ލ. މާންދޫގައި ހިންގާ ހޮރައިޒަން ފިޝަރީސްއިން މަސްވެރިންނަށް ފައިސާ ނުދޭކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ރޭ ހުށަހަޅައިފިއެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުން މަޖިލީހުން ގަމު ދާއިރާގެ މުހައްމަދު ވިސާމްއެވެ.

އެ މައްސަލައިގައި ވިސާމް ވިދާޅުވީ، ހޮރައިޒަން ފިޝަރީޒަކީ ތ. އަތޮޅާއި ލ. އަތޮޅު މަސްވެރިންނަށް ނުހަނު މުހިންމު ތަނަކަށްވާއިރު، މަސްވެރިން ކުރަމުން އަންނަ ޝަކުވާތަކާ ގުޅިގެން އަދިވެސް ހައްލެއް ހޯދައިދެވިފައި ނުވާ ކަމަށެވެ. މަސްވެރިން ތިބީ ބާނާ މަހަށް ފައިސާ ނުލިބުމުގެ ސަބަބުން ގޮތްހުސްވެފައިކަމަށް ވިސާމް ވިދާޅުވިއެވެ،

"މިވަގުތު ވެސް މާންދޫ ފަޅުގައި 26 ދޯންޏަކުން އަންނަނީ ފައިސާ ހޯދުމަށް އިހުތިޖާޖު ކުރަމުންނެވެ. އެ ކުންފުނިން މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ އަދަދު 21 މިލިއަން ރުފިޔާއަށްވުރެ އިތުރުވާނެކަމަށް އަންދާޒާ ކުރެވޭއިރު މިއީ މަސްވެރިކަން އެ ސަރަހައްދުގައި ހުއްޓިގެންދާނެ ކަމެއްކަމަށް ފެނެއެވެ. މިއީ މަސްވެރިންގެ ހައްގުތަކަށް އަރައިގަނެ އެ މީހުންނަށް ލިބެން ޖެހޭ އާމްދަނީ ހިފެހެއްޓުން ކަމުގައި ދެކެމެވެ." ވިސާމް ވިދާޅުވިއެވެ.

ވިސާމް ވިދާޅުވީ، ފައިސާ ނުލިބުމުގެ ސަބަބުން މަސްވެރިންގެ އާއިލާތަކުން ނުތަނަވަސްކަމާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. ސަރުކާރުގެ އިދާރާތަކުން މަސްވެރިންގެ ހައްގުތައް ހޯދައިދިނުމުގެ މަސައްކަތް އަވަސްކުރަން ޖެހޭ ކަމަށް ވެސް ވިސާމް ވިދާޅުވިއެވެ.

މަސްވެރިންނަށް ފައިސާ ނުދޭކަމަށް ބުނާ މައްސަލަ ވަނީ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަމާލުކަމަށް ވެސް ގެނެސްފައެވެ. މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު، ނަޝީދުއަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ، މަސްވެރިން ކިރާ މަހަށް ފައިސާ ނުދިނުމުގެ އިތުރުން ލ. އަތޮޅުގެ މަސްވެރިން ތެލާއި އައިސް ހޯދުމަށް ވެސް ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.

"ތެލާއި އައިސް ގަންނަން ޖެހެނީ ސަރުކާރުގެ ކުންފުނިތަކުން ވިއްކާ އަގަށް ވުރެ ބޮޑުތަނުން ބޮޑުކޮށެވެ. ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު މަސްވެރިންނަށް ސަބްސިޑީ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް ހިމެނިފައިވީ ނަމަވެސް ލ. އަތޮޅުގެ މަސްވެރިންނަށް މިކަމުން ލިބެން ޖެހޭ މަންފާ ލިބެމުން ނުދާ ކަމީ ކަންބޮޑުވާކަމެކެވެ" ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ މަސްވެރިން މަސް ވިއްކަން ޖެހެނީ ސަރުކާރު ކުންފުނިތަކުން މަސް ގަންނަ އަގަށްވުރެ ކުޑަ އަގުގައި ކަމުގައި ވިޔަސް ތެލާއި އައިސް ގަންނަން ޖެހެނީ ދެކުނުގެ މަސްވެރިންނަށް ތެލާއި އައިސް ލިބޭ އަގަށް ވުރެ ބޮޑުކޮށް ކަމަށެވެ.

"ވީމާ މަސް ކިރާފައި ފައިސާ ނުލިބޭ މައްސަލައާއި ތެލާއި އައިސް ގަތުމުގެ ދިމާވާ ދަތިތަކަށް ހައްލު ލިބޭނެ މަގެއް ރައްޔިތުން މަޖިލީހުގެ ކަމާބެހޭ ކޮމިޓީއިން މި މައްސަލަބަލައި މިކަމުގައި ހައްލެއް ހޯދައިދެއްވުމަށް އެދެމެވެ" ސިރާޖު ވިދާޅުވިއެވެ.

ލ އަތޮޅާއި ތ. އަތޮޅުގެ މަސްވެރިން އިއްޔެ އިން ފެށިގެން ލ. މާންދޫގައި އަންނަނީ މުޒާހަރާ ކުރަމުންނެވެ.

ދެ އަތޮޅުގެ މަސްވެރިން މުޒާހަރާ ކުރަމުން އަންނަނީ ގިނަ ދުވަސްވަންދެން ފައިސާ ނުދީ ހުރި ބިލްތަކަށް ފައިސާ ދިނުމަށާއި މަސްވެރިންނަށް ވިއްކާ އައިސް އާއި ތެޔޮ ލިމިޓުކޮށްގެން ވިއްކުން ހުއްޓާލަން ގޮވާލާއެވެ. ގިނަ އަދަދެއްގެ ފުލުހުންވެސް މިހާރު މާންދޫގައި ހަރަކާތްތެރިވަމުން އަންނައިރު، އާންމުންނާއި ފުލުހުންނާ ދެމެދު ކޮންމެވެސް ވަރަކަށް ކުރިމަތިލުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.