މާލޭ ރާޅުގަނޑު ސަރަަހައްދުގައި ކުރިއަށް ދިޔަ ގައުމީ ސާފިން ލީގުގެ ފަހު މުބާރާތް، "ރަންނަމާރި ޗެލެންޖް"ގެ ޓީމު އިވެންޓް ކަމަށްވާ "މަރުހަބާ ކަޕް"ގެ ޗެމްޕިއަންކަން ރ. ރަސްމާދޫން ހޯދައިފިއެވެ.
މަރުހަބާ ކަޕަކީ މުޅިން އަލަށް ގައުމީ ސާފިން ލީގުގައި ހިމެނި ޓީމް އިވެންޓެކެވެ. ހަތަރު ސާފަރުން ހިމެނޭ ގޮތަށް ރަށްރަށަށް ނިސްބަތްވާ ޓީމްތަކުން މުބާރާތުގައި ވާދަކޮށްފައިވާ އިރު، ޖުމުލަ ހަ ރަށުން މަރުހަބާ ކަޕްގައި ވާދަކުރިއެވެ. މުބާރާތުގެ އުސޫލު ކަނޑައެޅިފައި އޮތް ގޮތުން ކޮންމެ ހީޓަކުން ވެސް މޮޅުވަނީ އެޓީމެއްގެ ހަތަރު ސާފަރުންގެ ސްކޯއަށް ބަލައި، ކޮންމެ ސާފަރެއް ވެސް އެންމެ މަތިން ހޯދާ ސްކޯތައް އެއްކޮށްގެން އަންނަ ޖުމުލަ ސްކޯއަކުންނެވެ.
އިސްމާއިލް ރަޝީދު (ސްމައިލީ)، ހޫދު އަހުމަދު (ހޫބްސް)، ޖައިލަމް ނިޒާރު އަދި ނަޖާހު މުހައްމަދު (ކަބޯ) ހިމެނޭ ގައްދޫ ޓީމާ މިއަދު ވާދަކުރި ރަސްމާދޫ ޓީމުގައި ހިމެނެނީ އެއްބަނޑު އެއްބަފާ ހަތަރު ބެއިން ކަމަށްވާ ހުސެއިން އަރީފް (އިބޫ)، އަބްދުﷲ އަރީފް (ފުކޫ)، އިބްރާހިމް އަރީފް އަދި މުހައްމަދު އާރިފެވެ.
މިއަދުގެ ފައިނަލް ހީޓް ފެށިގެން ފުރަތަމަ ރާޅަށް ދެޓީމުންވެސް ނެރެނީ ކެޕްޓަނުން ކަމަށްވާ ރަސްމާދޫގެ ފުކޫ އާއި ގައްދޫގެ ސްމައިލީއެވެ. ފުކޫ ތިން ރާޅު ހަމަކުރި އިރު، އެންމެ ރަނގަޅަށް ސްކޯ ކުރީ ފަހު ރާޅުގައެވެ. އެ ރާޅުގައި އޭނާ ވަނީ 7.83 ގެ ސްކޯއެއް ހަދައިފައެވެ. އަނެއްކޮޅުން ސްމައިލީއަށް ރަނގަޅު ރާޅެއް ނުލިބި އޭނާ ނިންމާލީ އެންމެ ރަނގަޅު ސްކޯއަކަށް 4.17ގެ ސްކޯއެއް ހަދައިގެންނެވެ.
ރަސްމާދޫން ކުރީކޮޅުގައި ލީޑު ނެގި އިރު، އިބްރާހީމް އަރީފް ވަނީ 3.30 ގެ ސްކޯއެއް ކޮށްފައެވެ. އަދި މުހައްމަދު އަރީފް 1.87ގެ ސްކޯއަކުން ނިންމާލި އިރު، އިބޫ ވަނީ ތަށި ޔަގީން ކުރަން ރަނގަޅު ސްކޯއެއް ހަދައިފައެވެ. އެގޮތުން އޭނާ ވަނީ ފުރަތަމަ ރާޅުގައި 8.17ގެ ސްކޯއެއް ކޮށް، ރަސްމާދުއަށް ޖުމުލަ 21.17 ޕޮއިންޓް ހަމަކޮށްދީފައެވެ.
ގައްދޫން 17.23 ގެ ސްކޯއަކުން ނިންމާލި އިރު، ސްމައިލީގެ ފަހުންވެސް އެޓީމަށް އެންމެ ރަނގަޅު ސްކޯތަކެއް ނުހެދުނެވެ. ކަބޯ 4.00ގެ ސްކޯއަކުން ނިންމާލި އިރު، ހޫބްސް ނިންމާލީ 4.93ގެ ސްކޯއަކުންނެވެ. ޖައިލަމް އެންމެފަހުން ނުކުމެ، އޭނާއަށް ހެދުނީ 4.13ގެ ސްކޯއެކެވެ.
ރަންނަމާރި ޗެލެންޖް މިއަހަރު ފޯރިގަދަކޮށް ދާއިރު، އިއްޔެ ވަނީ އަންހެން އޯޕަން ޑިވިޝަންގެ ޝޯޓް ބޯޑް ކެޓަގަރީ ނިމިފައެވެ. އެ ކެޓަގަރީގެ ޗެމްޕިއަންކަން މިފަހަރުވެސް ހޯދީ އާޔާ ނަސީމެވެ. މާދަމާ މުބާރާތުގެ ސްޓޭންޑް އަޕް ޕެޑަލް ބޯޑު ކެޓަގަރީގެ ފައިނަލްގައި ފުކޫ އާއި މުހައްމަދު މުއާޒް ވާދަކުރާ އިރު، ފިރިހެން އޯޕަން ޝޯޓް ބޯޑް ކެޓަގަރީވެސް މާދަމާ ނިމޭނެއެވެ.
މޯލްޑިވްސް ސާފިން އެސޯސިއޭޝަން
މޯލްޑިވްސް ސާފިން އެސޯސިއޭޝަން
މޯލްޑިވްސް ސާފިން އެސޯސިއޭޝަން
މޯލްޑިވްސް ސާފިން އެސޯސިއޭޝަން