އަތޮޅުތަކުގެ އިންޓަނޭޝަނަލް އެއާޕޯޓުތަކަށް ޖައްސާ އިންޓަނޭޝަނަލް ފްލައިޓުތަކުން ޕަސިންޖާ ސާވިސް ޗާޖު ނެގުން ހުއްޓާލުމަށް ނުވަތަ ސާވިސް ޗާޖަށް ނަގާ އަދަދު ކުޑަކުރުމާ ގުޅޭ ބިލެއް އަންނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގެ އީކުއޭޓާ ވިލެޖުގެ ބްލޫ ލެގޫންގައި އިއްޔެ ފެށި ޓޫރިޒަމް ފޯރަމުގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ އަތޮޅުތަކުގެ އިންޓަނޭޝަނަލް އެއާޕޯޓުތަކަށް ޖައްސާ ފްލައިޓުތައް އިތުރުކުރުމަށް ސަރުކާރުގެ ސިޔާސަތުތަކަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. އެގޮތުން އައްޑޫ ގަން އެއާޕޯޓާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ފަދަ އެއާޕޯޓްތަކަށް ބޭރުގެ އެއާލައިންތަކުގެ ޝައުގުވެރިކަން އިތުރުކުރެވޭނީ އެ އެއާޕޯޓުތަކަށް ޖައްސާ އިންޓަނޭޝަނަލް ފްލައިޓުތަކުން ނަގާ ޕަސިންޖާ ސާވިސް ނެގުން ހުއްޓާލައިގެން ނުވަތަ އެ އަދަދު ކުޑަކޮށްގެން ކަމަށް ވިދާޅުވިއެވެ.
"އެންމެ އަވަހަށް މި އަންނަ އަހަރު މަޖިލިސް، ފެބްރުއަރީގައި ހުޅުވިގެންދާއިރު އަޅުގަނޑުމެން ހުށަހަޅާނަން އައްޑޫއާއި މިފަދަ އިންޓަނޭޝަނަލް ދުރުގައި އޮތް، މިސާލަކަށް ހަނިމާދޫ ފަދަ އެއާޕޯޓުތަކަށް ޖައްސާ އިންޓަނޭޝަނަލް ފްލައިޓްސްގެ ޕަސިންޖާ ސާވިސް ޗާޖު ކަނޑާލަން ނުވަތަ ކުޑަކުރަން" ފައްޔާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގަން އެއާޕޯޓަކީ ހަގީގީ އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ހިންގަންޖެހޭ ތަނެއް ކަމަށާއި އެކަމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އަންނަ ހަފުތާގެ ބުދަ ދުވަހު ފްލައި ދުބާއީއާ އެކީވެސް އެއްބަސްވުމެއްގައި ސޮއިކުރެވިގެންދާނެ ކަމަށެވެ. އަދި އެ އެއްބަސްވުމާއެކު އައްޑުއަށް ހީނުކުރާވަރުގެ ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުންވެސް ގަން އެއާޕޯޓް ތަރައްގީކުރަން ހިންގާ މަޝްރޫއުގެ ޓެންޑަރިން މަރުހަލާ މި މަހުގެ 21 ގައި ނިންމާލައި އެ މަޝްރޫއުގެ އަމަލީ މަސައްކަތްވެސް ފެށިގެންދާނެ ކަމަށާއި އެއާޕޯޓު ތަރައްގީކުރަން ބޭނުންވާ ފައިސާވެސް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.
"ފްލައިޓް ޖައްސަނީ އެނދު ހުރެގެން. އެނދު އަޅާ މީހުން އެނދު މި އަޅަނީ ފްލައިޓް ޖައްސާނެ ކަމަށް ބަލައިގެން. މި ދެ ކަންތައް އެއްފަހަރާ ވެގެން ބޭނުންވާ ތަރައްގީ އަޅުގަނޑުމެންނަށް ގެނެވޭނީ. އެހެންވެގެން އަޅުގަނޑުމެން އެއާޕޯޓް ތަރައްގީކުރަން މި ޖެހެނީ،" ފައްޔާޒު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ގަން އެއާޕޯޓް ތަރައްގީކުރުމުގެ އިތުރުން ދެކުނު ކަނެކްޓިވިޓީ ރަނގަޅުކުރުމުގެ މަސައްކަތްތަކެއް ރާވައިގެން ކުރިއަށްގެންދާ ކަމަށާއި އެކަމަށް ބޭނުންވާ ސީޕްލޭން ޓާމިނަލް މިހާރުވެސް ނިމިފައިވާ ކަމަށެވެ. އަދި ގަން އެއާޕޯޓް ތަރައްގީއާއެކު އައިލެންޑް އޭވިއޭޝަނުން އައްޑުއާއި ފުވައްމުލަށް އަދި ހުވަދު އަތޮޅުގައި ސީޕްލޭންގެ ދަތުރުތައް ފަށާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު