މިއަދު ހުޅުމާލޭގައި ފެށި މައިލޯ ހަތަރު ވަނަ ގައުމީ ގްރޯން ޕްރީގެ މިއަދުގެ އިވެންޓުތަކުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާއި އައިމިނަތު ޖައިޝާ ޖުނީޒް، ހުސައިން ފަޒީލް ހާރޫންވެސް ރަން މެޑަލް ހޯދައިފިއެވެ.

މިދިޔަ އަހަރުގެ ގްރޯން ޕްރީގައި އެންމެ މޮޅު ފިރިހެން އެތުލީޓް ހޯދި ސާއިދު ވަނީ އޭނާ ދުވި ދެ އިވެންޓެއްގައި ރަން މެޑަލް ހޯދައިފައެވެ. އެއީ 100 މީޓަރާއި 400 މީޓަރު ދުވުމުގެ އިވެންޓުތަކުންނެވެ.

ފިރިހެނުންގެ 100 މީޓަރު ދުވުމުގެ އެއްވަނަ، ދިވެހި ސިފައިންގެ ކްލަބްގެ ސާއިދު ހޯދީ 11.22 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެވަނައަށް ދިޔައީ 11.41 ސިކުންތުން ރޭސް ނިންމި މުހައްމަދު މިންހާލް ޝާމިނެވެ. ތިންވަނަ ހޯދީ 11.42 ސިކުންތުން ނިންމި، އަހުމަދު ނަޖުދާން އަބްދުﷲ އެވެ.

ސާއިދު ދުވި 400 މީޓަރުގެ ފައިނަލް ހީޓުގައި އޭނާ ރޭސް ނިންމީ 50.27 ސިކުންތުންނެވެ. އެ އިވެންޓުގެ ރިހި މެޑަލް ހޯދީ އަބްދުލް ރަޝީދު އިސްމާއިލެވެ. އޭނާ ރޭސް ނިންމީ 51.64 ސިކުންތުންނެވެ. އިވެންޓުގެ ތިންވަނަ ހޯދީ ޒިއުޒް މުހައްމަދު ސުއާދެވެ. އޭނާގެ ޓައިމިންއަކީ 52.02 ސިކުންތެވެ.

މިފަހަރު ސާއިދު ދުވި ދެ ރޭހުގައިވެސް އޭނާގެ ޓައިމިން ކުރިއަށްވުރެ ތަންކޮޅެއް ދަށްކޮށް ފެނިފައިވާ އިރު، އޭނާ އިވެންޓުތަކުގައި ވާދަކުރީ ކޮންމެވެސް ވަރެއްގެ އަނިޔާއެއްގައި ހުރެގެންނެވެ. އަދި މިފަހަރުގެ މުބާރާތަށް ރަނގަޅަށް ތައްޔާރުވާންވެސް އޭނާއަށް ވަގުތު ލިބުނީ ކުޑަކޮށެވެ. އެއީ އާއިލީ ބައެއް ސަބަބުތަކާ ހެދި އިންޑިއާގައި ދުވަސްތަކެއް ހޭދަކުރަން ޖެހުމުންނެވެ.

މިއަދު ކުރިއަށްދިޔަ 1500 މީޓަރުގެ ފިރިހެން ރޭސް ފަޒީލް ކާމިޔާބުކުރީ ހަތަރު މިނެޓު 8.06 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެ އިވެންޓުގެ ދެވަނައަކީ ޔޫސުފް އިބްރާހީމެވެ. އޭނާގެ ޓައިމިންއަކީ ހަތަރު މިނެޓް 13.41 ސިކުންތެވެ. ތިންވަނަ ހޯދި މުހައްމަދު ރަޝީދުގެ ޓައިމިންއަކީ ހަތަރު މިނެޓު 42.37 ސިކުންތެވެ.

އެންމެ ފަހުން ބޭއްވި ގްރޯން ޕްރީގެ އެންމެ މޮޅު އަންހެން އެތުލީޓްގެ މަގާމު ހޯދި ޖައިޝާ މިއަދު، 1500 މީޓަރު ރޭސް ކާމިޔާބުކުރީ ފަސް މިނެޓު 12.90 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެ ވަނައަށް ދިޔަ ފަސުހާ އަހުމަދު ރޭސް ނިންމީ ފަސް މިނެޓު 45.00 ސިކުންތުންނެވެ. ތިންވަނަ އަށް ދިޔައީ ޒުވާން ދުވުންތެރިޔާ، އައިމިނަތު ލުމާ އިސްމާއިލް އެވެ. ލުމާގެ ޓައިމިންއަކީ ފަސް މިނެޓު 45.68 ސިކުންތެވެ.

މިއަދު ކުރިއަށް ދިޔަ އިތުރު އިވެންޓުތަކަށް ބަލައި އިރު، އަންހެނުންގެ 100 މީޓަރުގެ ރޭސް ކާމިޔާބުކުރީ މަރިޔަމް ރޫޔާ އަލީއެވެ. އޭނާގެ ޓައިމިންއަކީ 13.01 ސިކުންތެވެ. އަންހެން 400 މީޓަރު ސްޕްރިންޓް އިވެންޓް ގެންދިޔައީ މުޒްނާ ފާއިޒެވެ. މުޒްނާ ރޭސް ނިންމީ އެއް މިނެޓު 00.65 ސިކުންތުންނެވެ.

މިފަހަރުގެ އަންހެން ސްޕްރިންޓް އިވެންޓުތަކުގައި ރާއްޖޭގެ އަންހެން އެންމެ ބާރު ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަން ވާދަކޮށްފައި ނުވަނީ އޭނާ މިވަގުތު ހުރީ ޖެމެއިކާގެ ތަމްރީނުތަކެއްގައި ކަމަށްވާތީއެވެ.

ގްރޯން ޕްރީގައި މިއަދު ކުރިއަށްދިޔަ ލޯންގް ޖަމްޕް އިވެންޓުގެ ފިރިހެނުންގެ ބައިގެ އެއް ވަނަ ހޯދީ ރާއްޖޭގެ ރެކޯޑް މިވަގުތު އޮތް، ރައުހަތު ސްޕޯޓްސް ކްލަބްގެ އިބްރާހިމް ނާހިލް ނިޒާރެވެ. އޭނާ ވަނީ 6.61 މީޓަރު ދުރަށް ފުންމައިފައެވެ.

ގްރޯން ޕްރީގެ އިވެންޓްތައް މާދަމާވެސް ކުރިއަށްދާނެއެވެ.