މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ސްލޮޓެއްގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ޝިމާޒް އަލީއަށް ހަމަލާދިނުމުގައި އޭނާގެ އާއިލާގެ ބައިވެރިވުމެއް ނޯންނާނެ ކަމަށާއި އެއީ އަބުރު ކަތިލަން ދައްކާ ވާހަކަތަކެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވިއެވެ.

ޝިމާޒަށް މިރޭގެ ވަގުތެއްގައި މަގުމަތިން ދިމާކޮށް ވަނީ ހަމަލާދީފައެވެ. ފުލުހުން މިރޭ ބުނީ އެފަދަ މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެ ހަމަލާ ކުށްވެރިކޮށް އެމްއާރްއެމް ވަނީ ހަމަލާދިން މީހުން ހައްޔަރުކޮށް ތަހުގީގުކުރުމަށް ގޮވާލައިފައެވެ. ޝިމާޒަށް ހަމަލާދިނުމުގެ ފަހަތުގައި ވަނީ ނަހުލާގެ އާއިލާއިން ކަމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.

އެކަމާ ގުޅިގެން ނަހުލާ މިރޭ ކުރެއްވި ޓުވީޓެއްގައި ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފައެވެ. އަދި ވިދާޅުވީ ޝިމާޒަށް ހަމަލާދިން މައްސަލަ ކުށްވެރިކުރާ ކަމަށެވެ.

"މައްސަލަތައް ބަލަމުންދާ ދަނޑިވަޅުގައި މިކަމަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަން މަސައްކަތްކޮށް، މިކަމުގެ ތެރޭގައި އަޅުގަނޑުގެ އާއިލާ އަށް ނިސްބަތްކޮށް ދެކެވޭ ވާހަކަތަކަކީ އަބުރު ކަތިލިމުގެ ހުތުރު އަމަލުތަކެއް،" ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތް ފަސްޖެހުމެއްނެތި ކުރައްވާނެ ކަމަށެވެ.

ކޮރަޕްޝަންގެ މައްސަލަތަކެއްގައި ޝިމާޒު ހިމެނޭ ކަމަށް ތުހުމަތުކުރެވިގެން އޭނާގެ މައްސަލަ ޓްރާންސްޕޯޓް މިނިސްޓްރީން ދަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލަތަކުގެ ތެރޭގައި ގަވާއިދާ ހިލާފަށް ވެހިކަލް ރަޖިސްޓްރީކޮށްދިން ކަމަށް ތުހުމަތުވާ މައްސަލަތަކެއްވެސް ހިމެނެއެވެ.

އެނގިފައިވާ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ޝިމާޒަށް ތުހުމަތު ކުރެވޭ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ހުށަހަޅައިފައެވެ. ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ޝިމާޒަށް ފިޔަވަޅު އަޅައިދިނުމަށް އެދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މިމަހުގެ އެއް ވަނަ ދުވަހު ސިޓީފުޅެއް ވެސް ފޮނުއްވައިފައެވެ.

ޖުމްހޫރީ ޕާޓީގެ ސްޕޯކްސް ޕާސަން، އެންވަޔަރުމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވެސް ވަނީ ޝިމާޒަށް ހަމަލާދިނުމުގައި މިނިސްޓަރު ނަހުލާ އާއި އެކަމަނާގެ އާއިލާގެ ބައިވެރިވުމެއް ނެތް ކަމަށް ވިދާޅުވެ، އެވާހަކަތައް ދޮގުކުރައްވައިފައެވެ.

"ނަހުލާގެ އެއްވެސް ޝާމިލް ވުމެއް ނޯންނާނެ ޝިމާޒަށް ދިންކަމަށް ބުނާ އެ ހަމަލާގެ. މީ ޒާތި ގޮތުން އަބުރު ކަތިލުމަށް ފަތުރާ ދޮގު ހަބަރެއް" އަލީ ސޯލިހު ވިދާޅުވިއެވެ.

އަލީ ސޯލިހު ވިދާޅުވީ، ކޮރަޕްޝަންގެ ތުހުމަތެއް ކުރެވުމުން އެކަމުގައި ސިޔާސީ މީހުންނާ މެދު ފިޔަވަޅު އަޅަން އޮންނަ އުސޫލުން ރައީސް އޮފީހަށް ޝިމާޒުގެ މައްސަލަ ނަހުލާ ފޮނުއްވުމަކީ ޒާތީވުން ނޫން ކަމަށެވެ.