ޓެކްނޮލޮޖީ

މައިކްރޯސޮފްޓް ވިންޑޯސްގެ ފޯން ލިންކް އެޕް: އެންޑްރޮއިޑް ފޯނު ގެންގުޅޭ މީހުންނަށް ބޮޑު ފަސޭހައެއް

އާދަމް ނަސީރު

އެޕަލް އައިފޯނާއި މެކްބުކް ލެޕްޓޮޕްތައް ގެންގުޅޭ މީހުންނަށް ކައިރީގައި ފޯނު ބާއްވައިގެން މަސައްކަތް ކޮށްލަން ވަރަށް ފަސޭހައެވެ. ސަބަބަކީ ފޯނާއި ލެޕްޓޮޕް ގުޅިފައި ހުރުމާއި ފޯނަށް އަންނަ ކޯލްތަކާއި މެސެޖްތަކަށް ލެޕްޓޮޕުން ޖަވާބު ދީ ހެދޭތީއެވެ. މި ފަސޭހަކަން އެންޑުރޮއިޑް ބޭނުން ކުރާ މީހުންވެސް ބޭނުން ވެއެވެ.

އެކަމަށް މައިކްރޮސޮފްޓުން އަންނަނީ ފޯން ލިންކް އެޕްގެ އެހީގައި އެންޑުރޮއިޑާއި ވިންޑޯސް 11 ގުޅުވައިދެމުންނެވެ. އެހެން ނަމަވެސް ފޯން ލިންކް އެޕް ބޭނުން ކޮށްގެން އަދިވެސް ފޯން ކޯލްތަކަށް ޖަވާބެއް ނުދެވެއެވެ. ފޯނު ކޯލްތަކެއް ލެޕްޓޮޕަކުން ނުކުރެވެއެވެ. އެހެން ކަމުން މައިކުރޯސޮފްޓުން ފޯންލިންކް އެޕްލިކޭޝަނަށް ބޮޑު ބަދަލެއް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ބަދަލުގެ ސަބަބުން އެންޑްރޮއިޑް ފޯނުން ސީދާ ވިންޑޯޒް 11 އަށް އޯޑިއޯ ސްޓްރީމް ކުރެވޭނެ ކަމަށް މައުލޫމާތު ލިބެއެވެ.

އެޕަލްގެ މެކް ލެޕްޓޮޕްތަކުގައި މަސައްކަތް ކުރަން ހުރެގެން އައިޕެޑް ނުވަތަ އައިފޯނެއް ގެންގުޅޭނަމަ ޑިވައިސްތަކުގެ މެދުގައި ފޮޓޯ އާއި ލިޔުންތައް އަދި ފޯނަށް އަންނަ ހުރިހާ މެސެޖެއް ބަދަލުކުރުމަކީ އާކަމެއް ނޫނެވެ. މިސާލަކަށް އައިޕެޑްގައި އައިމެސެޖެއް ފޮނުވާފައިވާނަމަ މެކްއޯއެސް ޑިވައިސްއަކުން ވާހަކަ ކުރިއަށް ގެންދެވޭނެ އެވެ. ހަމަ އެގޮތަށް ވިންޑޯޒް ލެޕްޓޮޕްތަކާއި ޕީސީތަކުގައި ވެސް މިފަދަ އެޕްލިކޭޝަނެއް މިހާރު އެއަންނަނީ ބޭނުން ކުރަމުންނެވެ. ހަމަ އެކަނި ނުވާ ކަމަކީ ފޯންކޯލް ކުރުމެވެ. އަދި އަންނަ ކޯލް ތަކަށް ޖަވާބު ނުދެވުމެވެ.

މައިކްރޯސޮފްޓްގެ ވަންޑްރައިވް އިން އެތައް ޑިވައިސްތަކެއްގައި ކޮންޓެންޓް މެނޭޖް ކުރެވޭނެ ނަމަވެސް އެންޑްރޮއިޑް ސްމާޓްފޯނާއި ވިންޑޯޒް ކޮމްޕިއުޓަރާ ދެމެދު މެސެޖުތައް ބަލައި ނުވަތަ ނޮޓިފިކޭޝަންތައް މެނޭޖްކުރުމަކީ ކުރިން ކުރެވޭ ކަމެއް ނޫނެއެވެ. އެހެން ނަމަވެސް ވިންޑޯސް 11 ގައި ހިމެނޭ ފޯނު ލިންކު އެޕްލިކޭޝަނާއެކު މިކަން މިވަނީ ނިމިގެންގޮސް ބޮޑު ފަސޭހައެއް ލިބިފައެވެ.

ސެމްސަން ނުވަތަ އެންޑުރޮއިޑް ފޯނުތަކަށް ވިންޑޯސް 11 އިން މިގެނެސްދިން ފަސޭހައާއެކު ކޮންޕިއުޓަރު އަދި ލެޕްޓޮޕްގައި މަސައްކަތް ކުރަމުން އަންނައިރު އިރުއިރުކޮޅާ ފޯނު ނަގައިގެން އެ ގެއްލޭ ވަގުތުތައް ދެން މާ ގިނަ ދުވަހެއް ނުވެ މާޒީއަށްވެދާނެއެވެ.