ސަރުކާރު ހިންގާ މައި ޕާޓީ, އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނީ އިދާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަމަށްފަހު ކަމަށް އެ ޕާޓީން ބުނެފިއެވެ.

ދެ ފެކްޝަނެއް އުފެދި ކޯޅުން ބޮޑުވެފައިވާ އެމްޑީޕީގެ ޓިކެޓުގައި ރިޔާސީ އިންތިހާބަށް ނުކުތުމަށް ޝައުގުވެރިވާކަން ބައެއް ބޭފުޅުން ގެންދަވަނީ ފާޅުކުރައްވަމުންނެވެ.

އެގޮތުން އިތުރު ދައުރަކަށް ކުރިމަތިލެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން (އިދާރީ) އިބްރާހިމް ވަހީދު (އިބުރޭ) އާ ހަވާލާދީ ބައެއް މީޑިއާތަކުން ކުރިން ރިޕޯޓު ކޮށްފައިވާ ގޮތުން އެމްޑީޕީގެ ރިޔާސީ ޓިކެޓު އަރުވާނެ ބޭފުޅަކު ކަނޑައެޅުމަށް އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ފުރަތަމަ މަސައްކަތް ކުރީ އަންނަ މަހުއެވެ. ނަމަވެސް އެ މަހުގައި ސްކޫލް ޗުއްޓީ އޮންނާތީ ޕްރައިމަރީ ލަސްކުރި ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ އާ ތަރުޖަމާން އަދި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަނަސް އަބްދުއްސައްތާރު "ވަން" އަށް މިއަދު ވިދާޅުވި ގޮތުގައި, އަންނަ މަހު ރިޔާސީ ޕްރައިމަރީ ބާއްވަން ތާރީހެއް ކަނޑައަޅާފައެއް ނުވެއެވެ.

އޭނާ ވިދާޅުވި ގޮތުގައި, އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ދުވަހެއް, އިދާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު އިއުލާން ކުރައްވާނެއެވެ.

"ރިޔާސީ ޕްރައިމަރީ މި ބާއްވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި. އެހެންވީމަ ޕްރައިމަރީގައި ފޮށިތައް ބަހައްޓާނެ ތަންތަނާއި އަދަދުތައް ފައިނަލް ކުރަން ޖެހޭ. ޕްރައިމަރީ މި ބާއްވަނީ ސްކޫލްތަކާއި ޔޫތު ސެންޓަރުފަދަ ތަންތަނުގައި. އެތަންތަނުގެ އެވައިލަބިލިޓީ ބަލާނެ. އެފަދަ އިދާރީ ކަންކަމަށްފަހު ތާރީހެއް އިއުލާން ކުރާނީ" އަނަސް ވިދާޅުވިއެވެ.

އެމްޑީޕީން ރިޔާސީ ޕްރައިމަރީ ބޭއްވުމުގެ ތައްޔާރީތައް ވާން ފަށާފައިވާއިރު, އިދިކޮޅު މައި ޕާޓީ, ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކީ އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުالله ޔާމީން ކަމަށް ވަނީ ކަނޑައަޅައިފައެވެ. އެއީ ޕްރައިމަރީއަކާ ނުލައި, ކައުންސިލުން ނިންމައިގެންނެވެ.

ރިޔާސީ އިންތިހާބުގައި ދެން ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވަނީ ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުالله ޖާބިރާއި އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސިޔާމް މުހައްމަދެވެ.

އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޒިމުވެސް ވަނީ ވެރިކަމަށް ކުރިމަތިލައްވަން ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ. ނަމަވެސް އެ ޕާޓީގެ ރިޔާސީ ޓިކެޓް ދޭނެ މީހަކު ކަނޑަޅަން ނިންމާފައިވަނީ ޕްރައިމަރީއަކުންނެވެ. އެ ޕްރައިމަރީ ބާއްވަން ނިންމާފައިވަނީ އަންނަ ޖަނަވަރީ މަހުގެ 14 ވަނަ ދުވަހުއެވެ.