އިންސާފުގެ މަގަށް ރާއްޖެ ރުޖޫއަކުރެވޭނެ ކަމުގެ އުންމީދު މި ހަތަރު އަހަރުން ބޮޑުވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް ވިދާޅުވީ، މީގެ ހަތަރު އަހަރު ކުރިން އެ މަނިކުފާނު ރާއްޖޭގެ ރައްޔިތުންނަށް އެރުވި ޔަގީންކަމަކީ އެއްސް ތަފާތުކުރުމެއްނެތި ރައްޔިތުންގެ އުއްމީދުތައް ހާސިލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ކަމަށާއި އެ ވައުދު ފުއްދިއްޖެ ކަމަށެވެ.
އަދި ވެރިކަމުގެ މިވީ ހަތަރު އަހަރު ތެރޭ މިނިވަން ސުޕްރީމް ކޯޓަކާއި ހަރުދަނާ ޑިމޮކްރެޓިކް ވެއްޓެއް ރާއްޖޭގައި ގާއިމުކޮށް، ގައުމުތަކާ ހީނަރުވެފައިވާ ގުޅުންތައް އަލުން ގާއިމުކުރެވި ރާއްޖެއަކީ ބައިނަލްއަގުވާމީ މުޖުތަމައާ ގުޅުންބަދަހި ގައުމަކަށް ވެފައިވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މީގެ ހަތަރު އަހަރު ކުރިން މައުލޫމާތު ސިއްރުކޮށްގެން ދައުލަތް ހިންގިޔަސް މި ސަރުކާރުގެ ސިޔާސަތަކީ ސަރުކާރަށް ނުރަނގަޅު އަސަރުތަކެއް ކުރިޔަސް ދައުލަތުގެ ތެރޭގައި ހިނގާކަންކަމުގެ މައުލޫމާތު ހާމަކުރުން ކަމަށެވެ.
"އޯގާތެރިކަމާއެކު، ހަމަ މަގުން ދައުލަތެއް ހިންގާނެ ހުރިހާ ހަމަތައް، އެންމެ ހަތަރު އަހަރުން ފުރިހަމަވެ ނިމޭނެ ކަމަށް ބަލައިގެން ނުވާނެ. އެނގި ހާމަވެ ސާފުވި އެންމެ ބޮޑު ހަގީގަތަކީ، އިންސާފުގެ މަގަށް ރާއްޖެ ރުޖޫއަ ކުރެވޭނެ ކަމުގެ އުންމީދު، މި ހަތަރު އަހަރުން އިންތިހާއަށް ބޮޑުވެފައިވާކަން" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ރައްޔިތުން ހަވާލުކުރި މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން މިހާތަނަށް ރާއްޖެ ހިންގަމުން އައި އިޖުތިމާއީ އަދި އިގުތިސޯދީ ވައްޓަފާޅިއަށް ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށެވެ. އެގޮތުން ލާމަރުކަޒީގެ ބޮޑު ބަދަލަކީ އެއްތަނެއްގައި ހިފެހެއްޓިފައިވާ ބާރުތައް ދޫކޮށް ހިދުމަތްތަކާއި ވަސީލަތްތައް އަތޮޅުތައް ފަހަނައަޅައި ރަށްތަކުގެ ތޮށިން އެތެރެއަށް ވެއްދުން ކަމަށާއި އޭގެ އިތުރުން ވެރިކަމުގެ ހަތަރު އަހަރު ވަޒީފާތައް އުފައްދައި ޒާމާނީ ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅާލެވިއްޖެ ކަމަށް ވިދާޅުވިއެވެ.