ރަންނަމާރި ޗެލެންޖްގައި އަންހެން އޯޕަން ޑިވިޝަންގެ ޝޯޓް ބޯޑް ކެޓަގަރީގެ ޗެމްޕިއަންކަން މިފަހަރުވެސް އާޔާ ނަސީމް ހޯދައިފިއެވެ.

މިދިޔަ އަހަރުގެ ރަންނަމާރި ޗެލެންޖްގެ އަންހެން ޝޯޓް ބޯޑް ކެޓަގަރީގެ ޗެމްޕިއަންކަން ހޯދި އާޔާ މަގާމު ދިފާއުކުރީ އިއްޔެގެ ފައިނަލް ހީޓްގައި ނަހާ ނަސްރުﷲ އާއި ރިޝްތާ ސުޖާއު ބަލިކޮށްފައެވެ. އާޔާ ފައިނަލް ހީޓްގައި 8.00 ޕޮއިންޓް ސްކޯކޮށްފައިވާ އިރު، ދެވަނަ ހޯދި ނަހާއަށް ސްކޯ ކުރެވުނީ 6.50 ޕޮއިންޓެވެ. އަދި ރިޝްތާގެ ސްކޯ އަކީ 2.0 ޕޮއިންޓެވެ.

އާޔާއަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު އަންހެން ސާފަރެވެ. މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން އިންތިޒާމު ކޮށްގެން މިއަހަރު ބޭއްވި އެމްޓީސީސީ ގައުމީ ސާފް ލީގުގައި އަންހެން އިވެންޓްގެ ހުރިހާ މުބާރާތެއްގައިވެސް އެއްވަނަ ހޯދީ އާޔާއެވެ. މިފަހަރުގެ ރަންނަމާރި ޗެލެންޖުގައި އަންހެން ޝޯޓް ބޯޑް ކެޓަގަރީ އެކަނި އޮތް އިރު، ވާދަކުރީ އާޔާއެކު ޖުމުލަ ތިން އެތުލީޓުންނެވެ.

ރަންނަމާރި ޗެލެންޖް މިއަހަރު ފޯރިގަދަކޮށް ދާއިރު، ދެން ކުރިއަށް އޮތީ ފިރިހެން އޯޕަން ޝޯޓް ބޯޑް ކެޓަގަރީގެ ހަތަރު ވަނަ ބުރުގެ ހީޓްތަކުގެ އިތުރުން މިފަހަރު އަލަށް ބާއްވާ ޓީމް އިވެންޓް ކަމަށްވާ މަރުހަބާ ކަޕްގެ ފައިނަލެވެ.

މަރުހަބާ ކަޕަކީ ރަށްތައް ތަމްސީލުކުރާ އުސޫލުން ބާއްވާ ސާފިން މުބާރާތެކެވެ. ހަ ރަށަކުން މަރުހަބާ ކަޕްގައި ވާދަކޮށްފައިވާ އިރު، ފައިނަލުގައި ވާދަކުރާނީ ރ. ރަސްމާދޫ އާއި ގދ. ގައްދޫއެވެ.

ރަންނަމާރި ޗެލެންޖް މިމަހުގެ 10 ވަނަ ދުވަހު ފަށާފައިވާ އިރު، މުބާރާތުގެ ހުރިހާ އިވެންޓެއް މާދަމާ ނިމޭނެއެވެ.