މާލެއާއި ހުޅުމާލޭގައި އިއްޔެ ރޭ އަތުލައިގެން 13 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އެންޑް ޑްރަގް އެންފޯސްމެންޓް ޓީމުން އިއްޔެ ރޭ ހިންގި އޮޕަރޭޝަނެއްގައި 13.56 ކިލޯގެ މަސްތުވާތަކެއްޗާއި 644،020 ރުފިޔާ އަތުލައިގެންފައިވާ ކަމަށެވެ.

އެ ތަކެތި އަތުލައިގެންފައި ވަނީ މާލޭގެ ދެ ގެއަކުންނާއި ހުޅުމާލޭގެ ގެސްޓްހައުސަކުން ކަމަށް ސީޕީ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަ މީހުންނަކީވެސް ދިވެހި ފިރިހެނުން ކަމަށެވެ. އަދި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން އެންމެންގެ ބަންދަށް 15 ދުވަސް ދީފައިވާ ކަމަށް ވިދާޅުވިއެވެ.

ފުލުހުން ވަނީ މިދިޔަ މަހާއި މި މަހު ގދ. ހޯނޑެއްދޫގައި ބޮޑު ޑުރަގް އޮޕަރޭޝަނެއް ހިންގައި 82 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. އެ މައްސަލައިގައިވެސް ބަޔަކު ހައްޔަރުކުރިއެވެ. ނަމަވެސް އެކަމުގެ ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.