ދުނިޔެ

އަދުގެ ދުނިޔެ: މެލޭޝިޔާގެ އިންތިޚާބުގެ ނަތީޖާއަކީ މަހާތީރަށް ދޮރު ބަންދުވެ އަންވަރަށް ދޮރު ހުޅުވުމެވެ.

އިމާދު ލަތީފު

މެލޭޝިޔާގެ އާއްމު އިންތިޚާބުގައި އެގައުމުގެ ރައްޔިތުން ހޮނިހިރުދުވަހު ވޯޓުލައިފިއެވެ. ގައުމުގެ ހުންގާނާއި ހަވާލުވާންވީ ކޮންބައެއްކަމާމެދު ބަސް އިއްވައިފިއެވެ. ރައްޔިތުން އިއްވި ބަސް އަދި މުޅިން ސާފެއް ނޫނެވެ. ކުރިލިބުނީ ކޮންބަޔަކަށްކަން އެނގޭވަރަށް އަދި ނަތީޖާ ސާފެއް ނޫނެވެ. އެހެންނަމަވެސް އެއްކަމެއް ސާފުވެއްޖެއެވެ. އުމުރުފުޅުން 97 އަހަރުވީ މަހާތީރު މުހައްމަދަށް ރައްޔިތުން ނޫނެކޭ ބުނެފިއެވެ. މެލޭޝިޔާގެ ގާނޫނުހަދާ މަޖިލީހުގައި މަހާތީރު ފުރުއްވަމުން ގެންދެވި ލަންކާވީ ދާއިރާގެ ގޮނޑިއަށް އައު ދައުރަކަށް ވާދަކުރައްވައިގެން މަހާތީރު ވަނީ ފޭލްވެފައެވެ. ލިބިވަޑައިގެންނެވި ވޯޓުގެ އަދަދަށް ބަލާއިރު މަހާތީރަށް ލިބިވަޑައިގަތީ ހަތަރުވަނައެވެ. ފުލުން ދެވަނައެވެ. ބެހެއްޓެވި ޑިޕޮޒިޓް އަނބުރާ ހޯއްދެވުމަށް ބޭނުންފުޅުވާ އަދަދަށްވެސް ވޯޓު ލިބިވަޑައެއް ނުގެންނެވިއެވެ.

މަހާތީރުގެ އުމުރުފުޅުން ވޭތުވެގޮސްފައިވާ އަހަރުތަކަށް ރިއާޔަތްކުރީމާ ވިސްނޭ އެއްޗަކީ ސިޔާސީގޮތުން މަހާތީރުގެ ކަންތައް ނިމިއްޖެކަމެވެ. މިއީ ފާއިތުވި 53 އަހަރުގެ ތެރޭގައި މަހާތީރު ވާދަކުރެެއްވި ގޮނޑިއެއް ކާމިޔާބު ނުކުރެވި އިންތިޚާބަކުން އޭނާ ފޭލްވި ފުރަތަމަ ފަހަރެވެ. މެލޭޝިޔާގެ އާއްމު އިންތިޚާބެއްގައި މަހާތީރު ދެން ވާދަކުރައްވާނޭކަމަކަށްވެސް ނުބެލެވެއެވެ. މެލޭޝިޔާގެ ގާނޫނުހަދާ މަޖިލީހުގެ ނަމަކީ "ދީވާން ރައްޔިތު" އެވެ. ރައްޔިތުންގެ ދަރުބާރެވެ. މެންބަރުންގެ އަދަދަކީ 222 އެވެ. ދެން އައު އާއްމު އިންތިޚާބެއް ބާއްވާއިރު މަހާތީރު ދުނިޔޭގައި ހުންނަވައިފިނަމަ 102 އަހަރު ހުންނާނީ ވެފައެވެ. އެހެންވީމާ މެލޭޝިޔާގެ ގާނޫނުހަދާ މަޖިލީހުގައި މަހާތީރު އަދާކުރައްވަމުން ގެންދެވި ދައުރު މިހިސާބުން ނިމި އޭނާގެ ސިޔާސީ ކެރިއަރުވެސް ނިމުނީކަމަށް ބުނެވިދާނެއެވެ.

ލަންކާވީ ދާއިރާގައި މަހާތީރަށް ނޫނެކޭ ބުނެ ފޭލްކޮށްލުމުގައި އެންމެ އިސް ދައުރެއް އަދާކުރީ ޒުވާނުންނެވެ. ހަމައެކަނި ލަންކާވީއަކު ނޫނެވެ. މުޅި މެލޭޝިއާގައެވެ. މިފަހަރުގެ އިންތިޚާބުގައި ޒުވާނުންގެ ދައުރު ވަރަށްވެސް ބޮޑެވެ. ގާނޫނަށް ގެނެވުނު އިސްލާހަކުން ވޯޓުލެވޭ އުމުރު ވަނީ ބޮޑުތަނުން ހަގުކޮށްފައެވެ. އެކާވީސް އަހަރުން އަށާރަ އަހަރަށް ވަނީ ތިރިކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެ މިލިޔަން ޒުވާނުން މުޅިން އަލަށް ވޯޓުދީފައިވެއެވެ. ޒުވާނުންގެ ތާއީދު މައިގަނޑު ގޮތެއްގައި އޮތްކަމަށް ފެންނަނީ އުމުރުފުޅުން 75 އަހަރުވީ އަންވަރު އިބްރާހީމާއި އޭނާގެ ޕަކާޓަން ހަރަޕަން ކޯލިޝަނަށެވެ. އަންވަރު ގަބޫލުކުރައްވާ ގޮތުގައި މިއީ އޭނާގެ ފަހަރެވެ. ދީވާން ރައްޔިތުގެ އަޣުލަބިއްޔަތު ލިބޭނީ އޭނާގެ ކޯލިޝަނަށެވެ. މިއީ އިސްލާހީ އެޖެންޑާއަކާއެކު އިންތިޚާބަށް އެކުލަވައިލި ކޯލިޝަނެކެވެ.

މެލޭޝިޔާގެ ބޮޑުވަޒީރަކަށް ވެވަޑައިގެންނެވުމަށް އަންވަރު އިބްރާހީމް މަސައްކަތްޕުޅު ކުރައްވާތާ ތިރީހަކަށް އަހަރު ވެއްޖެއެވެ. މިހާތަނަށް އެކަން ހާސިލެއް ނުވެއެވެ. ހަމަކޮންމެ ފަހަރަކުވެސް އަންވަރުގެ މަގު ބަންދުކޮށްލައްވަނީ މަހާތީރު މުހައްމަދެވެ. މިފަހަރު މަހާތީރުގެ މަގު ރައްޔިތުން ނުކުމެ ބަންދުކޮށްލީމާ އަންވަރަށް މިކަން ހާސިލް ކުރެއްވެންޏާ ކުރެއްވޭނެއެވެ. ނުކުރެއްވިއްޖެނަމަ ދެން މިފަދަ އައު ފުރުސަތެއް އަންވަރަށް ލިބިވަޑައިގަތުން ގާތެއްވެސް ނޫނެވެ. އައު އިންތިޚާބެއް އަންނައިރު އޭނާގެ އުމުރުންވެސް ހުންނާނީ 80 އަހަރު ވެފައެވެ. އިއްޔެގެ ވޯޓަށްފަހު މިހާތަނަށް ސާފުކުރެވުނު ނަތީޖާތަކުން ދައްކާގޮތުގައި އަންވަރުގެ ކޯލިޝަނާ އެންމެ ބޮޑަށް ވާދަކުރަނީ މިހާރުވެސް ވެރިކަން ކުރަމުން އަންނަ ކޯލިޝަނުންނެވެ. ބޮޑުވަޒީރު އިސްމާއީލް ސަބްރީގެ ބައިވެރިންނެވެ.

މެލޭޝިޔާއަށް އިނގިރޭސީންގެ ކިބައިން 1957 ގައި މިނިވަންކަން ލިބުނު ފަހުން ވަރަށްފަހަކާ ހަމައަށްވެސް މެދުނުކެނޑި ގައުމު ކޮންޓްރޯލްކުރަމުން އައީ ޔުނައިޓެޑް މެލޭ ނެޝަނަލް އޮގަނައިޒޭޝަނޭ ކިޔުނު އިއްތިހާދަކުންނެވެ. މިހާރުވެސް އެންމެ ބޮޑު އިއްތިހާދަކީ އެއީއެވެ. އެހެންނަމަވެސް ކޮރަޕްޝަނުގެ ސުންފާކަން މި އިއްތިހާދުގެ ތެރޭގައި ފެތުރި ބިންގަލަށްވެސް ގުޑުން އެރުމާ ގުޅިގެން އެމީހުންގެ އިތުބާރާއި ނުފޫޒުވަނީ ބޮޑުތަނުން ލުހިގެންގޮސްފަައެވެ. ޚާއްސަކޮށް ބޮޑެތި ސަހަރުތަކުގައެވެ. އެހެންވީމާ އައު ސަރުކާރެއް އެކުލަވައިލެވޭވަރަށް ބޮޑުވަޒީރު އިސްމާއިލް ސަބްރީއާއި އޭނާގެ މި އިއްތިހާދަށް ގޮނޑި ކޮންޓްރޯލް ކުރެވޭނެކަމަށް ފެންނަނީ ސަރަހައްދީ ޕާޓީތަކެއްވެސް ހަފޮޅުން އެތެރެކުރެވިގެންނެވެ. މިހާރު ގާނޫނުތައް ބައްޓަންކުރެވިފައިވާ ގޮތުން އައު ބަޔަކު ހަފޮޅުން އެތެރެކުރުމަކީ ދަތިކަމެކެވެ.

މެލޭޝިޔާގެ ދީވާން ރައްޔިތުގައި މިހާތަނަށް އޮތް އެންމެ ސީރިއަސް މައްސަލައަކީ އަސްވިއްކުމާއި ލަގަން ވިއްކުމުގެ މައްސަލައެވެ. ފައިސާއަށް ކޮޅު ބަދަލުކުރުމުގެ އާދައެވެ. މިކަން ހައްލުކުރުމަށް އެންމެން އެއްބަސް ކިޔައިފައި ދާދިފަހުން ގާނޫނަށް ވަނީ އިސްލާހެއް ގެނެސްފައެވެ. މި ބަދަލުގެ ސަބަބުން އެއްވެސް މެންބަރަކަށް އެމީހަކު އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލެއް ނުވެވޭނެއެވެ. ބަދަލުވަންޏާ ބަދަލުވާންޖެހޭނީ އެ ޕާޓީއަކުން އިންތިޚާބުވެފައިވާ އެންމެހައި މެންބަރުން އެކުއެކީގައެވެ. އެކަމަކު މިއީ ކޯލިޝަން ހެދުމާއި ކޯލިޝަން ބޮޑުކުރުމަށް ހުރަހެއް ނޫނެވެ. އަންވަރު އިބްރާހީމަކަސް، އިސްމާއީލް ސަބްރީއަކަސް އައު ސަރުކާރެއް އެކުލަވައިލެއްވޭނީ މިހާރު މަންޒަރު ފެންނަގޮތުން ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ކޯލިޝަން ފުޅާކުރައްވައިގެންނެވެ.