އަނަން 2023 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ކަނޑައަޅާފައިވާ ބަޖެޓަށް ހަ މިލިއަން ރުފިޔާ އިތުރުކޮށްދިނުމަށް އެ ކޮމިޝަނުން އެދިއްޖެއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި އޭސީސީއަށް ކަނޑައަޅާފައިވަނީ 47.6 މިލިއަން ރުފިޔާއެވެ.
ބަޖެޓާ ގުޅެ ކަންތައްތައް ހިއްސާކުރުމަށް ބަޖެޓު ކޮމިޓީން އޭސީސީއާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ސަލީމް ވިދާޅުވީ އެ ކޮމިޝަނަށް ކަނޑައަޅާފައިވާ ބަޖެޓުގެ ތެރެއިން 75 ޕަސެންޓަށް ވުރެ ބޮޑު ބައެއް ހަރަދުވަނީ މުވައްޒަފުންގެ މުސާރައާއި އެހެނިހެން އިދާރީ ހަރަދުތަކަށް ކަމަށެވެ.
އަދި އެހެން ހަރަކާތްތަަކަށް ބަޖެޓުގައި އޮންނަނީ އެންމެ 1.5 މިލިއަން ރުފިޔާ ކަމަށާއި އެހެންކަމުން ކޮމިޝަންގެ މަސްއޫލިއްޔަތުތައް އެންމެ އެކަށީގެންވާ ގޮތުގައި އަދާކުރަން ދަތިތަކެއް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމިޓީގައި ވާހަކަދައްކަވަމުން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ، ނިއު ޕޮލިސީ އިނީޝިއޭޓިވަށް ހަތަރު މިލިއަން ރުފިޔާ ހިމަނައި ދިނުމަށް އެދުނު ނަމަވެސް ހިމަނައި ދިނީ 110،000 ރުފިޔާ ކަމަށެވެ. އެއީ މުހިއްމު ކަންތައްތައް ކުރުމަށް ހުރަސް އެޅޭނެ އަދަދެއް ކަމަށްވެސް ވިދާޅުވިއެވެެ.
ބަޖެޓް ކުޑަވުމުން ދިމާވާ ގޮންޖެހުންތައްް ފާހަގަކޮށް ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ، ކޮމިޝަންގެ ތަހުގީގުތަކަށްޓަކައި ރާއްޖެއާއި ރާއްޖޭން ބޭރަށް ދަތުރުކުރަން އޮތް ބަޖެޓުން ނުފުދޭ ކަމަށާއި އައިޓީ އިންފްރާންސްޓްރަކްޗާ ވަރުގަދަކޮށް، ސައިބާ ސެކިއުރިޓީ ވަރުގަދަ ނުކުރެވޭނެ ކަމަށެވެ.
"ކޮމިޝަންގެ ތަހުގީގަށް ބޭނުންވާ ޒަމާނީ އާލާތްތަކާއި ސޮފްޓްވެއާތައް ނުހޯދޭނެ، ލެޕްޓޮޕްތަކާއި ކޮމްޕިއުޓަރުތައް ހުރީ އާ ކުރަން ޖެހިފައި، އޮފީސް ޖާގަ ކުޑަވުމުގެ ސަބަބުން އަލަށް ނަގާ މުވައްޒަފުން ބައިތިއްބަން ޖެހެނީ ގާޒީ ބިލްޑިންގުގައި، އެވިޑެންސް ރޫމުގެ ތަކެތި ބަލަހައްޓަން ޖެހެނީ ވަކި އިމާރާތެއްގައި،" ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު