މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންއިން އިންތިޒާމްކޮއްގެން ބާއްވާ "ލިޓަސް ނޭޝަނަލް ބިލިއާޑް ޗެމްޕިއަންޝިޕް 2022" ސިންގަލްސް ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން މުހައްމަދު ސާހިލް ހަމީދު އަދި އަންހެން ސިންގަލްސް ޗެމްޕިއަންކަން އައިޝަތު އަލީ ހޯދައިފިއެވެ.

ނޭޝަނަލް ބިލިއާޑް ސެންޓަރުގައި މިހާރު ކުރިއަށްދާ މުބާރާތުގައި ސާހިލް ޗެމްޕިއަން ހޯދީ ފައިނަލް މެޗުގައި ހަސަން ޝާޒް މުހައްމަދު ބަލިކޮށްގެންނެވެ. ސާހިލް ފައިނަލް މެޗު ކާމިޔާބު ކުރީ 11–6 ގެ ނަތީޖާއަކުންނެވެ. ރޭ ކުޅުނު މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލްގައި ބައްދަލުކުރީ އާއިޝަތު އަލީ އާއި އާމިނަތު ހަލީމެވެ. އެމެޗު 7-3 ފްރޭމުން ކާމިޔާބުކޮށް އަންހެން ޑިވިޝަނުގެ ތަށި ހާސިލުކުރީ އާއިޝަތު އަލީއެވެ.

ގައުމީ ބިލިއާޑް މުބާރާތުގައި ދެން އޮތީ ޑަބަލްސް އިވެންޓްއެވެ. ޑަބަލްސް އިވެންޓްގައި 35 ޕެއާ ފެނިގެންދާ އިރު، މިކްސް ޑަބަލްސް ބައިގައި 10 ޕެއާ ވާދަކުރާނެއެވެ. މިމަހު 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގައި ފިރިހެން ފުރަތަމަ ޑިވިޝަނުން 32 ކުޅުންތެރިން ވާދަކުރިއެވެ. ފިރިހެން ދެވަނަ ޑިވިޝަނުގައި 51 ކުޅުންތެރިން ވާދަކުރި އިރު، އަންހެން ޑިވިޝަނުގައި ފެނުނީ ހަ ކުޅުންތެރިންގެ މެޗުތަކެކެވެ.

މުބާރާތުގެ ޓީމު އިވެންޓްގައި ފެނިގެންދާނީ ފަސް ކްލަބެކެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް އީގަލްސް އާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބް، އައިލެންޑާސް ހޯޕް ސްޕޯޓްސް ކްލަބް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ދިވެހި ސިފައިންގެ ކްލަބެވެ.