މިއަހަރު މުޅިން އަލަށް ތައާރަފުކުރި ދިވެހި ސާފިން ލީގުގެ ޗެމްޕިއަންކަން އަހުމަދު އާގިލް (އަންމަޑޭ) ހޯދައިފިއެވެ.

އަންމަޑޭ ޗެމްޕިއަންކަން ހޯދީ އަހަރު ނިމުނު އިރު، ރޭންކިން އެއްވަނައިގައި އޮވެގެންނެވެ. ޒުވާން ވާދަވެރިއެއްގެ ގޮތުގައި މިއަހަރުގެ މުބާރާތްތަކަށް ނުކުތް އަންމަޑޭ ވަނީ އެކިއެކި މުބާރާތްތަކުގައި ބޮޑެތި ކުރިއެރުންތައް ހޯދައިފައެވެ. އެގޮތުން ތަފާތު މެނޫވާސްތައް ރާއްޖޭގެ ރާޅާ އެޅުމަށް ގެނެސްދޭ އަންމަޑޭއަކީ މުސްތަގުބަލު އޮތް ސާފަރެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.

މިއަހަރު އެމްޓީސީސީ ސާފް ލީގުގެ އެންމެ ފަހު އިވެންޓް އިއްޔެ ރާޅުގަނޑުގައި ނިމިފައިވާ އިރު، އިއްޔެ އޮތީ ފައިނަލް ހީޓްތަކެވެ. އިއްޔެ ކުރިއަށް ދިޔަ މެންސް ޝޯޓް ބޯޑު ކެޓަގަރީގެ ޗެމްޕިއަންކަން މުހައްމަދު އިރުޝާދު ހޯދީ ފައިނަލުގައި ހުސައިން އަރީފް (ފުކޫ) ބަލިކޮށްފައެވެ. އެ އިވެންޓްގެ ފައިނަލް ހީޓް ކައިރިކައިރިން ދިޔަ އިރު، އިރުޝާދު ޗެމްޕިއަންކަން ނެގީ 13.33 ހޯދައިގެންނެވެ. ފުކޫ ވަނީ 13.27 ޕޮއިންޓް ހޯދައިފައެވެ.

ރަންނަމާރި ޗެލެންޖްގެ ސްޓޭންޑް އަޕް ޕެޑަލް ބޯޑު ކެޓަގަރީގެ ޗެމްޕިއަންކަން މިފަހަރު ހޯދީ ފުކޫއެވެ. އޭނާ ފައިނަލްގައި މުހައްމަދު މުއާޒް ބަލިކުރީ 14.33 ސްކޯއަކާ އެކުގައެވެ. މުއާޒްގެ ސްކޯއަކީ 8.70 އެކެވެ. ފިރިހެން ލޯންގް ބޯޑު ޗެމްޕިއަންކަންވެސް ފުކޫ ހޯދި އިރު، އޭނާ ވަނީ މިފަހަރު އަލަށް ބޭއްވި މަރުހަބާ ކަޕް، ރ. ރަސްމާދޫ ޓީމާއެކު ހޯދައިފައެވެ. އެޓީމުގައި ހިމެނުނީ ފުކޫއާއި ހުސެއިން އަރީފް (އިބޫ)، އިބްރާހިމް އަރީފް އަދި މުހައްމަދު އާރިފެވެ.

ރަންނަމާރި ޗެލެންޖްގެ މާސްޓާސް ބައިގެ ޗެމްޕިއަންކަން އަހުމަދު ރަޝީދު ހޯދީ ފައިނަލުގައި މުހައްމަދު ވިޝާލް އަލީ ބަލިކޮށްފައެވެ. ފައިނަލް ހީޓްގައި އަހުމަދު ރަޝީދު 11.83 ޕޮއިންޓް ހޯދި އިރު، ވިޝާލަށް ހޯދުނީ 8.66 ޕޮއިންޓެވެ.

ސާފިން ސީޒަނުގެ ފަހު މުބާރާތް، ރަންނަމާރި ޗެލެންޖް ފޯރިއާއެކު އިއްޔެ ނިންމާލި އިރު މި މުބާރާތުގެވެސް އަންހެން އޯޕަން ޑިވިޝަންގެ ޝޯޓް ބޯޑް ކެޓަގަރީ ނެގީ އާޔާ ނަސީމެވެ.

އިއްޔެގެ އިވެންޓްތަކަށްފަހު ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވާ އިރު، އެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ސާފިން އެސޯސިއޭޝަނުގެ އިސް ބޭފުޅުން އަދި ސްޕޮންސަރުންގެ ފަރާތުން ބައިވެރިވެފައިވެއެވެ.