ޕީޕީއެމްގެ އެތެރޭގެ އިންތިހާބު ވަރަށް ބޮޑަށް އޮޅުވާލާފައިވާ ކަމަށާއި ޕާޓީ ތެރެއިން އިންސާފު ނުލިބިއްޖެ ނަމަ ކޯޓަށް ދާންވެސް ތައްޔާރަށް އޮތް ކަމަށް ވިލިމާލޭ ދާއިރާގެ ރައީސް ކަމަށް ވާދަކުރެއްވި މުހައްމަދު ސަލީމް (ރޭނިސްސަލީމު)ގެ ޓީމުން ބުނެފިއެވެ.
ޖޭއެސްސީގެ ކުރީގެ މެންބަރު ރޭނިސް ސަލީމާއެކު ދެން އެ ދާއިރާއަށް ވާދަކުރެއްވީ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމްގެ ހަރަކާތު ކޮމެޓީގެ ޗެއާ މުހައްމަދު އިސްމާއިލް އެވެ. އިސްމާއިލް ވަނީ ސަލީމުގެ މައްޗަށް ކުރި ހޯދައި މި ދާއިރާގެ ރައީސްކަން ކާމިޔާބު ކުރައްވާފައެވެ.
ޕީޕީއެމުން ދާއިރާތަކުގެ ނަތީޖާ އަދި އާންމެއް ނުކުރެއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި މުހައްމަދު އިސްމާއިލް ވަނީ ހޮވިވަޑައިގެންފައެވެ.
މިކަމާ ގުޅިގެން "ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސަލީމުގެ ކޮއްކޮ އަދި ކެމްޕެއިން މެނޭޖަރު ހުސައިން ޝިފާއު މިއަދު ވިދާޅުވީ، ވޯޓާސް ލިސްޓުގެ ދެ ފަރާތުގައި ކެންޑިޑޭޓުން ސޮއި ކުރަންޖެހޭކަން ގާނޫނުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ. އެހެން ނަމަވެސް ސަލީމު ލައްވައި ވޯޓާސް ލިސްޓުގައި ސޮއިކުރުވާފައި ނުވާ ކަމަށެވެ.
ޝިފާއު ވިދާޅުވީ ވޯޓާސް ލިސްޓުގައި ސޮއި ކުރުމަށް އެތައް ފަހަރަކު އެދުނު ކަމަށާއި ނަމަވެސް ޕީޕީއެމުން އެ ފުރުސަތު ނުދިން ކަމަށެވެ.
"އިންތިހާބާ ގުޅޭ މައްސަލަތައް އެބައުޅޭ. ފުރަތަމަ ކަމަކީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއް ބާއްވަން ޖެހޭނީ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ގޮތަށް. އެއްވެސް އިންތިހާބެއް ތިމަންނާމެން ބޭނުންހާ ގޮތަކަށް ބާއްވާނަމޭ ކިޔާފަ ނުބޭއްވޭނެ. ދިވެހި ރާއްޖޭގެ އިންތިހާބާ ބެހޭ ގާނޫނު ބުނާގޮތަށް އިންތިހާބު ބާއްވަން ޖެހޭނީ. އެ ނޫން ގޮތަކަށް ބާއްވާ އެއްވެސް އިންތިހާބަކީ ބާތިލު އިންތިހާބެއް. އެ ގާނޫނުގަ ވަރަށް ސާފުކޮށް ކަޅާއި ހުދުން ލިޔެފަ އޮންނާނެ ވޯޓާސް ލިސްޓުގެ ދެ ފަރާތުގަ ކެންޑިޑޭޓުން ސޮއި ކުރަންޖެހޭނެ ކަމަށް. އެއީ ކެންޑިޑޭޓުން އެއްބަސްވާ ލިސްޓެއް ސޮއިކޮށް ވޯޓުލުމުގެ ކުރިން ކެންޑިޑޭޓުންނާއި ހަވާލުކުރަން ޖެހޭނީ ދެ ފަރާތުގެ މަންދޫބުން ތިބެގެން. މިއީ ދިވެހި ރާއްޖޭގަ އަމަލު ކުރަމުން އަންނަ އުސޫލު." ޝިފާއު ވިދާޅުވިއެވެ..
ޝިފާއު ވިދާޅުވީ ޕީޕީއެމުން އިންތިހާބު ބާއްވާފައިވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ އެއްވެސް ހަމައެއް އުސޫލެއް ނެތި ކަމަށެވެ. އެެން ކަމުން ގާނޫނާ ހިލާފަށް ބޭއްވި މި އިންތިހާބަކީ ބާތިލު އިންތިހާބެއް ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް އޭނާ ބުންޏެވެ.
ޝިފާއު ވިދާޅުވީ ވޯޓުލީ ދުވަހު ގެންދިޔަ ވޯޓާސް ލިސްޓުގައި ވޯޓުލުމުގެ ހައްގު ލިބޭ 629 މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި ނަމަވެސް ގެންދިޔައީ 526 ވޯޓު ކަރުދާސް ކަމަށެވެ. 103 ވޯޓު ކަރުދާސް މަދު ކަމަށެވެ. އޭގެ އިތުރުން ވޯޓުލީ ކަމަށް ސަލީމުގެ ޓީމަށް ފާހަގަވީ 157 މީހުން ކަމަށާއި ނަމަވެސް ޕީޕީއެމްގެ ވޯޓާސް ލިސްޓުގައި 165 މީހުން ވޯޓުލީ ކަމަށް ފާހަގަކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ. ވޯޓު ކަރުދާސް ގުނި އިރު 169 ކަރުދާސް ވޯޓު ފޮށީގައި އޮތް ކަމަށާއި އެހެންކަމުން ވިލިމާލޭ ދާއިރާގެ އިންތިހާބު ވަރަށް ބޮޑަށް އޮޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕާޓީގެ ލީޑާޝިޕުން ބުނިހާ ރަނގަޅަކަށް ނޫން ކަންތައް ކޮށްފަ އޮތީ. ޕާޓީގެ ވަކި ބަޔަކު ވަކި ބަޔަކު ހޮވަން މަސައްކަތް ކޮށްފަ އޮތްކަން ވަރަށް ސާފުކޮށް އެނގޭ. ޕާޓީގެ ލީޑާޝިޕުން އިންތިހާބު ތެރެއަށް ނުވަންނާނަމޭ ބުންޏަސް ލީޑާޝިޕުންވެސް ހުރީ އިންތިހާބު ތެރެއަށް ވަރަށް ރަނގަޅަށް ފަޔާއި އަތާއި ބާނާފަ. ވޯޓުފޮށިތައް ފުރަތަމަ ހަވާލުކޮށްފަ ފޮނުވީވެސް ޕާޓީގެ ވަކި ބަޔަކު ބޭނުންވާ ބަޔަކާ. އެއީވެސް މުހައްމަދު އިސްމާއިލަށް ފާޅުގައި ތާއީދު ކުރި މީހެއް. އެފަދަ މީހަކާ ކިހިނެއްތޯ އަސްލު ހަވާލު ކުރެވޭނީވެސް. ގާނޫނުގަ ބުނަނީ މިނިވަން މުސްތަގިއްލު ބައެއް އެތާ ތިބުމަށް. މިހުރިހާ އިޖުރާއަތްތައް އަޅުގަނޑުމެން މިހާރު ފާހަގަކުރަން، އެހެން ވީމަ މި އިޖުރާއަތްތައް ބޯ މައްޗަކުން ދުއްވައެއް ނުލެވޭނެ." އޭނާ ބުންޏެވެ.
ޕީޕީއެމްގެ އެތެރޭގެ އިންތިހާބަކަށްވުމުން މި އިންތިހާބާ ގުޅޭ ގޮތުން އެއްޗެއް ނުބުނެވޭނެ ކަމަށް އެ ޕާޓީން ބުނި ނަމަވެސް ދައުލަތުގެ ފައިސާ ސިޔާސީ ޕާޓީތަކަށް ދީގެން ހިންގާ މިފަދަ އިންތިހާބުތަކާބެހޭ މައްސަލަތައް ފާހަގަކޮށް އެއްޗެއް ބުނެވޭނެ ކަމަށް ޝިފާއު ވިދާޅުވިއެވެ. ވޯޓު އޮޅުވާލައި މިފަދަ ކަންކަން ކުރާނަމަ ބެހޭނެ ކަމަށާއި އަދި އެކަންކަމާ ބެހެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މިހާރު މި މައްސަލަ ޕާޓީތެރެއިން ބަލަމުން އަންނަ ކަމަށްވެސް ޝިފާއު ބުންޏެވެ.
އޭގެ އިތުރުން ޝިފާއު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އިންތިހާބީ ހައްގެއް ގެއްލިގެން ކޯޓަށް ދިޔަ ފަދައިން އެހެން މީހުންނަށްވެސް މި ހައްގުތައް ލިބިގެންވާ ކަމަށާއި ޕާޓީ ތެރެއިން މި މައްސަލައަށް އިންސާފު ނުލިބިއްޖެ ނަމަ ސުޕްރީމް ކޯޓަށްވެސް ދާނެ ކަމަށެވެ. އެމަނިކުފާނަށް ދިވެހި ރާއްޖޭގެ ގާނޫނުތަކުން ކަށަވަރުކޮށްދޭ ހައްގުތައް އެހެން ދިވެހި ރައްޔިތުންނަށްވެސް ކަށަވަރު ކޮށްދޭ ކަމަށާއި ސަލީމުގެ ހައްގުތަކުގެ މައްޗަށް ރައީސް ޔާމީން އަރައިވަޑައިގަތީ ކޮން އުސޫލަކާއި ހަމައަކުންތޯ މަތިންތޯ ވެސް ޝިފާއު ސުވާލު ކުރެއްވިއެވެ.
މި މައްސަލައިގައި ސުވާލު ދެންނެވުމުން، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލު ވިދާޅުވީ، ވިލިމާލޭ ދާއިރާގެ އިންތިހާބު ކުރިޔަށް ދިޔައިރު ގާނޫނާއި ގަވައިދާ ހިލާފަށް އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށެވެ. ވޯޓު ފޮށިތަކަށް ކަރުދާސް ފޮނުއްވާފައި ހުންނާނީ އާންމުކޮށް ވޯޓުލާ ނިސްބަތަށް ބަލައިގެން ކަމަށާއި އެގޮތުން ގިނަ ފޮށިތަކަށް ކަރުދާސް ފޮނުވީ ރަޖިސްޓްރީ ވެފައިވާ މީހުންގެ 40 ޕަސެންޓާއި 65 ޕަސެންޓާ ދެމެދުގެ މީހުންނަށް ފުދޭ މިންވަރަށް ކަމަށެވެ. އެއީ ވޯޓާސް ޓާންއައުންޓަށް ބައްލަވައިގެން ހަމަޖެއްސެވި ގޮތެއް ކަމަށާއި އެއްވެސް ފޮއްޓަކަށް ކަރުދާސް މަދުވެއްޖެ ނަމަ ފޮނުވާ ގޮތަށް ހަމަޖައްސާފައިވާނެ ކަމަށެވެ.
"ވޯޓާސް ލިސްޓުގަ ކެންޑިޑޭޓުން ސޮއިކުރުމަކީ އެއްވެސް ގަވައިދަކުން އަދި އުސޫލަކުންވިޔަސް ލާޒިމު ކަމެއް ނޫން. ދެން ނަގާ މައްސަލައަކީ ލިސްޓުގަ މާކު ކޮށްފަ ހުރި ވަރަށްވުރެ އިތުރަށް ވޯޓުލާފަ ހުރުން. އެކަން އަޅުގަނޑުމެން ބެލިން. ހަތަރު ކަރުދާސްކޮޅު އިތުރަށް އޮތް. އެ މައްސަލަ ވަނީ ބަލާފަ. އެހެން ނަމަވެސް އެ ހަތަރު ވޯޓު އެއްކޮށް ސަލީމަށް ލިބުނު ކަމަށް ނިންމިޔަސް ނަތީޖާއަށް ބަދަލެއް ނާދޭ. އެހެންވީމަ ބާތިލުކުރަން ޖެހޭ ސަބަބެއް ނެތް." ތޮލާލް ވިދާޅުވި އެވެ.
ތޮލާލް ވިދާޅުވީ ސަލީމްގެ ޓީމުން ކުރަމުން ގެންދާ ތުހުމަތު ތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު