ރައްޔިތުން މަޖިލީހުގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު މަޖިލީހުގެ މެމްބަރުކަމުން ވަކިކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފިއެވެ.
ސުޕްރީމް ކޯޓުގެ ރަޖިސްޓާ މިއަދު ވަނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމައިފައެވެ. ނަމަވެސް ރަޖިސްޓާގެ ނިންމުން ފަނޑިޔާރުންގެ މަޖިލިހަށް ހުށަހެޅުމުގެ ފުރުސަތު އަދި އޮންނާނެއެވެ.
ނަޝީދު، މަޖިލިސް މެމްބަރުކަމުން ވަކިކުރަން ހުށަހެޅީ މިސްރުގެ ޝަރްމުއްޝެއިހްގެ އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރުގައި ބޭއްވި އދ. ގެ 2022 ވަނަ އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް 27) ގައި ނަޝީދު، ސްރީ ލަންކާ ތަމްސީލު ކުރެއްވުމުންނެވެ. އެ މައްސަލައިގައި ނަޝީދު މަގާމުން ވަކިކޮށްދެއްވުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ މިދިޔަ ބުދަ ދުވަހު ގާނޫނީ ވަކީލް އަހުމަދު ތާލިބުއެވެ. އޭނާ އެ މައްސަލަ ހުށަހެޅުއްވީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައެވެ.
ނަޝީދު ވަކިކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އަހުމަދު ތާލިބް ވިދާޅުވެފައިވަނީ ދިވެހި ދައުލަތުގެ މަސްލަހަތު ފުށުއަރާ ގޮތަށް ދިވެހި ދައުލަތުން މުސާރަ ނަންގަވައިގެން ދިވެހި ގައުމަށް ވަފާތެރިވުމަށް ކޮށްފައިވާ ހުވަޔާ ހިލާފަށް އެހެން ސިޔާދަތީ ބާރެއް ތަމްސީލުކުރެއްވުމަކީ ގާނޫނު އަސާސީގެ 75 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށެވެ.
އެހެންކަމުން ރައީސް ނަޝީދުގެ އަމަލަކީ ޣައިރު ގާނޫނީ އަމަލެއް ކަމަށް ކަނޑައަޅައި އެމަނިކުފާނު މެމްބަރުކަމުގެ ގާނޫނީ އަދި ޝަރުއީ ހައިސިއްޔަތު ގެއްލިފައިވާ ކަމަށް ކަނޑައަޅައިދެއްވުމަށް ތާލިބް ހުށަހެޅި މައްސަލައިގައި ވަނީ އެދިވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު