ދުނިޔެ

އެންމެ ގިނައިން ރަން ނެގެނީ ކޮން ގައުމަކުންކަން އެނގޭތަ؟

ދުނިޔޭގެ އެންމެ އަގުހުރި އެއް މައުދަނަކީ ރަނެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކުން ފައިސާ ޗާޕުކުރަނީވެސް އެގައުމުގެ ރިޒާވުގައި ހުރި ރަނާއި ވަޑިފަތިހަމަވާ އުސޫލަކުންނެވެ. އެންޓާޓިކާ ފިޔަވައި ދުނިޔޭގެ ހުރިހާ ކޮންޓިނެންޓެއްގައިވެސް ރަން ނަގައެވެ. އެއީ ވަރަށް ބޮޑު ސިނާއަތެކެވެ. ވިޔަފާރިއެކެވެ.

އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އަހަރެއްގެ މައްޗަށް އެންމެ ގިނައިން ރަންނަގާ ގައުމަކީ ޗައިނާއެވެ. އެގައުމުން 2021 ވަނަ އަހަރު ނަގާފައިވަނީ 332 ޓަނެވެ. މުޅިދުނިޔެއިން އެ އަހަރު ނެގި މިންވަރަށް ބަލާއިރު އެއީ ދުނިޔޭގެ ނުވަ އިންސައްތައެވެ. އޭގެ ޖުމްލަ އަގަކީ ގާތްގަޑަކަށް 18 ބިލިޔަން ޑޮލަރެވެ.

ލިސްޓުގެ ދެވަނައިގައިވާ ރަޝިޔާގެ ޖުމުލަޔަކީ 330 ޓަނެވެ. އޭގެ ފަހަތަށް އަންނަނީ 315 ޓަނާއެކު އޮސްޓްރޭލިޔާއެވެ. ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން ރަން ނެރެނީ މި ތިން ގައުމުންނެވެ. ލިސްޓުގެ ހަތަރުވަނަޔާއި ފަސްވަނައިގައި އުޅެނީ ކެނެޑާ އާއި އެމެރިކާއެވެ. ކެނެޑާގެ މިންވަރަކީ 193 ޓަނެވެ. އެމެރިކާގެ މިންވަރަކީ 187 ޓަނެވެ.

އެފްރިކާ ބައްރުން އެއްވަނަޔަކީ ދުނިޔޭގެ ލިސްޓުގެ ހަވަނައިގައިވާ ގާނާއެވެ. އެގައުމުގެ މިންވަރަކީ 129 ޓަނެވެ. ދުނިޔޭގެ އެއްވަނަ ކަމަށް ކުރިން ވަރަށް ގިނަ ބަޔަކު ހީކުރި ދެކުނު އެފްރިކާއަކީ މިހާރު ދުނިޔޭގެ ދިހަ ވަނައެވެ. އެގައުމުގެ މިންވަރަކީ 113 ޓަނެވެ. ރަޝިޔާ ނަގައިފައި ޔޫރަޕުން ދެން އެންމެ ގިނައިން ރަން ނަގަނީ ބަލްގޭރިއާއިންނެވެ. އެއީ އަހަރަކު ގާތްގަޑަކަށް 10 ޓަނެވެ.