ޕްރިންސިޕަލްކަމުގެ މަގާމު ދިންތާ ތިން މަސް ނުވަނީސް ގެމަނަފުށީ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުން ގއ. ގެމަނަފުށީ، ލިލީގެ، މުހައްމަދު ސައްދާމް ވަކިކުރި މައްސަލައަށް ޖަވާބުދާރީވާން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މައްޗަށް އަމުރުކޮށްފިއެވެ.

މި މައްސަލައަކީ ސައްދާމް، ގެމަނަފުށީ ސްކޫލުގެ ޓީޗަރެއްގެ ވަޒީފާ އަދާކުރަމުން ދަނިކޮށް މި އަހަރުގެ މެއި މަހުގެ 12 ވަނަ ދުވަހު އެ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމު ދިނުމަށްފަހު ވަޒީފާތަކުގައި ޕްރޮބޭޝަނަށް ކަނޑައަޅާފައި އޮންނަ ތިން މަސް ދުވަސް ވެސް ހަމަ ނުވަނީސް އޭނާ މަގާމުން ވަކިކުރުމާ ގުޅިގެން އޭނާގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެކެވެ.

ނަމަވެސް މި މައްސަލައަކީ ޓްރައިބިއުނަލަށް ބެލޭނެ މައްސަަލައެެއް ނޫން ކަަމަށް ބުނެ ސީއެސްސީން ވަނީ އިޖުރާއި ނުކުތާއެއް ނަގައިފައެވެ.

ސައްދާމް ވަޒީފާއިން ވަކިކުރި މައްސަލަ ބެލުމުގެ އިހުތިސާސް ޓްރައިބިއުނަލަށް ލިބިގެންނުވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސީއެސްސީން ނަގާފައިވާ އިޖުރާއީ ނުކުތާގައި ބުނެފައި ވަނީ، ވަޒީފާގެ ވަގުތީ މުއްދަތު ކަނޑައަޅައި، އެ މުއްދަތުގެ ތެރޭގައި މުވައްޒަފު މަގާމަށް އެކަށީގެން ނުވާ ނަމަ، އެ މުއްދަތު ހަމަވުމުގެ ކުރިން މުވައްޒަފު މަގާމުން ވަކިކުރަންވާނެ ކަމަށް ވަޒީފާއާބެހޭ ގަވާއިދުގައި ބަޔާންކުރާ ކަމަށެވެ.

އަދި ތިން މަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތެއް ވަޒީފާގެ މުއްދަތުގެ ގޮތުގައި ކަނޑައެޅިދާނެ ކަމަށް ވަޒިފާއާބެހޭ ގާނޫނުގައި ބުނާއިރު އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި ދެ ފަރާތުންކުރެ ކޮންމެ ފަރާތަކަށް އެއްބަސްވުން ބާތިލު ކުރެވިދާނެ ކަމަށްވެސް ބުނެފައިވެއެެވެ.

އެހެންކަމުން ގާނޫނާއި ގަވާއިދަށް ރިއާޔަތްކުރާއިރު ސައްދާމް ގެމަނަފުށީ ސްކޫލުގެ ޕްރިިންސިޕަލްކަމުގެ މަގާމަށް އައްޔަންކުރި ތާރީހުން ފެށިގެން ތިން މަސް ދުވަހަކީ ޕްރޮބޭޝަން މުއްދަތު ކަމަށް ބަލަންޖެހޭ ކަމަށާއި އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ޕްރޮބޭޝަން މުއްދަތުގައި ކަމަށާއި ގާނޫނަކުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު ވަޒީފާގެ ވަގުތީ މުއްދަތުގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުން އެ މައްސަލަ ބެލުމުގެ އިހުތިސާސް ވަޒިފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެން ނުވާ ކަމަށް ސީއެސްސީން ބުނެފައިވެއެވެ.

މި އިޖުރާއީ ނުކުތާއާ ގުޅިގެން ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ބުނެފައި ވަނީ ޕްރިންސިޕަލްގެ މަގާމަށް ސައްދާމް ބަދަލުުކުރި އިރު، ލިޔުމުން ވަޒީފާގެ އެއްބަސްވުމެއް ދީފައިނުވާތީ، އޭނާއަކީ ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކުރާ ފަދަ ވަޒީފާގެ ވަގުތީ މުއްދަތުގައި ވަކިކޮށްފައިވާ މުވައްޒަފެއް ކަމަށް ނުބެލެވޭ ކަމަށެވެ.

އެހެންކަމުން މި މައްސަަލައަކީ ޓްރައިބިއުނަލަށް ބެލުމުގެ އިހުތިސާސް ލިބިގެންވާ މައްސަލައެއް ކަަމަށް ކަނޑައަޅައި މި މައްސަލައަށް މައުލީގޮތުން ޖަވާބުދާރީވުމަށް ސީއެސްސީގެ މައްޗަށް އަންގައި އަމުރުުކުރާ ކަމަށްވެސް ނިންމުމުގައިވެއެވެ.