ޚަބަރު

މިދިޔަ ހަތަރު އަހަރުން ދިވެހި ދައުލަތުގެ ހިންގުން ހެޔޮ ވެރިކަމުގެ މިސްރާބަށް ބަދަލުކުރެވިއްޖެ: ރައީސް

މިދިޔަ ހަތަރު އަހަރު ތެރޭ ދިވެހި ދައުލަތުގެ ހިންގުން ހެޔޮ ވެރިކަމުގެ މިސްރާބަށް ބަދަލުކުރެވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން އެ މަނިކުފާނާ ހަވާލުކުރި މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން މިހާތަނަށް ރާއްޖެ ހިންގަމުން އައި އިޖުތިމާއީ އަދި އިގުތިސޯދީ ވައްޓަފާޅިއަށް ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށެވެ.

އެގޮތުން ލާމަރުކަޒީގެ ބޮޑު ބަދަލަކީ އެއްތަނެއްގައި ހިފެހެއްޓިފައިވާ ބާރުތައް ދޫކޮށް ހިދުމަތްތަކާއި ވަސީލަތްތައް އަތޮޅުތައް ފަހަނައަޅައި ރަށްތަކުގެ ތޮށިން އެތެރެއަށް ވެއްދުން ކަމަށާއި އޭގެ އިތުރުން ވެރިކަމުގެ ހަތަރު އަހަރު ވަޒީފާތައް އުފައްދައި ޒާމާނީ ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅާލެވިއްޖެ ކަމަށް ވިދާޅުވިއެވެ.

"އާމްދަނީ އާ ވަޒީފާތައް ރައްޔިތުންނާ ގާތްވާނެ ހަމަތަކެއް މި ހަތަރު އަހަރުން ހޯދިއްޖެ. ޖީބަށް ލުއި ބާރު ދުވެލީގައި ރަށްތައް އަމުނާ، ގަތާ، ރައްޔިތުން ބަދަހިކުރާނެ ދަތުރުފަތުރުގެ ނިޒާމު ތައާރަފު ކުރެވިއްޖެ. ތިމާވެއްޓާ ރަށްޓެހި ވިޔަވަތި ޖަޒީރާ ރާއްޖެއަކަށް ހިޖުރަ ކުރެވޭނެ މަގު ހޯދިއްޖެ. ފަހުރުވެރި އާއިލާއެއް ބިނާކުރެވޭނެ އަސާސީ ބަދަލުތަށް ގެނެވޭނެ މަގު، ކޮށާ އަލިކުރެވިއްޖެ. ދިވެހި ދައުލަތުގެ ހިންގުން ހެޔޮ ވެރިކަމުގެ މިސްރާބަށް ބަދަލު ކުރެވިއްޖެ" ރައީސް ވިދާޅުވިއެވެ.

މީގެ ހަތަރު އަހަރުކުރިން ގައުމުގެ ހާލަތު އޮތީ ބިރުވެރިކަމާއި ހާސްކަމުގެ ތެރޭގައިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އޭރު ވެރިޔަކަށް ހުންނެވި ބޭފުޅާ ބޭނުންފުޅުވާ ކަންކަމަށް އެއްބަސްވެވަޑައިނުގަންވާ ކޮންމެ މީހަކީ ހަތުރެއް ކަމަށާއި އަމާނާތްތެރިކަމަކީ އެންމެ ބޮޑު ހިޔާނާތް ކަމަށެވެ. އަދި އޭރު ހެޔޮވެރިކަމުގެ އުންމީދު ގެއްލި ވެރިކަމުގެ ތެރޭގައި ނާޖާއިޒު ނިންމުންތައް ނިންމުމަކީ އާންމު ކަމަކަށްވި ކަމަށާއި އޭރު ހުރިހާ ކަމެއް ވެރިކަމުގައި ތިއްބެވި ފަރާތުން ކުރަމުން ދިޔައީ ގާނޫނާހިލާފަށް ކަމަށް ވިދާޅުވިއެވެ.

"އެ ދުވަހު ރާއްޖޭގެ ރައްޔިތުން ބޭނުންވީ އެހެން އެއްވެސް ކަމެއް ނޫން. އެ އަނދަވަޅާ، ދަންތުރައިން މިންޖުވާން، އެ ބިރުވެރިކަމާ އަނިޔާ، މުޅި ރާއްޖޭން ނެތިފިލާދާން. އަމާންކަމާ ސުލްހަ މަސަލަސްކަމާ ހަމަޖެހުން ރާއްޖެއަށް ހޯދަން. މީގެ ހަތަރު އަހަރުކުރިން ރައްޔިތުން ބޭނުންވީ އެންމެ ބޮޑު ކަމަކީ، އިންސާފުގެ މަގަށް ވެރިކަން ހިންގުން ރުޖޫއަވުމަށް. އެ ދުވަހު ރައްޔިތުން ބޭނުންވީ ދެފުށްފެންނަ ޖަވާބުދާރީ ކުރުވެނިވި، ގާނޫނު އަސާސީގެ ތަރަހައިގެ މައްޗަށް ދައުލަތް ބިނާވުމަށް" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ވެރިކަމުގެ މިވީ ހަތަރު އަހަރު ތެރޭ މިނިވަން ސުޕްރީމް ކޯޓަކާއި ހަރުދަނާ ޑިމޮކްރެޓިކް ވެއްޓެއް ރާއްޖޭގައި ގާއިމުކޮށް، ގައުމުތަކާ ހީނަރުވެފައިވާ ގުޅުންތައް އަލުން ގާއިމުކުރެވި ރާއްޖެއަކީ ބައިނަލްއަގުވާމީ މުޖުތަމައާ ގުޅުންބަދަހި ގައުމަކަށް ވެފައިވާ ކަމަށެވެ. އަދި ހަތަރު އަހަރު ކުރިން މައުލޫމާތު ސިއްރުކޮށްގެން ދައުލަތް ހިންގިޔަސް މި ސަރުކާރުގެ ސިޔާސަތަކީ ސަރުކާރަށް ނުރަނގަޅު އަސަރުތަކެއް ކުރިޔަސް ދައުލަތުގެ ތެރޭގައި ހިނގާކަންކަމުގެ މައުލޫމާތު ހާމަކުރުން ކަމަށް ވިދާޅުވިއެވެ.