އެއްފަޔާއެކު ފުޓުބޯޅަ ކުޅެން ހުއްޓައި ދައުރުވި ވީޑިއޯއަކުން ގިނަ ބައެއްގެ ސަމާލުކަން ހޯދި، ހދ. މަކުނުދުއަށް އުފަން އަހުމަދު ޝަވަން މުހައްމަދަށް މަސްނޫއީ ފަޔެއް ޖަހައިދިނުމުގެ މަސައްކަތް ކުރައްވަނީ، ކްރެޑިޓެއް ހޯއްދަވަން ނޫން ކަމަށް، މިނިސްޓަރު އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މަހުލޫފު ޝަވަން އަށް ދެއްވި އެހީތެރިކަން ފާހަގަ ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ފާހަގަ ކުރެއްވި ކަންތައްތަކާބެހޭގޮތުން ވާހަކ ދައްކަވަމުން މިނިސްޓަރު މަހުލޫފު ވިދާޅުވީ "ޝަވަން ކަންތަކުގައި އެއްކަމަކަށް އަޅުގަނޑު ހަމަ ފާހަގަ ކޮށްލަން، ބައެއް ބޭފުޅުންގެ ފާޑުކިޔުންވެސް ހުރި، ސޯޝަލް މީޑިއާއިން ކުއްޖަކު ފެނުނީމަ ހެއްޔޭ އަޅާލަން ޖެހެނީ އެއީ ވަރަށް ރަނގަޅު ވާހަކައެއް،" ކަމަށެވެ.
ކަންކަން ތަރުތީބުވެފައި އޮންނަ ގޮތުން ޝަވަން އަކީ ކުޅިވަރު ކުޅޭ އަދި ކުޅިވަރުކުޅެން ބޭނުންވާ ކުއްޖެއްކަން ކުރިން އެނގިވަޑައިގެންފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެކަން އެނގިވަޑައިގެންނެވި ހިސާބުން އަޅައިލަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
"އެހިސާބުން އެބަޖެހޭ އަޅާލަން، އަޅުގަނޑު މިހިރަ މަގާމުގެ ހައިސިއްޔަތުން މިއަދު ކޮށްދެން މިއުޅޭ ކަމަކީ އެންމެ ކަމެއް، އެއީ ކުޅިވަރު ކުޅެން ޝަވަން އަށް އެ ބޭނުންވާ ފައި ހޯދައިދިނުން، އަޅުގަނޑަށް ހީވަނީ ބައެއް ރައްޔިތުންނަށް އޮޅިވަޑައިގެން ކަންނޭނގެ، ކުޅިވަރާބެހޭ ވަޒީރު ޝަވަން އަށް ފައި ހޯދައިދޭން މިއުޅެނީ ކްރެޑިޓެއް ނަގާށޭ އޭގެ އެޑްވާންޓޭޖެއް ހޯދާށޭ ކިޔަނީ، ނަމަވެސް އަޅުގަނޑު މިއުޅެނީ ޝަވަން ހިނގާ ހަދަން ބޭނުންވާ ފައި ހޯދާކަށް ނޫން، އަޅުގަނޑު މިއުޅެނީ ޝަވަން ކުޅިވަރުކުޅެން ބޭނުންވާ ފައި ހޯދައިދޭން، އެކަމަށް ކުރަން ޖެހޭ މަސައްކަތް މި ކުރަނީ،" މަހުލޫފް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ޝަވަން އަށް ފައިހޯދައި ދިނުމުގެ ކަންތައް ވަރަށް އަވަހަށް ނިމޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އެކަން ކުރައްވަނީ ޝަވަން އަށް ބޭނުންވާ ތަމްރީންވެސް ލިބޭގޮތަށް ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން "އެއީ ހަމައެކަނި ޝަވަން އަށް އޮންނާނެ ފުރުސަތެއް ނޫން. ކުޅިވަރުގެ ތެރޭން ކުރިއަށްދާން ބޭނުންވާ ޑިސެބިލިޓީ ހުރި ކުދިންނަށް ދޭން ޖެހޭ އެހީތެރިކަމާއި އެއްބާރުލުން އަޅުގަނޑުމެން މިއަންނަނަނީ ދެމުން،" މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު