ރާއްޖޭގެ ސާފިން އިތުރު ހަރުފަތަކަށް ގެންދިޔުމުގެ އަމާޒުގައި ތަޖުރިބާކާރު ކޯޗު އަދި ސާފިން ޖަޖް ދެކުނު އެފްރިކާގެ ކްލައިޑް މާޓިން ގައުމީ ސާފިން ޓީމާ ހަވާލުވެ، އިތުރު ސާފިން މަސައްކަތްތަކެއް ކުރަން ނިންމައިފިއެވެ.
ފުރަތަމަ ފަހަރަށް ބިދޭސީ ސާފިން ކޯޗެއް ރާއްޖެ ގެނެސްފައިވާ އިރު، ކްލައިޑަކީ ޕްރޮފެޝަނަލް ސާފިންގެ ތަޖުރިބާ ބޮޑު ކޯޗެކެވެ. އެގޮތުން އޭނާ ވަނީ 1989 އިން 1993 ވަނަ އަހަރަށް ޕްރޮފެޝަނަލް ސާފަރެއްގެ ގޮތުގައި ރާޅާ އަޅައިފައެވެ. އޭގެ ފަހުން މުބާރާތްތަކުގެ ފަޑިޔާރުކަން ކުރުމުގައި ކްލައިޑް ފާހަގަކޮށްލެވިފައިވެއެވެ. 1998 ވަނަ އަހަރު ޕޯޗުގަލްގައި ކުރިއަށް ގެންދިޔަ ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕްގެ އިސް ފަނޑިޔާރެއްގެ ގޮތުގައި ކްލައިޑް ފާހަގަވެފައިވެއެވެ.
އެޑްވާންސް ސާފިން އެކަޑެމީގެ ވެރިޔާ ކްލައިޑަކީ ސާފިންއާ ގުޅޭ ފޮތެއްވެސް ލިޔެފައިވާ ތަޖުރިބާކާރެކެވެ. "ސޯ ޔޫ ވޯންޓް ޓު ބީ އަ ޕްރޮފެޝަނަލް ސާފާ" ގެ ނަމުގައި 2018 ވަނަ އަހަރު ކްލައިޑް ހާއްސަ ފޮތެއް ނެރެފައިވާ އިރު، އޭނާއަކީ ގްރާސް ރޫޓުން ފެށިގެން ކުދިން ތަމްރީނު ކުރުމަށް ކުޅަދާނެ ކޯޗެކެވެ.
"ވަރަށް ބޮޑު އިމްޕްރޫވްމެންޓެއް އަންނާނެ ބިދޭސީ ކޯޗަކާއެކު. އެއީ ކުރިންވެސް ރާއްޖެއަށް އާއި އިވެންޓްތަކުގައި އެންމެ ދެތިން ދުވަހުގެ ކޯޗިން ކޭމްޕްތަކުންވެސް ކުދިންނަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައިދީފައިވާ ކޯޗެއް ކްލައިޑަކީ. ގައުމީ ޓީމުގެ ކޯޗަކަށް އެކަންޏެއް ނޫން ކްލައިޑް ގެނެސްފައި ވަނީ. ކުދިން ބިނާކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭނެ ގޮތަށް ކޯޗު ގެނެސްފައި އެހުރީ،" ސާފިން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަލީ އަހުސަން "ވަން" އަށް ވިދާޅުވިއެވެ.
ސާފިންގައި 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާހުރި ކްލައިޑަކީ މިދިޔަ މެއި މަހު މ. މުލީގައި ބޭއްވި ސާފިން ލީގުގެވެސް އިސް ފަނޑިޔާރެވެ. މީގެ ކުރިން ދެތިން ފަހަރަކު ކްލައިޑް ރާއްޖޭގައި ސާފިންގެ މަސައްކަތްތަކެއް ކޮށްފައިވާ އިރު، މިފަހަރު ގިނަ ދުވަސްތަކެއް ވަންދެން މަޑުކުރަން ކޯޗު ގެނެސްފައި ވަނީ ގްރާސް ރޫޓްގެ ކުރިއެރުންތަކަށްވެސް ވިސްނައިގެންނެވެ.
"އަތޮޅު ތެރޭގެ ކޭމްޕްތަކަަށްވެސް ކޯޗު ބޭނުން ކުރެވޭނެ. ހައެއްކަ ރަށް އެބައޮތް މިހާރުވެސް އައިޑެންޓިފައި ކުރެވިފައި. އެއީ ގްރާސް ރޫޓްގެ މަސައްކަތްތަކެއް ކުރުމަށް. އަހަރު ތެރޭގައި އެކިއެކި ރަށްރަށުގައި ކްލައިޑް ބޭނުންކޮށްގެން ކޯޗިން ކޭޕްތައް ހިންގުމަށް މިހާރު ވަނީ ވިސްނާފައި،" އަހުސަން ފާހަގަކުރެއްވިއެވެ.
ސާފިންއަކީ ރާއްޖޭގައި ކުރިއަރަމުންނަ އަންނަ ކުޅިވަރަކަށްވީ އިރު، ބިދޭސީ ކޯޗެއްގެ ވިސްނުމަކީ ޔޫތު މިނިސްޓްރީ އާއި ސާފިން އެސޯސިއޭޝަނުގެވެސް ތަސައްވަރެކެވެ. އަހުސަން ވިދާޅުވީ ކޯޗު ގެނައުމުގައި ޔޫތު މިނިސްޓްރީން ވަރަށް ބޮޑަށް އެއްބާރުލުން ދިން ކަމަށާއި މިނިސްޓަރު ޕާސަނަލީވެސް ވަރަށް ބޮޑަށް އެކަމަށް ބޭނުންވި ކަމަށެވެ. ހަމައެއާއެކު 2019 ގެ އާ އެކްސްކޯއިން ވިސްނި ވިސްނުމުގައިވެސް، ރާއްޖޭގެ ސާފިން އިތުރު ހަރުފަތަކަށް ގެންދަން ތަޖުރިބާކާރު ބިދޭސީ ކޯޗެއް މުހިއްމު ކަމަށް ދެކުނު ކަމަށްވެސް އަހުސަން ފާހަގަކުރެއްވިއެވެ.
މޯލްޑިވްސް ސާފިން އެސޯސިއޭޝަން
މޯލްޑިވްސް ސާފިން އެސޯސިއޭޝަން
މޯލްޑިވްސް ސާފިން އެސޯސިއޭޝަން
މޯލްޑިވްސް ސާފިން އެސޯސިއޭޝަން