އެމަނިކުފާނަކީ ދުޅަހެޔަ ސިއްހަތެއްގައި ހުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށާއި އެހެންކަމުން ކަސްރަތު ކުރުމަށާއި ކެއުމަށް ހާއްސަ ސަމާލުކަމެއް ދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ގައިންގަޔަށް ނާރާ ބަލިތަކުގެ ހިރާސްތަކުގެ މައުލޫމާތު ހާމަކުރުމަށާއި ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލުކުރުމަށް ކަނޑައަޅާފައިވާ ހާއްސަ މަސައްކަތް އިފްތިތާހުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމުގެ މުހިންމުކަމާ ގުޅޭގޮތުން ވަރަށް ފުޅާކޮށް ވާހަކަފުޅު ދައްކަވައިފައެވެ.

ރައީސް ވިދާޅުވީ ވޯލްޑް ހެލްތު އޯގަނިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ކާނާގެ ތެރޭގައި މޭވާއާއި ތަރުކަރީ ހިމަނަންވީ މިންގަނޑު ކަނޑައަޅާފައިވާ ކަމަށާއި އަދި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކުރަން ޖެހޭ ކަންކަން ވެސް އެ ޖަމިއްޔާއިން ކިޔައިދީފައިވާ ކަމަށެވެ. ނަމަވެސް ގިނަ ދިވެހި ރައްޔިތުން އެ މިންގަނޑަށް އަމަލުނުކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.

ޑަބްލިޔުއެޗްއޯގެ މިންގަނޑަށް ކެއުމުގައި މޭވާއާއި ތަރުކާރީ ހިމަނައި ކަސްރަތު ކުރާނަމަ ފެންނާނީ ދުޅަހެޔޮ މުޖުތަމައެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނަކީ ވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އަބަދުވެސް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ހެނދުނު ހަމަގައިމުވެސް ފައްޓަނީ ކަސްރަތުން. 4:45 ގައި ހޭލައި، އެއަށްފަހު 5:30 ހާއިރު ކަސްރަތު. މާގިނަ ހެނދުނުގެ ނާސްތާއެއް އަޅުގަނޑަކަށް ނޯވޭ. އޯޓްސް، ސްމޫތީ ދެެން ފަޅޯ ކޮޅެއް، ނިމުނީ. މިއީ އަޅުގަނޑުގެ ހެނދުނުގެ ނާސްތާއަކީ. މެންދުރު ގަރުދިޔަ އާއި ބަތާ. ރޭގަނޑު 7:30 ގެ ކުރިން އަޅުގަނޑު ކަން. އަޅުގަނޑުގެ ޑައިޓު ދުވާލަކު ނިމުނީ. އަޅުގަނޑު ހިތުން ފަހަރެއްގައި ވެދާނެ މިއީ އެންމެ ރަނގަޅު ނޫން ގޮތަށް ވެސް. އެކަމަކު މިކަހަލެ ގޮތެއް ހިފެހެއްޓީމަ އަޅުގަނޑު ހިތުން މިކަހަލަ ގޮތަކަށް މީހާ ފެނުމަކީ އެކަށީގެންވާ ކަމެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދުވާލުގެ ތާވަލުން ކަސްރަތު ކުރުމަށް ވަގުތު ހުސްކުރަން ޖެހޭ ކަމަށާއި، އިންޖީނުލީ އުޅަނދުތަކުގެ ބަދަލުގައި ފައިމަގުގައި އުޅުން ގިނަކުރަން ޖެހޭ ކަމަށެވެ.

"ފުރަތަމަ ބަދަލަކީ ހަރަކާތްތެރި ދިރިއުޅުމުގެ އާދަތަކަށް ބަދަލުކުރުން. ދުވަހުގެ ތާވަލުން ކުޅިވަރާއި ކަސްރަތަށް ކޮންމެވެސް ވަގުތުކޮޅެއް ހުސްކުރުން. ހިންގެވުމަށް އިސްކަންދެއްވައި، އިންޖީނުލީ އެއްގަމު އުޅަނދު ބޭނުންކުރުން ވީވަރަކުން މަދުކުރަންވީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކެއުމުގައި ބަލަންވީ ހަށިގަނޑަށް ފައިދާހުރި މޭވާއާއި ތަރުކާރީގެ ބާވަތްތައް ކަމަށާއި ޖަންކްފުޑްގެ ބާވަތްތަކުން ދުރުހެލިވެ، ދުޅަހެޔޮ ސިއްހަތެއް ހޯދުމަށް ކޮންމެ މީހަކު ވެސް މަސައްކަތް ކުރަންވާނެ ކަމަށެވެ. އަދި ކެއުމުގެ އާދަތައް ބަދަލުނުކޮށްފިއްޔާ މީހާ ބަލިވެ، ކާބޯތަކެތީގެ ބަދަލުގައި ބޭސް ކާން ޖެހިދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.