ޚަބަރު

ކޮމިޓީއަށް ހާޒިރުވާން އަދި އެއްފަަހަރު، ފުރުސަތު ދިނުމަށްފަހު ރާއްޖެ ޓީވީއާއި ސަންގު ޓީވީއަށް ފިޔަވަޅުއަޅަން ނިންމައިފި

އިބްރާހިމް ޒަކީ

ސަތޭކަ ޕަސެންޓް ދިވެހި ކުންފުނިތަކަށް ނޫން ބަޔަކަށް، ރީ ބްރޯޑްކާސްޓް ނުކުރެވޭގޮތަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ގަވާއިދަށް ބަދަލު ގެނައުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީން ބަލަމުން އަންނަ މައްސަލައަށް ބޭނުންވާ މައުލޫމާތު ހޯދުމަށް، ކޮމިޓީއަށް ހާޒިރުވާން އެންގުމުން، ރާއްޖެ ޓީވީ އާއި ސަންގު ޓީވީ ކޮމެޓީއަށް ހާޒިރު ނުވި މައްސަލައިގައި، ފިޔަވަޅު އަޅާ ހިސާބަށް ހިނގައްޖެއެވެ.

ގަވާއިދު ކޮމިޓީގެ މިއަދުގެ ބައްދަލުވުން ފަށްޓަވަމުން ކޮމެޓީގެ މުގައްރިރު ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވީ، އެ ކޮމެޓީން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން އިތުރު މައުލޫމާތު ސާފު ކުރުމަށް ކޮމެޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވާން ތިން ފަރާތަކަށް އެންގެވި ކަމަށެވެ.

އެއީ ރާއްޖެ ޓީވީ އާއި ސަންގު ޓީވީގެ އިތުރުން ޗެނަލް 13 އެވެ.

ނަމަވެސް އޭގެ ތެެރެއިން ރާއްޖެ ޓީވީ އާއި ސަންގު ޓީވީން، ކޮމެޓީއަށް ހާޒިރުވާން ބޭނުން ނުވާކަމަށް އަންގާފައިވާ ކަމަށް އާމިރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުތަކާއި ގާނޫނުތައް ބުނާގޮތުން ރައްޔިތުންގެ މަޖިލީހަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިވާން އެންގުމުން، ވަަޑައިނުގެންނެވޭނެ ކަމަށް ވިދާޅުވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އެހެންކަމުން އެ މައްސަލައަށް ގޮތެއް ނިންމުމަށް މެންބަރުންގެ މަޝްވަރާއަށް އާމިރު ހުޅުވައިލެއްވިއެވެ. އެ މައްސަލައިގައި ވާހަކަދައްކަވަމުން ދިއްގަރު ދާއިރާގެ މެންބަރު އިކުރާމް ހަސަން ވިދާޅުވީ، ކޮމެޓީއަށް ހާޒިރުވާން ބޭނުން ނުވާކަމަށް އެ ދެ ޗެނަލުން ކޮމެޓީއަށް އެންގި މައްސަލައިގައި ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

އެހުށަހެޅުމާ ގުޅިގެން، ކޮމެޓީގެ މުގައްރިރު އާމިރު ވިދާޅުވީ، މައުލޫމާތެއް ސާފުކުރަން މަޖިލީހަށާއި މަޖިލީހުގެ ކޮމެޓީއަށް ހާޒިރުވާން އެންގުމުން، އެއްވެސް ފަރާތަކަށް އެކަމާ އިންކާރު ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން، މަޖިލީހަށް އަންނަން ބޭނުން ނުވާކަމަށް ބުނެވިދާނެކަން ގަބޫލު ނުކުރައްވާ ކަމަށް އެ ދެފަރާތަށް އެންގުމަށްވެސް ނިންމެވިއެވެ. އަދި އެއްފަހަރު ކޮމެޓީއަށް ހާޒިރުވާން އެ ދެފަރާތަށް އެންގުމަށްފަހު، ދެން ހާޒިރު ނުވެއްޖެނަމަ ފިޔަވަޅު އަޅަންވެސް ނިންމެވިއެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވާނެ ކަމަށް ބުނި ނަމަވެސް ޗެނަލް 13 އިންވެސް ކޮމެޓީ ބައްދަލުވުމަށް ހާޒިރުވެފައެއް ނުވެއެވެ. އެހެންކަމުން 15 މިނެޓް ވަންދެން ބެލުމަށްފަހު، ކޮމެޓީ ބައްދަލުވުން ކެންސަލް ކުރިކަން ޗެނަލް 13 އަށް އަންގައި، ދެން އޮންނަ ބައްދަލުވުމަކަށް އައުމަށް އޗެނަލް 13 އަށް އެންގުމަށްވެސް މުގައްރިރު ނިންމެވިއެވެ.