އަނބިދަރިނާ އެކު ނުވަތަ އެކަނިވެސް އެކި ގައުމުތަކަށް ދަތުރު ކުރުމަކީ މިހާރު އާންމު ކަމެކެވެ. މަޝަހޫރު ހޮޓާތަކުން ކޮޓަރި ހޯދުމުގެ ބަދަލުގައި އަގު ހެޔޮ ކޮޓަރިތައް ހޯދުމަށް އެއަރބީއެންބީ ފަދަ އެޕްލިކޭޝަންތަކުގެ ބޭނުން ހިފައިގެން މީހުންގެ އެޕާޓްމަންޓްތަކުގެ ކޮޓަރިތައް ނަގާ މީހުންވެސް މިހާރު މަދެއް ނޫނެވެ. އަދި ހަމަ އެހެންމެ ގޮތްނޭނގޭ އާ ގެސްޓްހައުސްތަކުން ކޮޓަރި ނަގާ މީހުންވެސް ގިނައެވެ.
އެހެން ނަމަވެސް އަދިވެސް ސަމާލުކަން ނުދެވި އޮތް ކަމަކީ މިފަދަ ކޮޓަރި ތަކަކީ އަނބިދަރީންނާއެކު ގޮސް ތިބެން އެންމެ ރައްކާތެރި ކޮޓަރިކަން ޔަގީން ކުރުމެވެ.
ފަހުގެ ޓެކްނޮލޮޖީގެ ނުރައްކާ ދަންތުރައިގައި ޖެހި ލަތުވެތި އެތައް ކަމެއް މި ދިވެހިރާއްޖޭގައި ވެސް ދަނީ ހިނގަމުންނެވެ. އެހެން ކަމުން މިވާ ގޮތް ދެނެގަނެ ދިވެހިން ކޮޓަރިތަކަށް ވަނުމުގައި އެހާބޮޑަށް ސަމާލުކަން ދޭތަނެއް ނުފެނެވެ. ފޮރުވިފައި ހުންނަ ކެމެރާތައް ހަރުކޮށްފައިވާ ކޮޓަރިތަކާއި އެޕާޓްމަންޓްތައް ގަސްދުގައި ހެޔޮ އަގުގައި ވިއްކާ މީހުން މި މާލޭގައި ވެސް އުޅޭކަމަށް ވެއެވެ. ކުރީން ދިގުމުއްދަތަށް ދިން އެޕާޓްމަންޓްތައް މިހާރު ދުވަހު ކުއްޔަށް މި މާލޭގައި ވެސް އަދި ދުނިޔޭގެ އެހެން ގައުމު ތަކުގައިވެސް ދޭކަމީ މިއަދު އެންމެން ދަންނަ ހަގީގަތެކެވެ.
ފަހުގެ ޓެކްނޮލޮޖީގެ ނުރައްކާ އެތައްކަމެއް އަހަރެމެންގެ ތެރެއަށް ވަނީ އައިސްފައެވެ. ފޮރުވާފައިވާ (ސްޕައި ކެމެރާ) ކޮޓަރި ތަކުގައި ނުވަތަ އެޕާޓްމަންޓް ތަކުގައި ހަރު ކުރުމަކީ އެންމެ މަޝަހޫރު ހޮޓާ ތަކުގައި ވެސް ހިންގާފައިވާ ކަންކަމެވެ. މިހާރު އާންމު ކަމެއް ކަމަށް ބުނެއެވެ. އެހެން ކަމުން މިފަދަ ކެމެރާތައް ދެނެގަންނާނެ ގޮތް އެނގުމަކީ ކޮންމެ މީހަކަށްވެސް މުހިންމު ކަމެކެވެ. ފަހުން ޖެހިދާނެ ދަންތުރައަކުން ސަލާމަތްވުމަށްޓަކައެވެ.
މި ބުނާ ސިއްރު ކެމެރާތައް ދެނެގަނެވޭނެ އެއް ގޮތަކީ ކޮޓަރިއަށް ވަނުމަށްފަހު ހުރިހާ ބޮކި ތަކެއް ނިވާލުމެވެ. ގެންގުޅޭ ފޯނުގެ ކެމެރާ ޖައްސައިގެން މުޅި ކޮޓަރިތެރެ ބަލައިލުމެވެ. ސިއްރު ކެމެރާއެއް ކޮޓަރީގެ އެއްވެސް ހިސާބެއްގައި ހުރިނަމަ ފާހަގަކުރެވޭ އިންފްރާރެޑް ނުވަތަ ރަތްބޮކި (ކުޑަ ކުޑަ ރަތް ތިއްކެއް) ފެންނާނެވެ. ނުވަތަ ކަޅު އަނދިރި ކަމުގެ ތެރެއިން ކޮންމެވެސް ކަހަލަ އިންފުރާރެޑް އަލިފެންނަ ފާހަގައެއް ފޯނު ކެމެރާގެ ތެރެއިން ފެންނާނެއެވެ.
މި ބުނި ކަންކަން ފާހަގަ ކުރަން އުނދަގޫނަމަ ދެން އޮތީ ހަރުކުރާ ސްޕައި ކެމެރާ ފައިންޑަރއެއް ނުވަތަ ފޮރުވާފައިވާ ކެމެރާ ހުންނަކަން އަންގައިދޭ ޑިވައިސްއެއް ބޭނުން ކުރުމެވެ. އެކަމަށް ހާއްސަ ޑިވައިސްތައް 60 ޑޮލަރަށް މިހާރު ލިބެން އެބަހުއްޓެވެ. ފަސޭހައިން ހިފާއި ގެންގުޅެވޭ (ކެމެރާ ސްޕޮޓަރ) ބޭނުންކުރުމަކީ ފަސޭހަ އަދި ރައްކާތެރިކަން ޔަގީން ކޮށްދޭނެ ކަމެކެވެ.
ގޮތް ނޭނގޭ މީހުންގެ އެޕާޓްމަންޓް ތަކަށް ނުވަތަ ގޮތް އެނގޭ މީހެއްގެ ގެސްޓް ހައުސް ކޮޓަރިއަކަށް ދިޔަ ނަމަވެސް މިފަދަ ކަންކަމަށް ސަމާލުކަން ދޭން ޖެހެވެ. ސަބަބަކީ މިއަދުގެ ދުނިޔޭގައި ޓެކްނޮލޮޖީ އަކީ ހަމައެކަނި މީހުންގެ ފަސޭހައަކަށް ބޭނުން ކުރާ އެއްޗަކަށް ނުވުމެވެ. ފަހުގެ ޓެކްނޮލޮޖީ ތަކުގެ ނަހަމަ ބޭނުން ކުރާ އެތައް ބަޔަކު ވެސް ތިބުމެވެ. ކިތަންމެ އިތުބާރު ކުރާ މީހަކުވެސް ގޯސްކަމެއް ކޮށްލާކަށް ސިކުންތެއްވެސް ނުނަގައެވެ.
ކޮޓަރީގެ ޕްރައިވެސީ ޔަގީން ކުރުމަކީ މިއަދު ކުރަން މަޖުބޫރު ކަމެކެވެ. ސަބަބަކީ ކޮޓަރީގައި ދިއްލާ ބޮކިތެރޭގައިވެސް ފޮރުވިފައިވާ ކެމެރާ ހަރުކޮށްފައި ހުރުމެވެ. މީގެ އިތުރުން ފާހާނައިގައި ހުންނަ މޫނު ބަލާ ލޯގަނޑަކީވެސް މިޒަމާނުގެ ޓެކްނޮލީގެ އެހީގައި ފޮރުވާފައިވާ ސިއްރު ކެމެރާ ހަރުކުރެވޭ އަދި އެކި އެކި ފާޑުފާޑުގެ ލައިޓްތައްވެސް ގުޅާފައިވާ ސުމާޓް ބިއްލޫރިއަށް ވުމެވެ. އެހެން ކަމުން އަނބިދަރީންނާއެކު ނުވަތަ އެނޫންވެސް ގޮތަކަށް ބޭނުން ކުރާ ކުލީ ކޮޓަރީގެ ރައްކާތެރިކަން އިތުބާރަށް ދޫކޮށްލުމުގެ ބަދަލުގައި އަމިއްލަ ސަލާމަތަށް ޓަކައި ހުރިހާ ބޮކިތަކެއް ނިވާލުމަށްފަހު އެއްވެސް އަލިކަމެއް ނުވަތަ ރަތްކުލައިގެ އެއްވެސް ތިއްކެއް ފޯނު ކެމެރާއިން ފެނޭތޯ ބެލުމަކީ ރައްކާވެ ތިބުމަށް މިހާރު ކޮންމެހެންވެސް ކޮންލަން ޖެހޭ ކަމެވެ.
ސަބަބަކީ ހުރިހާ ބޮކިތަކެއް ނިވާލި ނަމަވެސް ހަމަ ލޮލަށް މިފަދަ އަލިކަމެއް ފާހަކަ ނުކުރެވިދާނެތީއެވެ. ހުރިހާ އެންމެންނަކީ ސިއްރު ކެމެރާ ދެނެގަންނާނެ ޑިވައިސް ގެންގުޅޭ ބަޔަކަށްވެސް ނުވެދާނެތީއެވެ.