މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން ބާއްވާ، "ލިޓަސް ބިލިއާޑް ޗެމްޕިއަންޝިޕް 2022" އިއްޔެ ފަށައިފިއެވެ.
އިއްޔެ މުބާރާތުގެ ކުޅުން ފެށީ ފިރިހެން ދެވަނަ ޑިވިޝަންގެ މެޗުތަކުންނެވެ. އެގޮތުން ދެވަނަ ޑިވިޝަނުގެ 73 މެޗު އިއްޔެ ކުޅެފައިވެއެވެ. އޭގެ އިތުރުން ދެން މުބާރާތުގައި ކުރިއަށް ގެންގޮސްފައި ވަނީ އެއްވަނަ ޑިވިޝަނުގެ ފިރިހެން އަދި އަންހެން ޑިވިޝަނުގެ މެޗުތަކެވެ.
މިފަހަރުގެ ގައުމީ ބިލިއާޑް މުބާރާތް މިމަހުގެ 18 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެއެވެ. މުބާރާތުގައި ޖުމުލަ ހަ އިވެންޓެއް ކުރިއަށްދާ އިރު، އެއީ ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓަށް ކުޅެވޭ ޓީމް އިވެންޓުގެ އިތުރުން ފިރިހެން ސިންގަލްސް، އަންހެން ސިންގަލްސް އިވެންޓްތަކުގެ އިތުރުން ޑަބަލްސް އާއި މިކްސް ޑަބަލްސް އިވެންޓެވެ.
މިއަހަރުގެ ޓީމު އިވެންޓްގައި ފަސް ކްލަބަކުން ވާދަކުރާނެއެވެ. އެއީ މިދިޔަ އަހަރުގެ ޓީމް އިވެންޓް ޗެމްޕިއަން، ކްލަބު އީގަލްސް އާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބު، އައިލެންޑާސް ހޯޕް ސްޕޯޓްސް ކްލަބު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު އަދި ދިވެހި ސިފައިންގެ ކްލަބެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ސިންގަލްސް އިވެންޓްގައި މިފަހަރު 32 ކުޅުންތެރިން ވާދަކުރާ އިރު، އަންހެން ޑިވިޝަންގައި ހަތް ކުޅުންތެރިން ވާދަކުރެއެވެ.
އިއްޔެ ކުޅެވުނު ފިރިހެން ފުރަތަމަ ޑިވިޝަންގެ މެޗުތަކަށް ބަލައިލާ އިރު، ގައުމީ ރޭންކިން އެއްވަނަ މުހައްމަދު ޝަރީފް އަތުން ރޭންކިން ފަސްވަނައިގައި އޮތް މުހައްމަދު ސުވެއިދު ވަނީ މޮޅުވެފައެވެ. އެއީ 4-9 ފްރޭމުންނެވެ.
އެންމެ ފަހުން ބޭއްވި ގައުމީ މުބާރާތުގެ ޗެމްޕިއަން، އަދި ރޭންކިން ދެވަނައިގައި އޮތް، ހުސެން ފަޔާޒް މޮޅަކާއެކު ފެށީ ރޭންކިން ހަތަރު ވަނައިގައި އޮތް އިސްމާއިލް ޖީހާން އަތުން 9-1 ފްރޭމުން މެޗު ކާމިޔާބު ކޮށްގެންނެވެ. އަދި ރޭންކިންގެ ތިންވަނައިގައި އޮތް ހަސަން ޝާޒް މުހައްމަދު ވަނީ 9-0 އިން ގިޔާސް އަފްރާހު ބަލިކޮށްފައެވެ.
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން