ދުނިޔެ

އަދުގެ ދުނިޔެ: ނަތަންޔާހޫގެ އެނބުރިއައުމާއެކު މެދުއިރުމަތި އައު ލޭއޮހޮރުވުމަކަށް ތައްޔާރުވެފައި!

އިމާދު ލަތީފު

އިޒްރޭލުގައި ހުސްވި ހަފުތާގައި ބޭއްވުނު އާއްމު އިންތިޚާބަށްފަހު އައު ސަރުކާރެެއް އެކުލަވައިލުމާބެހޭ މަޝްވަރާތައް ކުރީގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިހާރުވަނީ ފަށްޓަވައިފައެވެ. އިޒްރޭލުގައި މިފަހަރު އެބޭއްވުނީ ހަތަރު އަހަރުގެ ތެރޭގައި ފަސްވަނަ އާއްމު އިންތިޚާބެވެ. އެންމެ ބޮޑު ކުރިއެރުމަކާއި ކާމިޔާބީއެއް މިފަހަރު ހޯއްދެވީ ނަތަންޔާހޫއެވެ. މި ކާމިޔާބީގެ ސިއްރަކީ ކަނާތުފިޔައިގެ ހަރުކަށި ދީނީ ޕާޓީތަކާއި ނަތަންޔާހޫއާ އިއްތިހާދުވެގެންތިބި ހައްދުފަހަނަޅަފައިވާ ވަތަނީ ޖަމާއަތްތަކެވެ. މިއެންމެން ނަތަންޔާހޫގެ އޮޑިއަށް އަރައި އޭނާއަށް ފަހި މިސްރާބެއް ތަނަވަސްކޮށްދިނީއެވެ. ނަތަންޔާހޫ އެނބުރި ވެރިކަމަށް މިވަޑައިގަންނަވަނީ ޚިޔާނާތާއި ފަސާދައިގެ މައްސަލަތަކެއްގައި ސިޔާސީގޮތުންނާއި އަޚުލާގީގޮތުން ކަރުތާފެނަށް ގެނބިފައި ދުވަސްތަކަކަށް ހުންނެވުމަށްފަހުގަައެވެ.

މިދިޔަ އަންގާރަދުވަހުގެ ވޯޓުން ނަތަންޔާހޫއާއި އޭނާގެ ބައިވެރިންނަށް ލިބުނު ކާމިޔާބީގެ މާނަޔަކީ މީގެކުރިން އެއްވެސް ބަޔަކަށް އަޣުލަބިއްޔަތެއް ނުލިބި، ތެލާއިފެން ގުޅުވައިގެން، އަރައިރުންތަކާއި ކޯޅުންތަކުގެ ތެރެއިން ސަރުކާރު ހިންގާންޖެހި، ބޮޑުވަޒީރަކަށްފަހު ބޮޑުވަޒީރެއް އަވަސްއަވަހަށް މަގުން އެކަހެރިވަމުން ވެއްޓެމުންދިޔަ ޒަމާން މާޟީއާއެކުވުމެވެ. ނަތަންޔާހޫއަކީ ކުރިންވެސް އިޒްރޭލުގައި އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވި ލީޑަރެވެ. މިފަހަރު އަލުން ވެރިކަމަށް ވަޑައިގެންފައި މާބޮޑު ދައްޗަކާނުލައި ހަތަރު އަހަރުގެ ދައުރު ފުރިހަމަ ކުރައްވާނޭ ކަމަށް ބެލެވެއެވެ. މިފަހަރު ނަތަންޔާހޫއަށް އެންމެ ފުރަތަމަވެސް އޮތް މަސައްކަތަކީ އޭނާގެ މައްޗަށް ހިނގަމުންދާ ސަރިޔަތް ހުއްޓުވައި ފައިލްތައް ލެއްޕުމެވެ. ކުރައްވާފައިވާ ވައްކަންތައް ނުކުރައްވާކަމަށް ނިންމެވުމެވެ.

މަތީގައި ބަޔާންކުރެވުނު ކަންކަން އެމަގުން ނަތަންޔާހޫ ކުރައްވާނޭކަން ކަށަވަރެވެ. އުމުރުން 73 އަހަރުވީ ނަތަންޔާހޫގެ ކުރިމަތީގައި މިހާރު ހުރަހެއް ނެތެވެ. ހުރަހެއް ނެތިއްޔާ ލަދެއްވެސް ނޯންނާނެއެވެ. އިޒްރޭލުގެ ޕާލަމަންޓް އެކުލެވިގެންވަނީ 120 ގޮނޑީގެ މައްޗަށެވެ. މިފަހަރު ނަތަންޔާހޫގެ ލިކޫޑް ޕާޓީއަށް ލިބުނީ 32 ގޮނޑިއެވެ. އެގޮތުން އައު ޕާލަމެންޓުގައި އެންމެ ބޮޑު ޕާޓީއަކީ އެއީއެވެ. މި އަދަދުގެ އިތުރަށް ނަތަންޔާހޫއާ އެއްބައިވެގެންތިބި ހަރުކަށި ދީނީ ޖަމާއަތްތަކާއި ވަތަނީ ޖަމާއަތްތަކުންވެސް އިތުރު 32 ގޮނޑި ވަނީ ނަގައިފައެވެ. މާނަޔަކީ ޖުމްލަ 64 ގޮނޑި ނަތަންޔާހޫގެ ހައްދުފަހަނަޅާފައިވާ ބައިގަނޑަށް ލިބުމެވެ. އައު ސަރުކާރު އުފަންވާނީ މިބައިގަނޑުގެ ތެރެއިންނެވެ. މިއީ އިޒްރޭލުގެ މުޅި ތާރީޚުގައިވެސް ވެރިކަމަށް އަންނަ އެންމެ ގޮތެއް ފޮތެއް ނެތް، ނުލަފާ ބައިގަނޑުކަމަށް ވާނެއެވެ.

ނަތަންޔާހޫއާއި އޭނާގެ ޓީމަށް ކާމިޔާބު ލިބިއްޖެކަމަށް ހީވުމާއެކު ރަސްމީ ނަތީޖާ އަދި ނުލިބެނީސް އަރަބީންނާއި އިސްލާމުންނަށް ރުޅިއަރާ އެންމެން ދުނިޔޭގެ އެތަންމިތަނުން މަރުހަބާޔާއި ތަހުނިޔާގެ މެސެޖު ފޮނުވައި އުފާފާޅުކުރަން ފެށިއެވެ. އޭގެތެރޭގައި އިޓަލީގެ ކަނާތުފިޔައިގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ އާއި ހަންގޭރީގެ ހަމައެޒާތުގެ ބޮޑުވަޒީރު ވިކްޓަރ އޮބާން ހިމެނުނެވެ. މި އެންމެންގެ އަތްތިލަބަޑީގެ ތެރެއިން ނަތަންޔާހޫ އެކުރައްވާ ކަމަކީ ކެބިނެޓުގެ މަގާމުތައް ބަހައިލާނޭ ގޮތުގެ މަޝްވަރާތަކެވެ. ހުރިހާ އަރަބީން ކޮށްޓަކަށްލައި ތަޅުލުމަށް ވަކާލާތުކުރާ ބިޒާލެލް ސްމޮޓްރިޗް އެދެނީ ޑިފެންސް މިނިސްޓަރު ކަމެވެ. ފަލަސްތީނުގެ އެންމެން ވަޒަނުން ބޭރުކުރުމަށް ގަދައަޅާ އިޓަމަރ ބެންގަވީރު ބޭނުންވަނީ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ކަމެވެ. އެއީ ފުލުހުންނާއިބެހޭ މިނިސްޓްރީއެވެ.

އިޒްރޭލަކީ އަބަދުވެސް އެތާގެ ސަލާމަތަށް ޒިންމާވާ ވުޒާރާތަކާއި މުއައްސަސާތައް ވަކިގޮތަކަށް ތަރަތޯރާކޮށްގެން މިނިޒާމު މުގުރާނުލައި ދަމަހައްޓާ ގައުމެކެވެ. މިހެން ތިއްބައި ވަކަރުގޭ ކުދީންކޮޅެއް ނުކުމެ ތިމަންނާޔަށް ދިފާއީ ވަޒީރުކަމޭ، މީނާޔަށް ޕަބްލިކް ސެކިއުރިޓީ މިނިސްޓަރުކަމޭ ބުނެ އެތަންތަނަށް ދައުވާކުރަން ފެށުމަކީ ދެންވެދާނޭ ކަންކަމާމެދު ބިރުހީވާންޖެހޭ ކަމެކެވެ. ޕާލަމެންޓުގެ ގޮނޑި ގޮނޑިއަށް ހޮވިފައި އެތިބަ ބައެއް މީހުންނަކީ އިޒްރޭލުގެ ޖާސޫސީ އިދާރާއިން ކުރީއްސުރެ ފާރަލަމުން ފައިލްތައް އަދާހަމަކުރަމުން ގެންދާ ބައެކެވެ. ހައްދުފަހަނަޅާފައިވާ ޔަހޫދީ ޓެރަރިސްޓުންކަމަށް ފެނިގެންނެވެ. އެފަދަ ބަޔަކާއެކު ސަލާމަތީ މައުލޫމާތު ހިއްސާކުރުމަކީ ޝިންބެތާއި މޮސާޑަށްވެސް ފަސޭހަ ނުވާނޭ ކަމެކެވެ. ހަމައެހެންމެ އިޒްރޭލުގެ މިތުރުންކަމަށްވާ އެމެރިކާއަށްވެސް މިކަން ފަސޭހައެއް ނުވާނެއެވެ.

ހުޅަނގުގެ ތަޖުރިބާކާރުން ގަބޫލުކުރައްވާ ގޮތުގައި އެމެރިކާ އާއި އިނގިރޭސިވިލާތުން މިހާރުވެސް ނަތަންޔާހޫގެ ލިކޫޑް ޕާޓީއަށް މިކަމާގުޅޭ އިންޒާރެއް ވަނީ ދީފައެވެ. ހައްދުފަހަނަޅާފައިވާ ޖަމާއަތަކަށް ނިސްބަތްވާ މީހަކާ އެއްވެސް މިނިސްޓްރީއެއް ހަވާލުކޮށްފިނަމަ އެމިނިސްޓްރީއަކާ މުއާމަލާތު ނުކުރާނޭ ކަމުގެ އިންޒާރެކެވެ. ހަގީގަތުގައި ހައްދުފަހަނަޅާފައިވާ އެންމެ އިސް މީހަކީ ނަތަންޔާހޫއެވެ. މުއާމަލާތުކުރުން ހުއްޓައިލަން ޖެހެނީ އޭނަޔާއެވެ. އެކަމަކު މިއީ ހުޅަނގުން ނުކުރާނޭކަމެކެވެ. ނަތަންޔާހޫގެ އިންތިޚާބީ ކާމިޔާބީގެ ބިރުވެރިކަން ހުޅަނގުއައްސޭރީގައި މިހާރުވެސް އެއޮތީ ފެތުރިފައެވެ. އެންމެ އަލިފާންކަންޏަކުން މުޅި ސަރަހައްދުގައި ރޯވެ އަނދާވަރަށް އެއޮތީ މަސްރަހު ހޫނުވެފައެވެ. ގަބޫލުކުރެވޭގޮތުގައި މިފަހަރު ނިކަން ވަރުގަދަ ލޭއޮހޮރުވުންތަކެއް ހިނގާނެއެވެ.