އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 42.6 ބިލިއަން ރުފިޔާގެ ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރުކުރުމަށް މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީން ފާސްކޮށްފިއެވެ.

ބަޖެޓު ދިރާސާ ކުރާ ކޮމިޓީ މިއަދު ކުރިއަށްގެންދިޔަ ކޮމިޓީގައި މެމްބަރުން ހުށަހެޅުއްވި އިސްލާހުތަކުގެ ތެރެއިން ބައެއް އިސްލާހުތަަކާއި ރެކޮމެންޑޭޝަންތަކާ އެކު، އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ޖުމުލަ 160،531،484 ރުފިޔާ އިތުރުކޮށް 42،840،801،398 ރުފިޔާގެ ބަޖެޓެއް ވަނީ ފާސްކޮށްފައެވެ.

މިއަދު ކުރިއަށްގެންދިޔަ ކޮމިޓީ ބައްދަލުވުމުގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވަނީ ޖުމްލަ 14 އޮފީހެއްގެ ބަޖެޓް އިތުރުކުރުމަށާއި އުމްރާނީ ތަރައްގީ ނުވަތަ ޕީއެސްއައިޕީ މަޝްރޫއުތަކެއް ބަޖެޓުން އުނިކޮށް އާ ބައެއް މަސައްކަތްތައް ހިމެނުމަށް ހުށަހަޅުއްވައިފައެވެ. އެގޮތުން އޮފީސްތަކުގެ ބަޖެޓަށް 36.45 މިލިއަން ރުފިޔާ އިތުރުކުރުމަށާއި ޕީއެސްއައިޕީ މަޝްރޫއުތަކަށް 124.4 މިލިއަން ރުފިޔާ އިތުރުކުރުމަށް އޭނާ ހުށަހެޅުއްވިއެވެ.

އެ ހުށަހެޅުންތަކުގެ ތެރެއިން އޮފީސްތަކުގެ ބަޖެޓް އިތުރު ކުރުމަށް މެންބަރު ޔައުގޫބް ހުށަހެޅުއްވި ހުށަހެޅުމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު ތާއިދު ކުރެއްވި އިރު ޕީއެސްއައިޕީ ބަޖެޓަށް ހުށަހެޅުއްވި ހުށަހެޅުންތަކަށް ތާއީދު ކުރެއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުގުނީއެވެ.

ވޯޓަށް އެހުމުން ކޮމިޓީގައި ތިއްބެވި ސަރުކާރަށް ތާއީދު ކުރާ މެންބަރުންގެ ވޯޓާ އެކު އެ ހުށަހެޅުންތައް ވަނީ ފާސްކޮށްފައެވެ. އަދި ކޮންޓިންޖެންސީ ބަޖެޓުން 25 މިލިއަން ރުފިޔާ އުނިކޮށް އައްޑޫ ސިޓީ ދޫގަސް ތަރައްގީކުރުމަށް ހާއްސަ ކުރުމަށް މެމްބަރު ޔައުގޫބު ހުށަހެޅި ހުށަހެޅުން ވެސް ވަނީ ފާސްވެފައެވެ. މީގެ އިތުރުން ކޮމިޓީގައި މިއަދު ވަނީ ބަޖެޓަށް 11 ރިކޮމެންޑޭޝަނެއް ހުށަހެޅުމަށް ފާސްކޮށްފައެވެ.

މިއަދުގެ ބަޖެޓް ކޮމިޓީގައި ގިނަ މެމްބަރުން ވަނީ ކޮންޓިންޖެންސީ ބަޖެޓުގައި ހިމަނާފައިވާ އެއްބިލިއަން ރުފިޔާގެ ތަފްސީލު ހޯދުމަށް އެދުމަށް ވެސް ހުށަހަޅުއްވައިފައެވެ. އަދި ބައެއް މެމްބަރުން ވަނީ އެ ބަޖެޓުން ފައިސާ އުނިކޮށް ބައެއް މަޝްރޫއުތަކަށް ފައިސާ ހަމަޖެއްސުމަށް ވެސް ހުށަހަޅުއްވައިފައެވެ.

އެގޮތުން ކޮންޓިންޖެންސީ ބަޖެޓުން އުނިކޮށް ކުޅުދުއްފުށި ޕޯޓު ތަރައްގީ ކުރުމަށް 70 މިލިއަން ރުފިޔާ ހާއްސަކުރުމަށާއި ސ. ހިތަދޫ ޕޯޓު ތަރައްގީ ކުރުމަށް 70 މިލިއަން ރުފިޔާ ހާއްސަކުރުމަށާއި 80 މިލިއަން ރުފިޔާ އުނިކޮށް އައްޑޫ އެއާޕޯޓު ތަރައްގީ ކުރުމަށް ހާއްސަކުރުމަށް ބައެއް މެމްބަރުން ހުށަހެޅުއްވިއެވެ. ނަމަވެސް އެ ހުށަހެޅުންތައް ފާސްވެފައެއް ނުވެއެވެ.

މީގެ އިތުރުން މަސްވެރިންގެ ސަބްސިޑީގެ ގޮތުގައި މިފްކޯއަށް ދޭ 250 މިލިއަން ރުފިޔާ ސީދާ މަސްވެރިންނަށް ދިނުމަށާއި ފުނައްޑޫ އޮޕަރޭޝަނަށް ގެންނަން ކޮންޓިންޖެންސީ ބަޖެޓުން 70 މިލިއަން ރުފިޔާ މިފްކޯއަށް ދިނުމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ހުށަހެޅުއްވި ހުށަހެޅުންވެސް ފާހެއް ނުވެއެވެ.

މިއަދު ކޮމިޓީން ފާސްކުރި ބަޖެޓްގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ އަދަދާއި ބަޖެޓް ޑެފިސިޓަށް ބަދަލު ގެނެސްފައެއް ނުވެއެވެ.