022ގެ މެޗެއް ލައިވްކޮށް ބަލައިލަން ގަތަރަށް ދިއުމުގެ ފުރުސަތު ލިބިފައެވެ.

އިތުރު އަށް ނަސީބުވެރިއަކަށް މި ފަހަރުގެ މުބާރާތުގައި ބޭނުންކުރާ ރަސްމީ ބޯޅަ ކަމަށްވާ "އަލް ރިހްލާ ޕްރޯ" މަރުކާގެ ބޯޅަ ލިބިފައިވެއެވެ. އެހެން ނަސީބުވެރިންނަށް ގޭމިން ކޮންސޯލާއި ފީފާ "22 ގޭމު ހިމެނޭ ބަންޑްލް" އެއްވެސް ވަނީ ދީފައެވެ. މީގެ އިތުރުން ދެން ހޮވުނު ނަސީބުވެރިންނަށް ދީފައި ވަނީ، ގޭގައި ތިބެގެން ވޯލްޑް ކަޕް ބަލާއިރު ކޮކާ-ކޯލާގެ މީރު ރަހައަށް އިންސާފުކޮށްލުމަށް ކޮކާ-ކޯލާ ކޭސްތައް ކަމަށް އެކުންފުނިން ބުންޏެވެ.

ކޮކާކޯލާ އިން ބުނީ ފުޓުބޯޅައަށް ލޯބިކުރާ ދިވެހިންނަށް ޝައުގުވެރި ޕްރޮމޯޝަންތަކާއި މުބާރާތުގެ މެޗުތައް ދެއްކުމާއި އެ ނޫން އިތުރު ހަރަކާތްތައްވެސް ކުރިއަށް އޮތްތަނުގައި ރާވާފައިވާ ކަމަށެވެ. އަދި "ކޮކާކޯލާ ފޭން ޒޯން"ގެ ނަމުގައި ވޯލްޑް ކަޕަށް ހާއްސަ ވެބްސައިޓެއް ވެސް ތައާރަފުކޮށްފައިވާ ކަމަށާއި އެ ވެބްސައިޓް މެދުވެރިކޮށް، ރާއްޖެ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަޕޯޓަރުންނަށް މެޗުތަކުގެ ސްކޯ ދިމާކޮށްގެންނާއި އެކި ކަހަލަ "ވައުދު" ވެގެން އެ މީހަކު ސަޕޯޓުކުރާ ޓީމަށް ކުރާ ސަޕޯޓު ދައްކާލެވޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ކޮކާކޯލާ ކުންފުންޏަކީ ފީފާގެ އެންމެ ގިނަ ދުވަސްވީ ކޯޕަރޭޓް ޕާޓްނަރުންގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. 1974 ވަނަ އަހަރު ރަސްމީ ސިފަ ޖެހިގެން ދިޔަ މި ގުޅުމުގެ ތެރެއިން، ކޮކާކޯލާ އިން އަންނަނީ 1978 ވަނަ އަހަރުން ފެށިގެން ފީފާ ވޯލްޑް ކަޕުގެ ކޮންމެ މުބާރާތެއް ވެސް ސްޕޮންސާކުރަމުންނެވެ. ކޮކާކޯލާ އިން ވަނީ 1950 ވަނަ އަހަރުން ފެށިގެން ކޮންމެ ފީފާ ވޯލްޑް ކަޕް މުބާރާތެއްގައި ވެސް ސްޓޭޑިއަމްތަކުގައި އިޝްތިހާރު ކޮށްފައެވެ.

ކޮކާކޯލާ އިން ވަނީ 2006 ވަނަ އަހަރުން ފެށިގެން ފީފާ ވޯލްޑް ކަޕް ޓްރޮފީ ޓުއާ އިންތިޒާމްކޮށްފައެވެ. 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ޓްރޮފީ ޓުއާ ރާއްޖެއަށް ޒިޔާރަތްކޮށް، ފީފާ ޓްރޮފީއާ އެކު ދިވެހިންނަށް މި ތަފާތު ތަޖުރިބާ ލިބުމުގެ ޝަރަފު ވަނީ ލިބިގެން ގޮސްފައެވެ.