ޓެކްސް ބޮޑުކުރާ ބިލުގެ ތިންވަނަ ކިއުން ނުކިޔައި، އަދި އެބިލަށް ވޯޓަށް އެހުމަށް ޖަހަން ޖެހޭ ރަނގަބީލު ޖެހުމެއްވެސް ނެތި، ޖަލްސާގެ ކޯރަމް ނެތްކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި، ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ޖަލްސާ ނިންމާލުމުން ބައެއް މެންބަރުން ކުރި އިހުތިޖާޖުގެ ތެރެއިން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މަޖިލިސް ރިޔާސަތުގެ ގޮނޑި ކޮޅުގައި އިށީންނެވުމަކީ، ގަވާއިދާ ހިލާފަށް ކުރެއްވި ކަމެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރުހުން ފާޅު ކުރައްވައިފިއެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާ އަފީފު ނިންމަވާލެއްވީ، މަޖިލީހުގެ ގަވައިދުގައި ހިމެނޭ ތިން ކަމަކާ ހިލާފަށް ކަމަށް މެންބަރުން ވިދާޅުވެފައިވާތީ، މިއަދުގެ ޖަލްސާ ފެއްޓެވުމުގެ ގޮތުން ދެއްކެވި ވާހަކައިގައި މަޖިލިސް ރައީސް ވިދާޅުވީ، އިއްޔެ ޖަލްސާ އަފީފު ނިމްނަވާލެއްވީ ގަވާއިދާ ހިލާފަށް ނޫން ކަމަށެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާ ނިމުނުގޮތާ ގުޅޭ ގޮތުން މެންބަރުންނަށް އޮޅުން އަރާފައިވާކަން ފާހަގަ ކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ، ޖަލްސާ ނިންމަން އޮންނަނީ އެންމެ ގޮތެއް ކަމަށެވެ. އެއީ "ވަލްހަމްދު ލިއްލާހި ރައްބިލް އާލަމީން މަޖިލިސް ނިމުނީ،" ކަމަށް ވިދާޅުވުން ކަމަށެވެ.
އެހިސާބުން މެންބަރު ޝަރީފް ނިޒާމީ ނުކުތާ ނެންގެވިއެވެ. ވިދާޅުވީ، ވަލްހަމްދު "ލިއްލާހި ރައްބިލް އާލަމީން މަޖިލިސް ނިމުނީ،" ކަމަށް ވިދާޅުވެ އަފީފު މަޖިލިސް ޖަލްސާ ނިންމަވައިލެއްވިނަމަ އެކަން ނިމުނީސް ކަމަށެވެ. ނަމަވެސް ޖަލްސާ ނިންމަވައި ލެއްވުމުގައި އަފީފް ތިން ގޯހެއް ހެއްދެވި ކަމަށާއި، ކޯރަމް ގެއްލުނުކަމަށް އަފީފު ވިދާޅުވީވެސް ކޯރަމް އޮއްވައި ކަމަށް ޝަރީފް ވިދާޅުވިއެވެ.
އެހިސާބުން މަޖިލިސް ރައީސް ޝަރީފްގެ ވާހަކަ މެދު ކަނޑުއްވައިލެއްވިއެވެ. އަދި ޝަރީފް ފާހަގަ ކުރެއްވީ ނިޒާމީ ނުކުތާއެއްކެއް ނުވަނަ އެއީ ނިޒާމީ ނުކުތާއެއްނޫން ކަމަށްވެސް ވިދާޅު ނުވެ އިއްޔެ އިހުތިޖާޖުގައި ޝަރީފް ކަންތައް ކުރެއްވިގޮތް ކުށްވެރިކުރައްވައި ވާހަކަފުޅުދައްކަވަން ފެއްޓެވިއެވެ.
އެގޮތުން މަޖިލިސް ރައީސް ވިދާޅުވީ، "އަޅުގަނޑު ދުށީ އިއްޒަތްތެރި މެންބަރު ގަވާއިދާ ހިލާފަށް އަދި ހުރިހާ އާދަ ކާދައަކާއި އުސޫލުތަކާ ހިލާފަށް މި ރިޔާސަތުގައި ވަޑައިގެން އިށީންނެވިތަން، މަޖިލީހުގެ ރިޔާސަތަކީ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން ވޯޓު ދެއްވައިގެން ކަނޑައަޅާ ކަމެއް، މަނިކުފާނު އެކަން ނުުކުރައްވާ މިތަނުގެ ރިޔާސަތުގައި އިށީންނެވިކަން އެއީ ވަރަށް ބޮޑު ހިތާމައެއް،" ކަމަށެވެ.
އެއަށްފަހު ޝަރީފަށް ނިޒާމީ މައްސަލަ ފުރުސަތުވެސް ނުދެއްވިއެވެ.
އިއްޔެގެ އިހުތިޖާޖުގައި މެންބަރުން ވަނީ މަޖިލީހުގެ ރައީސަތުގެ ކުރިމައްޗަށާއި އިދާރީ މޭޒު ކައިރިއަށް އެއްވެ އިހުތިޖާޖު ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު