ގައުމުތަކުގެ މުއްސަނދިކަން ގިނަފަހަރަށް ބިނާވަނީ އެގައުމަކަށް ލިބިގެންވާ ގުދުރަތީ ވަސީލަތްތަކުގެ މައްޗަށެވެ. ތެލާއި ގޭހާއި އެކިކަހަލަ މައުދަންތަކުގެ މައްޗަށެވެ. މިކަންކަމަށް ރިއާޔަތްކޮށްފައި ދުނިޔޭގައި ގުދުރަތީ އެންމެ ބޮޑު މުއްސަނދިކަމެއް ލިބިފައިވާ ދިހަ ގައުމު ތަރުތީބުކުރާއިރު ބޮޑު ތަފާތަކުން ލިސްޓުގެ އެއްވަނަ ލިބެނީ ރަޝިޔާއަށެވެ. ސްޓެޓިސްޓާއިން ހުސްވިއަހަރު ހާމަކުރި ތަފާސްހިސާބުތައް ބުނާގޮތުން ރަޝިޔާގެ ގުދުރަތީ މުއްސަނދިކަމުގެ މިންވަރަކީ 75 ޓްރިލިއަން ޑޮލަރެވެ.
ލިސްޓުގެ ދެވަނައިގައިވަނީ އެމެރިކާއެވެ. އެގައުމުގެ ގުދުރަތީ މުއްސަނދިކަމުގެ ޖުމްލައަކީ 45 ޓްރިލިއަން ޑޮލަރެވެ. މީގެ 90 އިންސައްތައަކީ ބޯޓުދެއްޔާއި ލަކުޑިއެވެ. ސައޫދީ އަރަބިޔާއަށް ލިބެނީ ލިސްޓުގެ ތިންވަނައެވެ. އެގައުމުގެ ތެލާއި ގޭހުގެ ރިޒާރވް ހިސާބުކޮށްލީމާ މުއްސަނދިކަމުގެ މިންވަރަކީ 35 ޓްރިލިއަން ޑޮލަރެވެ. ޖުމްލަ 33 ޓްރިލިއަން ޑޮލަރުގެ ވަސީލަތްތަކާއެކު ލިސްޓުގެ ހަތަރުވަނަ ލިބެނީ ކެނެޑާއަށެވެ. ކެނެޑާއަކީ ތެލާއި ގޭހުގެ އިތުރަށް ހުރިހާ ވައްތަރެއްގެ މައުދަންވެސް ހުރި ގައުމެކެވެ.
ޖުމްލަ 28 ޓްރިލިއަން ޑޮލަރުގެ ގުދުރަތީ މުއްސަނދިކަމާއެކު ދުނިޔޭގެ ޓޮޕް ޓެން ލިސްޓުގެ ފަސްވަނަ ލިބެނީ އީރާނަށެވެ. އީރާނުގެ މުއްސަނދިކަމުގެ ބޮޑުބަޔަކީ ތެލާއި ގޭހެވެ. ދެން މައުދަންތަކެވެ. ލިސްޓުގެ ހަވަނަ ލިބެނީ ޗައިނާއަށެވެ. ޗައިނާގެ ގުދުރަތީ މުއްސަނދިކަމުގެ މިންވަރުކަމަށް އަންދާޒާކުރެވޭ އަދަދަކީ 23 ޓްރިލިއަން ޑޮލަރެވެ. މިއީ މައިގަނޑު ގޮތެއްގައި މައުދަނެވެ. ލިސްޓުގެ ހަތްވަނަ ލިބެނީ ބްރެޒިލްއަށެވެ. އެގައުމުގެ މިންވަރަކީ 22 ޓްރިލިއަން ޑޮލަރެވެ.
ދުނިޔޭގެ ގުދުރަތީ މުއްސަނދިކަމުގެ ލިސްޓުން 8 ވަނަ ލިބެނީ އޮސްޓްރޭލިޔާއަށެވެ. އެއީ ގާތްގަޑަކަށް 20 ޓްރިޔަން ޑޮލަރެވެ. އޮސްޓްރޭލިޔާގެ މައިގަޑު އެކްސްޕޯޓުގެ ތެރޭގައި ބޯޓުދެލި ހިމެނެއެވެ. ލިސްޓުގެ ނުވަވަނަ ލިބެނީ އިރާގަށެވެ. ތެލާއި ގޭހާއި މައުދަންތަކުގެ ރިޒާރވަށް ބަލައިފައި އަގު އަންދާޒާކޮށްލީމާ 16 ޓްރިލިއަން ޑޮލަރަށް އަރައެވެ. ލިސްޓުގެ ދިހަވަނައިގައި ލައްވައިލަނީ ދެކުނު އެމެރިކާގެ ގައުމެއްކަމަށްވާ ވެނެޒުއެލާއެވެ. އެގައުމުގެ ގުދުރަތީ މުއްސަނދިކަމުގެ މިންވަރުކަމަށް އަންދާޒާކުރެވޭ އަދަދަކީ 14 ޓްރިލިއަން ޑޮލަރެވެ.