ގައިންގަޔަށް ނާރާ ބަލިތަކުގެ ނުރައްކާތަކަށް ރައްޔިތުން ހުށަހެޅިފައިވާ މިންވަރު ދެނެގަތުމަށް މުޅި ރާއްޖޭގައި 2020-2021 ގައި ކުރެވުނު ސާވޭއިން އެފަދަ ބަލިތައް ދިވެހިންނަށް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑުކަން ހާމަވެއްޖެއެވެ.

އެކަން ހާމަވީ ގައިންގަޔަށް ނާރާ ބަލިތަކުގެ ނުރައްކާތަކަށް ދިވެހިން ހުށަހެޅިފައިވާ މިންވަރު ދެނެގަތުމަށް، ސިއްހީ ދާއިރާގެ އެދުމަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯގެ އެހީތެރިކަމާއެކު ހެދި ސްޓެޕްސް ސާވޭ 2020-2021 އިންނެވެ. މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީގެ ފަރާތުން ހެލްތު ވޯކަރުންގެ ބައިވެރިވުމާއެކު މި ދިރާސާ ކުރީ 15 އަހަރާއި 69 އަހަރާ ދެމެދުގެ އުމުރުފުރައިގެ މީހުންގެ މެދުގައެވެ.

ދިރާސާ އިފުތިތާހު ކުރީ ދަރުބާރުގޭގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. މި ރަސްމިއްޔާތުގައި "ނެޝަނަލް މަލްޓި ސެކްޓޯރަލް އެކްޝަން ޕްލޭން" އާންމު ކުރުމުގެ އިތުރުން މި ޕްލޭނުގައިވާ ކަންކަން ތަންފީޒުކޮށް، ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައި މިހާރު ހުރި ނިސްބަތުން 2030ގެ ނިޔަލަށް، 25 ޕަސެންޓަށް ދަށްކުރުމަށް ހިންގާ ކެމްޕެއިން "30އިން25 އަށް" އިފުތިތާހު ކޮށްފައިވެއެވެ.

ގައިންގަޔަށް ނާރާ ބަލިތަކަކީ، އެކެއްގެ ފަރާތުން އަނެކަކަށް ވާސިލުނުވާ އަދި ދިރިއުޅުމުގެ މާހައުލާ އާދަތަކާ ގުޅިފައިވާ ބަލިތަކެވެ. މިފަދަ ބަލިތަކަކީ، ދުރާލާ ވިސަނައިގެން އުޅެފިނަމަ އެއިން ރައްކާތެރިވެވިދާނެ ބަލިތަކެވެ.

ހެލްތު މިނިސްޓްރީން ބުނާ ގޮތުން، ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ ގާތްގަނޑަކަށް 84 ޕަސެންޓް ހިއްސާކުރާ ބަލިތަކަކީ ސިއްހަތަށް ނުރަނގަޅު އާދަތަކާ ގުޅިފައިވާ ބަލިތަކެވެ. އޭގެ ތެރޭގައި ކެންސަރު ބައްޔާއި ހިތުގެ ބަލި، ސްޓްރޯކް، ފުއްޕާމޭގެ ދާއިމީ ބަލިތައް، ހަކުރުބަލި، ކިޑްނީ ބަލި، ނަފުސާނީ ބަލިތައް ހިމެނެއެވެ.

ސްޓެޕްސް ސާވޭގެ ނަތީޖާ ދައްކާ ގޮތުން ރާއްޖޭގެ އާބާދީގެ 25.7 ޕަސެންޓް ނުވަތަ ކޮންމެ ހަތަރަކުން މީހަކުން އެކަކު ދުންފަތުގެ އިސްތިއުމާލުކުރެއެވެ. އޭގެ ތެރެއިން 7.6 ޕަސެންޓް މީހުންނަކީ އަންހެނުންނެވެ. ފިރިހެނުންގެ ނިސްބަތަކީ 35.6 ޕަސެންޓެވެ. އަދި އުމުރުން އެންމެ އަށް އަހަރުގައި ދުންފަތުގެ އިސްތިއުމާލު ކުރަން ފަށައެވެ.

ސާވޭގެ ނަތީޖާ ދައްކާ ގޮތުން ރާއްޖޭގެ އާބާދީގެ 80 ޕަސެންޓް މީހުން ނުވަތަ ކޮންމެ ފަސް މީހުންގެ ތެރެއިން 4 މީހުން ދުފައެވެ. އޭގެ ތެރެއިން ކޮންމެ ދެ މީހަކުން އެކަކަކީ ކޮންމެ ދުވަހަކުވެސް ދުފާ މީހުންނެވެ. އަދި ރާއްޖޭގެ އާބާދީގެ 5 ޕަސެންޓު މީހުން ނުވަތަ ގާތްގަނޑަކަށް 5900 މީހުން ބަނގުރާ ބޭނުންކުރާ ކަމަށް ދައްކާއިރު، އޭގެ ތެރެއިން ކޮންމެ ހަތަރު މީހުންކުރެ އެކަކަކީ ކޮންމެ ދުވަހަކު ބަނގުރާ ބޭނުންކުރާ މީހުންކަން ހާމަވެފައިވެއެވެ.

އަދި ރާއްޖޭގެ އާބާދީގެ 26.5 ޕަސެންޓު މީހުން (ގާތްގަނޑަކަށް 47،500 މީހުން) މަސްތުވާތަކެތި ބޭނުންކުރާ ކަމާއި އޭގެ ތެރެއިން 1.9 ޕަސެންޓު މީހުންނަކީ ކޮންމެ ދުވަހަކު މަސްތުވާތަކެތި ބޭނުންކުރާ މީހުން ކަމަށްވެސް ހާމަވެފައިވެއެވެ.

ދިރާސާގައި ބުނެފައިވާ ގޮތުން، ރާއްޖޭގެ އާބާދީގެ ކޮންމެ ފަސް މީހަކުން ދެ މީހަކީ ލޮނު ހިމެނޭ ސޯސް، ކެއުމުގައި ބޭނުންކުރާ މީހުންނެވެ. އަދި ކޮންމެ ފަސް މީހަކުން އެކަކު (އާބާދީގެ 20 ޕަސެންޓު މީހުން)، ކެއުމުގައި އިތުރަށް ލޮނު އަޅައެވެ.

ދިރާސާގެ ނަތީޖާއިން ހާމަވި ގޮތުގައި، ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަކީ (52.1 ޕަސެންޓު) ސީއްހީ ގޮތުން ބަލައި އިރު، އިސްކޮޅާ އެކަށީގެން ނުވާ ވަރަށް ބަރު ނުވަތަ ފަލަ މީހުންނެވެ. އޭގެ ތެރެއިން 46.3 ޕަސެންޓަކީ ފިރިހެނުންނެވެ. ބާކީ 58.8 ޕަސެންޓަކީ އަންހެނުންނެވެ.