ރާއްޖޭގައި ހަރުކަށި ފިކުރާއި ހޭޓް ސްޕީޗް ނުވަތަ ނަފުރަތު އުފެއްދުމަށް 4،000 އަށް ވުރެ ގިނަ ވެބްސައިޓުތަކާއި ޕޭޖުތައް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިންގަމުންދާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީން އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ފޭސްބުކް، ޓުވިޓާ ފަދަ އެތައް ޕްލެޓްފޯމެއް ހަރުކަށި ފިކުރު ފެތުރުމަށް ބޭނުންކުރަމުންދާ ކަމަށެވެ.

ހަރުކަށި ފިކުރާއި ހޭޓް ސްޕީޗް ފަތުރާ 4،000 ވުރެ ގިނަ ޕްލެޓްފޯމު ފާހަގަވެފައިވާކަން ފާހަގަކުރައްވައި ހަމީދު ވިދާޅުވީ އެ ފްލެޓްފޯމުތައް ހުއްޓުވަން ގޮންޖެހުންތައް އެބަހުރި ކަމަށާއި އެ ޕްލެޓްފޯމުތަކުގެ އަޑީގައި ތިބީ ކޮން ބައެއްްކަން ދެނެގަންނަންވެސް ގޮންޖެހުންތައް އެބަހުރި ކަމަށެވެ.

"މިއަދުގެ ހަގީގަތަކީ ފިޒިކަލް ސްޕޭސް އަށްވުރެ ބޮޑަށް މިކަންކަން ހިންގަނީ ޑިޖިޓަލް ސްޕޭސް އަށް. އިންޓަނެޓްގެ އެކި ޕްލެޓްފޯމްތަކުގައި އެކި ގްރޫޕުތަކުގައި މިއާ ބެހޭ މައުލޫމާތުތައް ފެތުރުމާއި އެކި ކަހަލަ ހަމަލާތައް ރާވާނެ ގޮތްތައް ދަސްކުރުމާއި އެކި ނެޓްވޯކިންތައް ދަސްކުރުމާއި ބޭރުގެ އޮންނަ ޓެރަރިސްޓް ޖަމާއަތްތަކާ ގުޅިގެން މަސައްކަތް ކުރަނީ ވަރަށް ބޮޑަށް ޑިޖިޓަލް އެންވާރަމެންޓް ތެރޭގައި," ހަމީދު ވިދާޅުވި އެވެ.

ހަމީދު އިތުރަށް ވިދާޅުވީ ހަރުކަށި ފިކުރާއި ޓެރަރިޒަމް ހުއްޓުވުމަށް ދަތިތަކެއް ހުރި ނަމަވެސް ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި މި މައްސަލަ ހައްލުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. ހަރުކަށި ފިކުރަނީ ފުލުހުންގެ ޕްރިއޯރިޓީ ލިސްޓުގެ ތިން ވަނަ ކަމަށްވެސް ހަމީދު ވިދާޅުވިއެވެ.