ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ އޮތީ ގަދަކޮށް ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށްވެސް އެމްޑީޕީން ނުކުންނާނީ ބަދަހިކޮށް ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ތެރޭގައި ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފެކްޝަނަކާއި ޕާޓީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރާ ފެކްޝަނެއް އުފެދިފައިވާ އިރު، ދެ ފެކްޝަނުގެ ކޯޅުން މިފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ބޮޑުވެފައެވެ.
އެމްޑީޕީގެ ދެ ފެކްޝަނުގެ ޒުވާބު މިފަހުން ބޮޑުވެފައިވަނީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ނުފެންނަ ކަމަށް ނަޝީދު ފެކްޝަނުގެ ބައެއް މެންބަރުން ވިދާޅުވުމާ ގުޅިގެންނެވެ. ދެ ފެކްޝަންގެ ޒުވާބު ބޮޑުވެ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރަސްމީ ވަޓްސްއަޕް ގްރޫޕަށްވެސް މެސެޖު ނުފޮނުވޭ ގޮތް ވަނީ ހަދައިފައެވެ.
ދެ ފެކްޝަނުން ބަހުގެ ހަމަލާތައް ބަދަލުކުރަމުންގެންދާ އިރު، މޫސަ މިއަދު ވަނީ އެކަމާ ގުޅިގެން ޓްވީޓެއް ކުރައްވައިފައެވެ. މޫސަ ކުރެއްވި ޓުވީޓްގައި ވިދާޅުވީ، އެމްޑީޕީން އުފެއްދި ކޮންމެ ސިޔާސީ މީހަކީ ޕާޓީގެ އަމާޒާއި މިސްރާބު ރަނގަޅަށް ދަންނަ މީހުން ކަމަށެވެ.
"މިއޮޑިއެއް ފައްތައެއް ނުލެވޭނެ. މާލިމީންނާއި ފަޅުވެރިންނަށް ފައްތާނުލެވޭ ވަރަށް އޮޑިބަނީ،" މޫސަ ވިދާޅުވިއެވެ.
ރީކޯ މޫސައަކީ އެމްޑީޕީ އުފެއްދުމުގައިވެސް އިސްކޮށް އުޅުއްވި ބޭފުޅެކެވެ. ރީކޯ ވަނީ މިމަހުގެ ތެރޭގައި އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު