ހަތަރު ވަނަ ގައުމީ ގްރޯން ޕްރީގެ އެއްވަނަ އެތުލީޓުންގެ މަގާމު، ހުސައިން ފަޒީލް ހާރޫނާއި މަރިޔަމް ރޫޔާ ހޯދައިފިއެވެ.

އަންހެން އެންމެ މޮޅު އެތުލީޓަކަށް ރޫޔާ ހޮވުނު އިރު، އޭނާ ވަނީ އިއްޔެ 100 މީޓަރު އަންހެން ސްޕްރިންޓްގެ ރަން މެޑަލް ހޯދައި، މިއަދު ލޯންގް ޖަމްޕުން ރަން މެޑަލް ހޯދައިފައެވެ. ރޫޔާ ވަނީ މިއަދު ލޯންޖް ޖަމްޕުގެ އަންހެން ގައުމީ ރެކޯޑުވެސް މުގުރާލައިފައެވެ. ފިރިހެން އެންމެ މޮޅު އެތުލީޓްގެ މަގާމު ހޯދި ފަޒީލް ވަނީ 800، 1500، 3000 މީޓަރުން ރަން މެޑަލް ހޯދައި، 1500 މީޓަރު ދުވުމުގެ މީޓް ރެކޯޑާއި 3000 މީޓަރު ދުވުމުން ގައުމީ ރެކޯޑް ހަދައިފައެވެ.

ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ކުރިއަށް ދިޔަ ގްރޯން ޕްރީގައި އިއްޔެ ސްޕްރިންޓް ރަން މެޑަލް ހޯދި ރޫޔާ، މިއަދު ލޯންގް ޖަމްޕުން ގައުމީ ރެކޯޑް މުގުރާލީ، 5.19 މީޓަރު ދުރަށް ފުންމައިގެންނެވެ. މީގެކުރިން އެ ރެކޯޑް އޮތީ ނޫރާ އަބްދުލް ހަމީދު އަތުގައެވެ. 2019 ވަނަ އަހަރު ނޫރާ ރެކޯޑު ހަދައިފައި އޮތީ 4.99 މީޓަރު ދުރަށް ފުއްމައިގެންނެވެ.

މިއަދުގެ ލޯންގް ޖަމްޕް އިވެންޓްގެ ދެވަނައަށް ދިޔަ، އައިޝަތު ޝައިމް އަޒީޒް ރިހި މެޑަލް ހޯދީ 5.12 މީޓަރަށް ފުންމައިގެންނެވެ. ތިން ވަނަ ހޯދި އަހުނާ ނިޒާރު ވަނީ 5.07 މީޓަރު ދުރަށް ފުންމައިފައެވެ. އެ ދެއެތުލީޓުންވެސް ވަނީ ކުރީގެ ނޫރާ އަތުގައި އޮތް ރެކޯޑަށްވުރެ ދުރަށް ފުންމައިފައެވެ.

މިއަދު ފަޒީލް ގައުމީ ރެކޯޑް އާކުރި 3000 މީޓަރު ރޭސް އޭނާ ނިންމީ، ނުވަ މިނިޓް، 02.57 ސިކުންތުންނެވެ. ފަޒީލް އަތުގައި ކުރިން އެ ރެކޯޑު އޮތީ ނުވަ މިނިޓް، 11.44 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މިއަހަރުގެ ގައުމީ މުބާރާތުގެ މޮޅު އެތުލީޓަކަށް ހޮވުނު ޖާއިޝާ ވަނީ ގްރޯން ޕްރީގައި އަންހެނުންގެ 1500 މީޓަރާއި 800 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފައެވެ. ކޮންމެވެސް ވަރެއްގައި އަނިޔާއެއްގައި ހުރެ މިފަހަރުގެ ގްރޯން ޕްރީގައި ވާދަކުރި ހަސަން ސާއިދު ވަނީ 100 މީޓަރާއި 200 މީޓަރު އަދި 400 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފައެވެ. އޭނާ އެންމެ މޮޅު ފިރިހެން އެތުލީޓަށް ވަރަށް ބޮޑަށް ވާދަކޮށްފައިވެއެވެ. އެހެން ނަމަވެސް ފަޒީލަށް އެއްވަނަ އެތުލީޓަށް ފުރުސަތު ފަހިވީ ރެކޯޑު ހެދުމުންނެވެ.

މިފަހަރު ގްރޯން ޕްރީގައި ކުރިއަށްދިޔަ އިތުރު އިވެންޓްތަކަށް ބަލާއިރު، އަންހެން 200 މީޓަރު ރަން މެޑަލް ހޯދީ އަހުނާ ނިޒާރެވެ. ފިރިހެން ލޯންގް ޖަމްޕްގެ ރަން މެޑަލް ހޯދީ އިބްރާހީމް ނާހިލް ނިޒާރެވެ.