ޓެކްނޮލޮޖީ

މައިކްރޮސޮފްޓުން އުފައްދާ ކޮންޕިއުޓަރުތައް ވިކޭމިންވަރު ދަށަށް

އާދަމް ނަސީރު

މައިކްރޮސޮފްޓުން އުފައްދާ ކޮންޕިއުޓަރުތައް ވިކޭ މިންވަރު 14 ޕަސެންޓު ދަށްވެއްޖެއެވެ.

މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ހިސާބުތަކުން ދައްކާގޮތުގައި މައިކްރޮސޮފްޓުން އުފައްދާ ސަރފަސް ޕުރޯ އާއި އެހެނިގެން ގިނަ ވައްތަރު ތަކުގެ ކޮންޕިއުޓަރުތައްވެސް ވިކޭވަރު ވަނީ އޭގެ ކުރީ ކުއާޓަރަށްވުރެ ދަށްވެފައެވެ. މިހެން ވެފައިވަނީ އިގްތިސާދީ ގޮތުން އައި ހީނަރުކަމާ ގުޅިގެން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މި ކުއާޓަރުގައި ސާފު އާމްދަނީގެ ގޮތުގައި 17.6 ބިލިއަން ޑޮލަރު ލިބިފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 14 ޕަސެންޓު ދަށް އަދަދެކެވެ. މައިކްރޮސޮފްޓްގެ ޖުމުލަ އާމްދަނީ 1 ޕަސެންޓް އިތުރުވެ 50.1 ބިލިއަން ޑޮލަރަށް އަރާފައިވީނަމަވެސް ކޮމްޕިއުޓަރު ވިކޭވަރު ދަށްވެފައިވާކަން ވަނީ އިއުލާން ކޮށްފައެވެ.

އެގޮތުން މައިކްރޮސޮފްޓްގެ ކްލައުޑް ސާވިސަސް ޔުނިޓްގެ އާމްދަނީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު ވަނީ 35 ޕަސެންޓު އިތުރުވެފައެވެ. ނަމަވެސް، ފާއިތުވި އަހަރުތަކުގައި އެކުންފުނީގެ އެންމެ ބޮޑު ފައިދާއެއް ހޯދި އެކިއެކި ކޮންޕިއުޓަރުތައް ވިއްކާ ޑިވިޝަނަށް އުންމީދުކުރި ވަރަށް މިފަހަރު ވަނީ ވިޔަފާރީގެ ކުރިއެރުން ނުހޯދިފައެވެ. ސަބަބަކީ ކޮވިޑް-19 ގެ ސަބަބުން ޕާސަނަލް ކޮމްޕިއުޓަރުތަކަށް އޮތް ޑިމާންޑް ވަރަށް ބޮޑަށް ދަށްވެފައިވުމާއި ދުނިޔޭގެ އިގްތިސޯދަށް އަންނަ ބޮޑެތި ބަދަލު ތަކެވެ.

ކޮންސަލްޓިން ކުންފުނި ގާޓްނަރ އިން މި މަހުގެ ކުރީކޮޅު ރިޕޯޓްކޮށްފައިވާ ގޮތުގައި ދުނިޔޭގެ ކޮމްޕިއުޓަރު ތަކުގެ ވިޔަފާރި މި ހިނގާ 2022 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ޖުމުލަ 19.5 ޕަސެންޓު ވަނީ ދަށްވެފައެވެ. މިއީ 1990 ގެ އަހަރުތަކުގެ މެދުތެރޭގައި ގާޓްނަރ އިން ކޮމްޕިއުޓަރު ވިޔަފާރި ހިންގާ ގޮތް ބަލަންފެށި ފަހުން އެންމެ ބޮޑަށް ދަށަށް ގޮސްފައިވާ ފަހަރެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ދާދި ފަހުން މައިކްރޮސޮފްޓްގެ އެކްސްބޮކްސް ޑިވިޝަންގެ މުވައްޒަފުންވެސް ވަނީ ވަޒީފާއިން ވަކިކޮށް ހަރަދު ކުޑަކުރަން ހިފާފައެވެ. މި ހުރިހާ ކަމެއްގެ ތެރޭގައި މައިކްރޮސޮފްޓްގެ ހިއްސާގެ އަގު އަންގާރަ ދުވަހުވަނީ ސެ ޕަސެންޓު ދަށަށްވެސް ގޮސްފައެވެ.

މައިކްރޮސޮފްޓްގެ ސީއީއޯ ސަތުޔާ ނަޑެލާ ދާދިފަހުން ނެރުނު ބަޔާނެއްގައި ބުނީ މި ކުއާޓަރުގެ އާމްދަނީ ރަނގަޅު ކަމަށާއި އިގްތިސާދީ ތޫފާންގެ ތެރޭގައި އެހެން ޓެކްނޮލޮޖީ ކުންފުނިތަކަށްވުރެ މައިކްރޮސޮފްޓްގެ ވިޔަފާރި ރަނގަޅަށް މެނޭޖުކުރެވި ހިފެހެއްޓިފައިވާ ކަމަށާއި އެގޮތުން ގެއްލުންވާ ދާއިރާތައް ފޫބެއްދުމަށް އެހެން ދާއިރާތަކަށްދޭ ސަމާލުކަން ބޮޑުކޮށް އެބައި ފޫބެއްދޭ ކަމަށެވެ.