ދިރާގުގެ ރީފް ހެލްތު އެސެސްމެންޓް ފޮޓޯ މުބާރާތް މިއަދު ފަށައިފިއެވެ.

ދިރާގުން މއިަދު ބުނީ ފޮޓޯ މުބާރާތް ބޭއްވުމުގެ މަގުސަދަކީ ރާއްޖޭގެ ފަރުތަކުގެ ސިއްހަތު ބަލައި ކޮންމެ އަހަރަކު އެފަދަ ޗެކަޕެއް ކުރިއަށް ގެންދިއުން ކަމަށެވެ. އަދި އެ މުބާރާތަކީ ރާއްޖޭގެ ގުދުރަތީ މާހައުލު ހިމާޔަތްކުރުމަށް ކުރާ މަސައްކަތާއި ރާއްޖޭގެ ކަނޑުއަޑި ބޭރުގެ ފަރާތްތަކަށް ދައްކާލުމަށް ކުރިއަށް ގެންދާ މުބާރާތެއް ކަމަށްވެސް ދިރާގުން ބުންޏެވެ.

ރީފް ހެލެތް އެސެސްމެންޓް ފޮޓޯ މުބާރާތް ދިރާގުން ކުރިއަށް ގެންދަނީ ޓޫރިޒަމް މިނިސްޓްރީ އާއި އޯޝަން ޖިއޯގްރަފިކް ސޮސައިޓީ އަދި މޯލްޑިވްސް އެލައަންސް އޮފް ޑައިވް އޮޕަރޭޓާސް (މަޑޯ) އާ ގުޅިގެންނެވެ.

ދިރާގުން ބުނީ ފޮޓޯ މުބާރާތުގައި ފޮޓޯ ނެގުމަށް މަޝްހޫރު 50 ޑައިވިން ސައިޓެއް ކަނޑައަޅާފައިވާ ކަމަށާއި އެއް ސައިޓަށްވުރެ ގިނަ ސައިޓުގެ ފޮޓޯ ނަގައިގެން ވެސް މުބާރާތުގައި ބައިވެރިވެވޭނެ ކަމަށެވެ. ނަމަވެސް ފޮޓޯ ނަގާ ކޮންމެ ސައިޓަކުން ފަސް ފޮޓޯގެ ޕޯޓްފޯލިއޯއެއް ހުށަހަޅަން ޖެހޭނެ ކަމަށް ދިރާގުން ބުންޏެވެ.

އެ މުބާރާތުގެ ފޮޓޯ ބައިނަލްއަގުވާމީ ޖަޖިން ޕެނަލްއަކުން ބެލުމަށްފަހު ކޮންމެ ޑައިވް ސައިޓަކުން ހުށަހަޅާ ފޮޓޯތަކުން އެއްވަނަ، ދެވަނަ އަދި ތިންވަނަ އޮނަރަބަލް މެންޝަން ހޮވާނެ ކަމަށް ދިރާގުން ބުންޏެވެ.

މުބާރާތުގައި ފޮޓޯ ހުށަހަޅާ ހުރިހާ ފަރާތްތަކަށް ވެސް ރާއްޖޭގެ ކޮރަލް ރީފް ހެލްތު އެސެސްމެންޓުގައި ބައިވެރިވިކަމުގެ ކޮންޓްރިއުބިޝަން އޮފް އެޗީވްމެންޓް ސެޓްފިކެޓް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ ފޮޓޯ މުބާރަތް ކުރިއަށް ގެންދަނީ މިއަދުން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.